ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ ހަނިމާދޫގައި 46,466 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 18 މަގެއް ވަނީ ތާރުއަޅައިގެން ތަރައްގީ ކޮށްފައެވެ.

އެގޮތުން 16,518 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި 38,916 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމުގެ އިތުރުން 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

ނަމަވެސް އެކި ސަބަބުތަކާހުރެ ވަރަށް ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު 2019 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހަމަ އެ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އެ މަޝްރޫއަކީ 76.09 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

comment ކޮމެންޓް