މަކުނު ވިދުރި، ރާއްޖެއަށް އަތުވެދާނެ ހާލަތަކަށް އެސްޓީއޯ އިން ތައްޔާރުވާން ފަށައިފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު -- ސަންފޮޓޯ/ އަހްމަދު ސައީދު

ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް (މަކުނު ވިދުރި) ރާއްޖެއަށް އަތުވެދާނެ ހާލަތަކަށް އެސްޓީއޯއިން ތައްޔާރުވާން ފަށައިފިއެވެ.

ދުނިޔޭގެ ގައުމުތަކުގައި މަކުނު ވިދުރި، ޖެހޭ މީހުންގެ އަދަދު އިތުވަމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން މުޅި ދުނިޔޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް އަބްދުﷲ މުޙައްމަދު، "ސަން"އަށް ވިދާޅުވީ ރާއްޖެއަށް މަކުނު ވިދުރި އަތުވެދާނެތީ އެސްޓީއޯއިން ދުރާލާ، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން މަކުނު ވިދުރި ވެކްސިން ރާއްޖޭން ލިބޭނެ އިންތިޒާމް، ހަމަޖެއްސުމުގެ ގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިތުރުން ސަޕްލަޔަރުންނާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައްޔަށް ޓެސްޓު ކުރުމަށާއި ބަލި މީހުންނަށް ފަރުވާ ކުރުމަށް ޓަކައި ސިއްހީ އިދާރާ ތަކަށް ބޭނުންވެދާނެ ތެކެތި ދެނެގަނެ، އެތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ޖަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ބަލި ފެތުރުން ހުއްޓުވުމަށް. އެހެން ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅު ތަކަށް ބަލައި އަދި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަޅާފާނެ ފިޔަވަޅަކަށް ވިސްނާ އާއްމު ދިރިއުޅުށް ދަތިނުވާނެހެން މި ކުންފުނީގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު މި ދަނީ ރާވަމުން،" އަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެސްޓީއޯއިން ވަނީ އެކަމަށް ދުރާލާ ތައްޔާރުވެފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާނޭ ކާޑުގެ ބާވަތްތަކާއި މުދާ، އެތެރެކޮށް، ރައްޔިތުންނަށް ދަތިނުވެ، ލިބޭނެ އިންތިޒާމު ހަމަޖެއްސިއެވެ.

މަކުނު ވިދުރި އަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަނޑައެޅުމާ ގުޅިގެން އެޗްޕީއޭ އިން ބުނެފައިވަނީ ދުނިޔޭގެ ގައުމުތަކުގައި މަކުނު ވިދުރި ފެތުރެމުންދާ ހާލަތަށް ބަލައިއިރު، ރާއްޖެއަށް ވެސް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ބަލީގެ ހާލަތު މިވަގުތު އޮތްގޮތަށް ރިއާޔަތްކުރުމަށްފަހު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ދުނިޔޭގެ ނިސްބަތުން ބަލީގެ ނުރައްކާތެރިކަން މިވަގުތު އޮތީ މެދުމިނުގެ ރިސްކުގައި ކަމަށް ކަނޑައަޅާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް ބައްޔާ އަޅައި ބަލައިއިރު، މަކުނު ވިދުރި، މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށް ވުމުން މި ބަލި ފެތުރޭ ގޮތް ތަފާތުވާނެ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

މަކުނު ވިދުރި ފެތުރޭ ސަބަބު ދެނެގަތުމަށް މިހާތަނަށް ކުރި ދިރާސާއިން ދައްކާ ގޮތުގައި މި ބަލި އެންމެ ގިނައިން ފެތުރެނީ އެއް ޖިންސުން ގުޅުން ހިންގައި މީހުންގެ މެދުގައެވެ.

comment ކޮމެންޓް