ހުނޫ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފި

ފިލްމީތަރި ހުނޭސާ އާދަމް (ހުނޫ): އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ ---

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާ، ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ކްރިމިނަލް ކޯޓުން، ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ހުނޫ ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމުގައެވެ.

އެ ނިންމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ.

ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލުމަށް ކުރި އަމުރު ދައުލަތުގެ ފަރާތުން، ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް ކުރި އަމަރުގައި ވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާ ދިރިއުޅޭ ތަނަށް ނުވުމާއި، ފެނުނު ތަކެތީގެ ޒިންމާ އެހެން މީހަކު ފެށުނީއްސުރެ ނަގާފައިވާކަން ފާހަގަކޮށްފައެވެ. އަދި، އެ ތަކެއްޗާ ހުނޫއާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން ވެސް ކޯޓުން ފާހަގަ ކޮށްފައިވެއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނަ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލާގައެވެ.

ހުނޫގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ހުނޫ ބަންދުކޮށްފަ ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

އެ މައްސަލައިގައި ހުނޫގެ ލޯބިވެރިޔާއާއި އިތުރު އެހެން މީހަކަށް ވެސް ދައުވާކޮށްފައިވެއެވެ.

ހުނޫއަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އިންސްޓަގްރާމްގައި އޭނާގެ 25،000އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫ ހައްޔަރުކުރިއިރު ވެސް އޭނާ ދިޔައީ ބައެއް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް