ނަޝީދު ރައީސްގެ ދިފާއުގައި: ރަށްރަށަށް ވަޑައިގެން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވާ ކޮންމެ ކަމަކީ ވައުދެއް ނޫން

އޮކްޓޯބަރު 24، 2021: ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ކެމްޕެއިންގައި ރަށްރަށަށް ވަޑައިގެން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ކޮންމެ ކަމަކީ ވައުދެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ވަނީ އެ ދާއިރާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަންކަމާ ގުޅޭގޮތުން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާ ސުވާލު ކުރައްވާފައެވެ.

މިނިސްޓަރު އަސްލަމް އެ ސުވާލަށް ޖަވާބުދެއްވުމުގެ ކުރިން ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދުތަކަކީ އެ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުން ވިދާޅުވޭ، އެވެނި ރަށަކަށް މިވެނި ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވި ކަމަށް. އެއީ ވައުދެއް ކަމަށް. އެހެން ނަމަވެސް އަަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާން މިޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު ރައީސް ނަޝީދު ވަނީ އެ ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް ފުރުސަތު ދެއްވާފައެވެ. މެމްބަރު އާމިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސް ވައުދުވެވަޑައިގެން ކަމަށް ވިދާޅުވި ކަަންކަމުގެ ލިސްޓެއް ނެތް ކަމަށެވެ.

"އެހެންވީމާ ތިޔަ ވިދާޅުވި ބަސްފުޅަށް ސީދާ ޖަވާބެއް ދޭކަށެއް އަޅުގަނޑަކަށް ނޭނގޭ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަދައްވާފައިވާއިރު އެމްޑީޕީގައި މިހާރު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދި، ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަނަކާއި ރައީސް ޞާލިޙަށް ތާއީދު ކުރާ ފެކްޝަނެއް އުފެދިފައެވެ.

އެގޮތުން މިދިޔަ މެއި މަހު އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވި އިރާއި ކޮންގްރެސްއާ ދިމާކޮށް ވެސް ދެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ.

comment ކޮމެންޓް