މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީގެ ޚިދުމަތް ފަށައިފި

މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީ ސާވިސް އިފްތިތާހު ކުރުމުގެ ތެރެއިން --- ފޮޓޯ/ ސިޓީ ކައުންސިލު

މާލެ އާއި ވިލިމާލެ މޮނިޓާ ކުރުމަށްޓަކައި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން ހިންގާ ސްޕެޝިއަލް ކޮންސްޓެބިއުލަރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދު އެ ޚިދުމަތް ފަށާފައިވަނީ މިދިޔަ ހަފްތާގައި ފެށި އޮރިއެންޓޭޝަން ސެޝަންތަށް ނިންމާލުމަށްފަހުކަމަށެވެ.

އޭގެ އެންމެ ފަހު ސެޝަންތައް ބާއްވާފައިވަނީ ރޭ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ.

ސްޕެޝަލް ކޮންސްޓެބިއުލަރީ ޚިދުމަތުގައި 40 ފުލުހުން ހަރަކާތްތެރިވާއިރު މިއަދު އެ ޚިދުމަތް ދޭން ފަށާފައިވަނީ އެ ފުލުހުން ތަމްރީނުކުރުމަށްފަހު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

އެ ޚިދުމަތް ފެށުމާ ގުޅިގެން ފުލުންގެ ފަރާތުން ހަވާލުވެގެން ހުންނެވި އިންސްޕެކްޓަރު މުހައްމަދު ލުތުފީ ވިދާޅުވީ އެ މައްސަކަތަކީ ކުރިންވެސް ފުލުހުން އިސްވެ ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށާއި ނަމަވެސް އެ ކަމަކީ އެކި ސަބަބުތަކާ ހުރެ މެދުކެނޑިފައި އޮތް މުހިއްމު މަސަކަތެއް ކަމަށެވެ.

ލުތުފީ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އިސްވެ އެ މަސައްކަތް އަނެއްކާވެސް ކުރަން ފުލުހުންނަށް ހުށަހެޅުމަކީ ވަރަށް ވެސް ބޮޑު ލުއި ފަސޭހަތަކެއް ފުލުންނަށާއި އާންމުނަށް ވެސް ލިބޭނެ ކަމެއް ކަމަށެވެ.

އެ ޚިދުމަތުގެ ދަށުން ކަންކަން ބެލުމަށްފަހު މަގުމަތީގައި އުޅޭމީހުންނަށް އުނދަގޫވެ ނުރައްކާވާގޮތަށް ހަދާ އިމާރާތް ތަކާއި އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި ބެލްކަނީތަކުގަ އާއި ގޭގޭ ފާރުމަތީގައި ތަކެތި ބަހައްޓައިފި ނަމަ ފިޔަވަޅު އަޅާނެއެވެ.

ހަމައެއާއެކު، ރައްޔިތުންނަށް އުނދަގޫ ފޯރާގޮތަށް އާއްމު ތަންތަނުގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކޮށް އަދި މާލޭ ސިޓީގެ ޕާކްތަކުގައި ކުރުން މަނާކަމަށް އެތަންތަނުގައި އާއްމުކޮށްފައިވާފަދަ އަމަލުކުތައް ކުރުމުން ފިޔަވަޅުއެޅުން ސްޕެޝަލް ކޮންސްޓެބިއުލަރީ ޚިދުމަތުގެ ތެރޭގައި ހިމެނެއެވެ.

މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި އެ ޚިދުމަތް ދިނުމަށްޓަކައި މާލެސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އެ ޚިދުމަތް އިފްތިތާޙު ކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި މި އަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

comment ކޮމެންޓް