ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތު ތަކަށް ދުނިޔޭގެ އިތުބާރު އެބައޮތް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިޤުތިޞާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަކަށް ދުނިޔޭގެ މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުން މަރުހަބާ ކިޔުމާ ގުޅިގެންނެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިޤުތިޞާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ. އަދި މިއީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

2023-2025 ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިޤުތިޞާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ޓަކައި އާމްދަނީ އިތުރުކުރުމަށާއި ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް ވަނީ އެކަށައަޅާފައެވެ. އަދި މި ފިޔަވަޅުތަކާ ގުޅޭ ގޮތުން ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކާ ހިއްސާކުރެވިފައިވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އައިއެމްއެފް އަދި ވޯލްޑް ބޭންކުން ވެސް ފާހަގަކޮށްފައިވާ ފަދައިން އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއި ޚަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖަޢާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިޤުތިޞާދީ މިންގަނޑުތައް ރަނގަޅު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން އިޤުތިޞާދު އަދި ފިސްކަލް ކަންކަން މެނޭޖްކުރަމުންދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާ ލަފާގެ މަތިން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"އެގޮތުން ކޮވިޑާއެކު ދިމާވި އިޤުތިޞާދީ ކާރިސާ މެނޭޖްކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާމެދު އެ ފަރާތްތަކުގެ ރުހުމާއި ތާއީދު ރާއްޖެއަށް ލިބިފައިވޭ،" އަމީރު ވިދާޅުވިއެވެ. އަދި

އެމަނިކުފާނު ވިދާޅުވީ މުސްތަޤުބަލުގައި ވެސް، ރާއްޖެއިން އިޤުތިޞާދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން، ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާއެކީގައި ކަމަށެވެ.

comment ކޮމެންޓް