މަކުނުވިދުރިއަށް ޓެސްޓުކުރަން 250 ކިޓް ހަދިޔާކޮށްފި

މަކުނުވިދުރިއަށް ޓެސްޓުކުރުމަށް 250 ޓެސްޓު ކިޓް ރާއްޖެއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ހެލްތު މިނިސްޓްރީ

މަކުނުވިދުރިއަށް ޓެސްޓުކުރުމަށް 250 ޓެސްޓު ކިޓް, ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މަކުނުވިދުރި ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ޑަބްލިއުއެޗްއޯ އިން ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއިން އަންނަނީ މަކުނުވިދުރިއަށް ޝައްކުކުރެވޭ ކޭސްތަކަށް "ރެސްޕޮންޑު"ކުރަމުން ކަމަށެވެ. އަދި ރާއްޖެއަކީ އެ ކޭސްތައް ބަލައި، ކޮންޓެކްޓް ޓްރޭސިންނާއި ޓެސްޓިން އަދި ރިސްކް ކޮމިއުނިކޭޝަންސްގެ ކެޕޭސިޓީ ލިބިފައިވާ ގައުމެއް ކަމަށް ބުންޏެވެ.

މިއަދު ޑަބްލިއުއެޗްއޯގެ ފަރާތުން މަކުނުވިދުރިއަށް ޓެސްޓުކުރުމަށް 250 ޓެސްޓުކިޓް ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު ހެލްތު މިނިސްޓްރީން ބުނީ އެކަމަށް ޝުކުރުވެރިވާކަމަށެވެ.

ޑަބްލިއުއޯއެޗް އާއެކު އިތުރު ޓެސްޓް ކިޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށާއި އަދި އަންނަ ހަފުތާގެ ތެރޭގައި އިތުރު ޓެސްޓު ކިޓުތަކެއް ލިބޭނެކަމަށްވެސް ހެލްތު މިނިސްޓްރީ ބުންޏެވެ.

މިނިސްޓްރީން ބުނީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ލެބޯޓްރީގެ މުވައްޒަފުންނަށް މަންކީޕޮކްސް ޕީސީއާރު ހެދުމުގެ ތަމްރީނުތައް މާދަމާ ވާޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ ތަމްރީނުގައި ބޮޑެތި ލެބުތަކުގެ ބައިވެރިން ބައިވެރިވާނެއެވެ.

އެ ތަމްރީނަށްފަހު ވަރަށް އަވަހަށް ރާއްޖެއިން މަކުނުވިދުރިއަށް ޓެސްޓު ކުރެވެން ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް