ނިއުދިއްލީ (30 ޖުލައި 2022) : އިލްމީ ދިރާސާތައް ކުރާ ޗައިނާގެ ކަނޑުގެ އުޅަނދެއް ސްރީލަންކާއަށް ދާތީ އިންޑިއާ ކަންބޮޑުވެ އިންޑިއާއިން ޗައިނާއަށް އިންޒާރެއް ދީފިއެވެ.
ޗައިނާގެ ދިރާސާ އުޅަނދަށް އިޝާރާތް ކުރައްވައި އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ އިންޑިޔާގެ ޖިއޮ ސްރެޓީޖިކް ސަރަހައްދުތައް ގަނޑުބަޑުކުރަން އެއްވެސް ގައުމަކުން އުޅެގެން ނުވާނެކަމަށާ އެކަމަށް އިންޑިއާ އޮންނާނީ ފިސާރި ސަމާލުވެގެންނެވެ. އަދި އިންޑިއާގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އިންޑިއާ އަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިޔާގެ ތަރުޖަމާނުގެ ވާހަކަފުޅުގައި ޗައިނާއަށް ސީދާ ގޮތެއްގައި އިޝާރާތް ނުކުރެއްވި ނަމަވެސް މިއީ ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ވަންނަމުންދާ ކަނޑު ތަހްލީލުކުރާ (ކަނޑުގެ ދިރާސާތައްކުރާ) ޗައިނާގެ އުޅަނދުން ކުރާނެކަމަށް ބެލެވޭ ދިރާސާ މަސައްކަތްތަކާ މެދު އިންޑިއާ ހިތްހަމަނުޖެހޭ މިންވަރު ހާމަކުރުމުގެ ގޮތުން ދެއްކެވި ވާހަކައެއް ކަމަށް ވަނީ ބެލެވިފައެވެ.

ކަނޑުގެ ދިރާސާތައް ކުރާ ޗައިނާގެ އުޅަނދެއް
ކަނޑު ތަހްލީލުކުރާ ޗައިނާގެ އުޅަނދުން ކުރަން ހަމަޖެހިފައިވާ ދިރާސާތަކުގެ ތެރޭގައި އިންޑިޔާ ކަނޑު ހުޅަނގާއި އިރުމަތީގެ އެކިސަރަހައްދުތަކުގެ ބިމު އަޑީގެ ޖިއޮލޮޖިކަލް ސާވޭތަކާއި އޯޝަނޮގްރަފީ އާ ބެހޭ ދިރާސާތައް ހިމެނެއެވެ.
ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރުގައި ޗައިނާގެ ދިރާސީ އުޅަނދު މަޑުކުރިނަމަވެސް އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކަށް އެ އުޅަނދު ގޮސް ތަހުލީލުތަކާއި ދިރާސާތައް ކުރާނެއެވެ. މި ދިރާސާތަކުގެ މަރުކަޒެއްގެ ގޮތުގައި ޗައިނާ ބޭނުން ކުރާނީ ހަންބަންޓޯޓާގެ ބަނދަރުކަމަށް އިންޑިއާ ދެކެއެވެ.
"ޔުއާން ވަންގް 5 " ގެ ނަން ދީފައިވާ ކަނޑު ތަހުލީލުކުރާ މިއުޅަނދު މިހާރު ސްރީލަންކާއާ ދިމާއަށް ދަތުރުކުރާއިރު އެއުޅަނދު ހަމްބަންޓޯޓާ ބަނދަރުގައި މަޑުކުރާ ގޮތަށް އޮތީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ. ޗައިނާގެ އުޅަނދުން މި ދިރާސާތައް ކުރަނީ ޗައިނާއާއި ސްރީލަންކާ ގުޅިގެން އުފައްދާފައިވާ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ "ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް ސްރީލަންކާ" (ބީ.އާރު.އައި.އެސް) އާ ވެސް ގުޅިގެންނެވެ. ޗައިނާގެ އުޅަނދުގައި ކަމާބެހޭ ގިނަ އާލާތްތަކާއި ސައެންސްވެރިންނާއި އިންޖިނޭރުން ތިބިކަމަށްވެއެވެ.

ޗައިނާގެ ލޯނުގައި ސްރީލަންކާގެ ހަމްބަންޓޯޓާ ގައި ބިނާކޮށްފައިވާ ކަނޑުގެ ބަނދަރު
އިންޑިއާ ކަނޑަކީ އިންޑިއާގެ އިތުރުން ޗައިނާ، ޕާކިސްތާން، އީރާން، އަދި އެމެރިކާ އާއި އެނޫންވެސް ނިއުކްލިޔާ ބާރުތަކަކުން ވަރަށް ބޮޑަށް ސަމާލުކަންދޭ އަދި އެ ގައުމުތަކުގެ އަސްކަރީ އަދި އިގްތިސާދީ މަސްލަހަތުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ބިޔަ ކަނޑެކެވެ.
އިންޑިއާ ކަނޑުގެ މެދެއްހާ ހިސާބުގައި އޮންނަ ޗާގޯސް ޖަޒީރާތަކުގައި (ފޯޅަވަހީގައި) އެމެރިކާވަނީ އަސްކަރީ ބޭހެއް ގާއިމްކޮށްފައެވެ. ނަމަވެސް އެމެރިކާއަކީ އިންޑިއާ ކަނޑާ އެތައް ހާސް މޭލެއްގެ ދުރުގައިވާ ގައުމެކެވެ. ޗާގޯސް ޖަޒީރާތަކުގައި އެމެރިކާ ގާއިމްކޮށްފައިވާ އަސްކަރީ ބޭހަށް ޗައިނާއާއި އިންޑިއާ އަދި އީރާން ވެސް ލޯއަޅަމުން ގެންދެއެވެ.
އިންޑިއާ ކަނޑުގެ ބައިނަލްއަގުވާމީ ސަރަހައްދުތަކުގައި އެއްވެސް ގައުމަކުން ކުރާ މަސައްކަތަކާ ދެކޮޅަށް ނޫނީ ކުރާ އިލްމީ ދިރާސާއަކާ ދެކޮޅަށް އެއްވެސް ގައުމަކަށް ފިޔަވަޅެއް ނޭޅޭނެއެވެ. އަދި ކުރެވޭނެ ކަމެއްވެސް ނޯންނާނެއެވެ. ސަބަބަކީ ބައިނަލްއަގްވާމީ ސަރަހައްދުތަކުގައި މިފަދަ ކަންކަން ކުރުމުގެ ހައްގަކީ ހުރިހާ ގައުމުތަކަކަށް ވެސް ލިބިފައިވާ ހައްގަކަށް ވާތީއެވެ.
ސްރީލަންކާއަށްދާ ޗައިނާގެ ދިރާސާ އުޅަނދުގެ ދަތުރާއި އެ އުޅަނދުގެ މަސައްކަތްތަކާ ބެހޭ ގޮތުން ޗައިނާ ވެސް އަދި ސްރީލަންކާ ވެސް ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް ނަން ހާމަކުރަން ނޭދޭ ސްރީލަންކާ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ޗައިނާގެ ދިރާސާ އުޅަނދު ސްރީލަންކާއަށް ޒިޔާރަތް ކުރާތީއާ އަދި އެ އުޅަނދުގެ މަސައްކަތްތަކަށް ސްރީލަންކާ ސަރުކާރުން އެއްބާރުލުން ދޭތީ އިންޑިއާ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި ސްރީލަންކާގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމޭޓުން މިކަމާމެދު ނުސީދާ ގޮތެއްގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ވެސް ސްރީލަންކާގެ މަސްއޫލުވެރިޔާ ވަނީ ހާމަ ކުރައްވާފައެވެ. ނަމަވެސް ސްރީލަންކާއަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވާތީ ސްރީލަންކާ ބޭނުންވާ ގައުމުތަކަށް އެ ގައުމުން އެއްބާރުލުން ދޭނެއެވެ. އަދި އެހީތެރިވެސް ވާނެއެވެ.

ޗާގޯސް ޖަޒީރާތައް ނުވަތަ ފޯޅަވަހީގައި އެމެރިކާ ގާއިމްކޮށްފައިވާ އަސްކަރީ ބޭސް
ސްރީލަންކާގެ ދެކުނުގައިވާ ހަމްބަންޓޯޓާ ސަރަހައްދުގެ ކަނޑުގެ ބަނދަރަކީ ޗައިނާއިން ސްރީލަންކާއަށް ދިން ލޯނެއްގެ ދަށުން ޗައިނާގެ ކުންފުނިތަކުން ބިނާކޮށްފައިވާ ވަރަށް ފެންވަރު ރަނގަޅު ބަނދަރެކެވެ. ޗައިނާއިން އެ ބަނދަރު ބިނާކުރީ ޗައިނާއާއި ދުނިޔޭގެ ގައުމުތައް އެއްގަމާއި ކަނޑުގެ މަގުން ގުޅާލުމަށް ޗައިނާ ކުރިޔަށްގެންދާ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ ދަށުންނެވެ.
އެ ބަނދަރު ބިނާކުރަން ޗައިނާއިން 1.5 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ބަނދަރު ބިނާކުރުމަށް ޗައިނާއިން ނެގި ލޯނު އަދާކުރަން (އެކި ސަބަބުތަކާ ގުޅިގެން) 2017 ވަނަ އަހަރު ސްރީލަންކާ ނުކުޅެދުމުން ސްރީލަންކާ ސަރުކާރުންވަނީ 2017 ވަނައަހަރު އެ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފައެވެ.
މިހާރު އެ ބަނދަރު ހިންގައި އޮޕަރޭޓް ކުރަނީ ޗައިނާއިންނެވެ. އިންޑިއާ މިކަމާވަރަށް ބޮޑަށް ހިތްހަމަނުޖެހެއެވެ. އިންޑިއާ ގެންދަނީ ޗައިނާއިން އެތަނުގެ ބޭނުން އަސްކަރީގޮތުން ހިފާފަނެކަމަށް ބުނެ އެކިއަޑުތައް އަރުވަމުންނެވެ. މިގޮތުން ޗައިނާއިން ހަމްބަންޓޯޓާ ބަނދަރު އަސްކަރީ މަރުކަޒަކަށް ހަދާފަނެކަމަށް ބުނެވެސް އިންޑިއާ ވާހަކަތައް ފަތުރަމުން ގެންދެއެވެ. ޗައިނާ ބުނާގޮތުން މިއީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ. މިފަދަ ވާހަކަތައް ފަތުރަން އިންޑިއާއަށް ހިއްވަރުދެނީ އެމެރިކާ ކަމަށްވެސް ޗައިނާ ތުހުމަތު ކުރެއެވެ.
އެމެރިކާއަކީ ވެސް ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ ދަށަށް ދިޔުމުން ކަންބޮޑުވާކަން ހާމަކުރި ގައުމެކެވެ. ނަމަވެސް އެމެރިކާއާ އެތައް ހާސް ކިލޯމީޓަރެއްގެ ދުރުގައި އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ޖަޒީރާތަކުގައި އެމެރިކާ ބޮޑު އަސްކަރީ ބޭހަކާއި އަސްކަރީ މަރުކަޒެއް ގާއިމްކޮށް އެތަނުގެ ބޭނުން އަސްކަރީ ގޮތުން ހިފަމުންގެންދާއިރު ޗައިނާއާއި އިންޑިއާ ކަންބޮޑުވާން ޖެހޭނެ ކަމަކަށް އެމެރިކާ ގަބޫލެއް ނުކުރެއެވެ.
ޗާގޯސް (ފޯޅަވަހި) ޖަޒީރާ ތަކަކީ އިނގިރޭސީންގެ އިސްތިއުމާރީ ޒަމާނުގައި ގަދަބާރުން ފޭރިގެންފައިވާ ޖަޒީރާތަކެކެވެ. އެމެރިކާ އުޅެނީ އިންޑިއާ ކަނޑަށާ އަދި އޭޝިއާ ޕެސިފިކް ސަރަހައްދަށް ހަންފެތުމަށްޓަކައި އެ ޖަޒީރާތައް އިނގިރޭސީންގެ އަތުން ދިގުމުއްދަތަކަށް ކުއްޔަށް ހިފައިގެންނެވެ.