މަޖިލީހުގެ ރައީސްގެ ޝަރުތުތައް ނަޝީދުގެ ކިބައިގައި މިހާރު ނެތް: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް: އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ ޝަރުތުތައް ނަޝީދުގެ ކިބައިގައި މިހާރު ނެތް ކަމަށް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކިބައިގައި މިހާރު ނެތް ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ އެފަދަ އަސާސެއް ނެތް ތުހުމަތުތައް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.

"މީހުންގެ އަގުވައްޓާލަން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ދެއްކެވުމަކީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" ރޮޒެއިނާ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ކޮއްކޮ ހައްޔަރުކުރުމުން އޭނާގެ ދިފާއުގައި ނުކުންނަވަން ބޭނުން ކަމުގައި ވާނަމަ، ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައިގެން "އެގޮތަށް" ނުކުމެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ކޮންމެ މީހަކު ވިޔަސް، މިއީ އިސްލާމީ ގައުމެއްގަ މި ގައުމުގަ ހުންނަ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރާނީ. ވަކި މީހެއްގެ ކޮއްކޮތޯ، ބޭބެތޯ، އެހެންމީހެއްތޯ ބަލާފައެއް ނޫން އަމަލު ކުރަން ޖެހޭނީކީއެއް،" ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމީ މަޖިލީހުގެ ގުރޫޕުގައި ރައީސް ޞާލިހު އަންހެން ކުއްޖަކާއެކު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ލިބިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެ ފޮޓޯތައް އެ ގުރޫޕަށް ހިއްސާކުރުމަށް އެދުނު ކަމަށާއި، ނަމަވެސް ރައީސް ނަޝީދަށް އެކަން ނުކުރެއްވުނު ކަމަށެވެ. އެކަމުން ވެސް އެ ތުހުމަތުތަކުގައި އަސާސެއް ނެތް ކަން އެނގޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިސްލާމީ ގައުމެއްގެ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު އަމަލު ކުރައްވަން ޖެހޭ ގޮތައް ކަމަށް އެބޭފުޅާ [ރައީސް ނަޝީދު] އަމަލު ކުރައްވަނީ،" ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ހަވީރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ކުރެއްވި މެސެޖެއްގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުގެ ފޯނުން ރޮޒައިނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްގެ ވީޑިއޯއެއް ފެނުނު ކަމަށް ބުނާ ޓްވީޓެއް ހިއްސާ ކުރެއްވުމަށް ފަހު އެއީ ތެދެއްތޯ ސުވާލު ކުރައްވާފައިވެއެވެ.

މީގެ އިތުރުން "ފޮޓޯ ހުރި އެންމެން ހިމާޔަތް ކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ" ރައީސް ޞާލިހުގެ އަރިހުން ސުވާލުކުރަން ބޭނުންވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއަށްފަހު، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު އަންހެން ކުއްޖަކާއެކު ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް ލިބިފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހުންނަށް ލިބިފައިވޭތޯ އެމަނިކުފާނު ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެ އަންހެންކުއްޖާ އަކީ ވަރަށް ގާތް އާއިލީ ރައްޓެއްސެއްގެ ދަރިއެއްކަމަށް ބެލެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ރައީސް ނަޝީދުގެ ޖަޒުބާތުތައް އެނގިލައްވާކަމަށާއި، ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އެފަދަ އަސާސެއްނެތް ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސް ކުރައްވާފައެވެ.

ޖަވާބުގައި ނަޝީދު ވަނީ އެއީ އަސާސެއް ނެތް ތުހުމަތެއްތޯ ބައްލަވަން ބޭނުންތޯ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑަށް ނަސޭހަތް ދޭކަށް ފަޔާ އަކަށް ނުޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ފޮޓޯތަކެއް ރައީސް ނަޝީދުގެ އަތުގައި ހުރިނަމަ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމަށް ފައްޔާޒް ވަނީ އެމަނިކުފާނު އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް އަދިވެސް ރައީސް ނަޝީދު އެފަދަ މައްސަލައެއް ފުލުސް އޮފީހަށް ހުށަނާޅުއްވައެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނާޝިޒް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މީހުން މިހާރު އެންމެނަށް ފެނިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ދައްކަވާ ވާހަކަތައް ގަބޫލުކުރާނެ މީހަކު ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތިޔަ ހަދާ ދޮގު ތަކާއި ތިޔަ އަނބުރާ ގޭސްތައް އަޑުއަހާނެ މީހަކު ނެތް،" ނާޝިޒް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯއެއް ލީކުވީ މައްސަލައިގައި ރައީސް ނަޝީދުގެ ކޮއްކޮ އަދި، ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު އިއްޔެ ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެއީ ސިޔާސީ މަގުސަދެއްގައި، ޖިނާއީ އިޖުރާއަތުތަކާ ހިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް