ރަޝިއާއާ ދެކޮޅަށް ޔޫރަޕްގައި އޮތް އެއްބައިވަންތަކަން ގެއްލި ޔޫރަޕްގެ ގައުމުތައް ބައިބައިވަނީ

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި ޔޫރަޕްގެ ގައުމުތަކުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި ޔޫރަޕްގެ ކޭންޕް ބައިބައިވެދާނެ ކަމުގެ އިންޒާރު ޖަރުމަނުން މިހާރުވަނީ ދީފައެވެ.

ޖަރުމަނުގެ ރައީސް ފްރަންކް ވޯލްޓާ ޗެއިންމާރު އިއްޔެ ވިދާޅުވިގޮތުގައި ޔޫރަޕް ބައިބައިކުރަން ރަޝިއާ ކުރާ މަސައްކަތް ކާމިޔާބު ވެދާނެކަމުގެ ބިރުވެރި މަންޒަރު މިހާރުވަނީ ފެންނަން ފަށާފައެވެ. ޗެއިންމާރު ވިދާޅުވިގޮތުގައި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕަށް ކިތަންމެ ބޮޑުގެއްލުމެއް ލިބި ދަތިތައް ތަހައްމަލު ކުރަންޖެހުނުނަމަވެސް ރަޝިއާގެ ކުރިމަތީގައި ޔޫރަޕް ކުޑަކަކޫ ޖަހައިގެން ނުވާނެއެވެ.

ޖަރުމަނުގެ ރައީސް ފްރަންކް ވޯލްޓާ ޗެއިންމާރު

ޗެއިންމާރު ވިދާޅުވިގޮތުގައި ޔޫރަޕްގެ ބަލިފަޔަކީ ތެލާއި ގޭހެވެ. ޖަރުމަނަށް ބޭނުންވާ ގޭހުގެ 60 އިންސައްތަ އިންޕޯޓްކުރަނީ ރަޝިއާއިންނެވެ. ނަމަވެސް ރަޝިއާ މިހާރު ގެންދަނީ ބަދަލުހިފުމުގެ ގޮތުން ތެލާއި ގޭސް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ޔޫރަޕާ ދެކޮޅަށް ބޭނުންކުރަމުން ކަމަށާއި ޔޫރަޕްގެ ބަލިފައިގައި ތަކުރާރުކޮށް ޖަހަން ފެށުމުން ޔޫރަޕްގެ ގައުމުތައް ބައިބައި ވެގެންދާނެކަން ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އަށް އެނގިވަޑައިގަންނަވާ ކަމަށް ޗެއިންމާރު ވިދާޅުވިއެވެ.

ޗެއިންމާރު ވިދާޅުވިގޮތުގައި އޭނާ މިހާރު ކުރައްވަމުން ގެންދަވަނީ އެކަންތައްތަކެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް ފުލުފުލުގައި އެޅީ ކުރުމުއްދަތެއްގެ ތެރޭގައި ރަޝިއާ އިގްތިސާދީ ގޮތުން އިނދަ ޖައްސާލައި ހަނގުރާމަ ހުއްޓާލައި ބަލި ގަބޫލުކޮށް ހަނގުރާމައިގެ މައިދާނުން ފިލަން ރަޝިއާއަށް މަޖްބޫރުވާނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ކަންތައް ދިޔައީ ޔޫރަޕާއި އެމެރިކާގެ ވެރިން އަންދާޒާ ކުރެއްވި ގޮތަކަށް ނޫނެވެ. އެއާ ދިމާ އިދިކޮޅަށެވެ.

އެމެރިކާއާއި ޔޫރަޕުން ދަތިކުރުމުގެ 70 ހާހަށްވުރެ ގިނަ ފިޔަވަޅުތައް ރަޝިއާ ދެކޮޅަށް އެޅި ނަމަވެސް ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖެހޭގޮތެއް ނުވިއެވެ. މިކަންނުވީ ދުނިޔޭގެ އެހެން އިގްތިސާދީ ބާރުތައް ކަމަށްވާ ޗައިނާއާއި އިންޑިއާ އަދި ބްރެޒީލްއާއި ދެކުނު އެފްރިކާ ފަދަ ގައުމުތަކުގެ އެއްބާރުލުން އެމެރިކާއާއި ޔޫރަޕަށް ނުލިބުމުންނެވެ.

މީގެއިތުރުން ދުނިޔޭގެ އެހެންގައުމުތައްވެސް އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދައި ރަޝިއާ އިގްތިސާދީ ގޮތުން މުއާމަލާތް ކުރަމުން ދިޔުމުގެ ސަބަބުންނެވެ.

ރަޝިއާއިން ޔޫރަޕަށް އަޅާފައިވާ ގޭސް ހޮޅިތަކުގެ ތެރެއިން ހޮޅިއެއް

ނަތީޖާއަކަށްވީ ޔޫރަޕުން ރަޝިއާގެ ތެލާއި ގޭހަށް ބަރޯސާވެފައިވާ މިންވަރާއި އެއީ ޔޫރަޕްގެ ބަލިފައިކަމާއި އަދި ރަޝިއާ ފިޔަވައި ތެލާއި ގޭސް (ޚާއްސަކޮށް ގޭސް) ހޯދޭނެ އެހެންގޮތެއް ކުރިޔަށް އޮތް ފަސްވަރަކަށް އަހަރު ތެރޭގައި ވެސް ޔޫރަޕަށް ނޯންނާނެކަން ރަޝިއާއަށް އެނގި ރަޝިއާއިން ޔޫރަޕާ ދެކޮޅަށް ބަދަލުހިފާ ހަތިޔާރެއްގެ ގޮތުގައި ގޭސް ބޭނުންކުރަން ފެށުމެވެ.

ރަޝިއާ މިހާރު ގެންދަނީ ޔޫރަޕަށް ފޮނުވާ ގޭހުގެ މިންވަރަށް ހިތުހުރި ގޮތެއް ހަދަމުންނެވެ. އެއްބައިފަހަރު ދުވަސްކޮޅަކަށް ކަނޑާލައެވެ. އަނެއްބައި ފަހަރު ގޭސް ފޮނުވާވަރު އިންތިހާއަށް މަދުކޮށްލައެވެ. ރަޝިއާ މިހާރުވަނީ ޔޫރަޕްގެ ވެރިންގެ ހިތުގައި ޖައްސާ ހިތަށް އަސަރުކުރާގޮތަކަށް ހީލަތްތެރިކަމާއެކު މިކަން ކުރަންފަށާފައެވެ.

މިކަމުގެ ސަބަބުން ކުރިއަށް އޮތް ފިނިމޫސުމަށް ބޭނުންވާވަރަށް ގޭސް ނުލިބި ފިނަގަދަވެގެން ޔޫރަޕްގެ ގައުތައް ގަނޑުވެ އެތައް ހާސްބަޔަކު ފިނިން މަރުވާހިސާބަށް ކަންތައް ގޮސްފާނެކަމުގެ ބިރު ޔޫރަޕްގެ ގިނަ ގައުމުތައްވަނީ އިހްސާސް ކުރަން ފަށާފައެވެ. މިފަދަ ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި އިޓަލީއާއި ހަންގެރީ ފަދަގައުމުތައް ހިމެނެއެވެ.

ރަޝިއާއިން މިގޮތަށް ކަންތައްކުރަން ފަށާފައިވާތީ ޔޫރަޕާއި އެމެރިކާގެ ލީޑަރުންވަނީ ރަޝިއާއިން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ގޭސް ބޭނުންކުރާކަމަށް ވިދާޅުވެ ރަޝިއާއަށް ފާޑުކިޔައި ބަހުގެ ހަމަލާތައްދީ ކަންބޮޑުވާކަން ހާމަކޮށް އެކަން ނުކުރުމަށް ގޮވާލާފައެވެ.

ރައްދުގައި ރަޝިއާއިން ވަނީ ހުޅަނގުން ވެސް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިއާ އާ ދެކޮޅަށް އަޅާފައިވާކަން ހަނދާންކޮށް ދީފައެވެ. މިއާއެކު މައްސަލަ ހައްލުކުރުމަށްޓަކައި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ނޭޓޯގެ ސަބަބުން ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ މައްސަލަ އަށް އިއުތިރާފްވެ އެމައްސަލަ ހައްލުކުރުމަށްޓަކައި ވާހަކަ ދެއްކުމަށް ރަޝިއާ ވަނީ އެމެރިކާއާއި ޔޫރަޕަށް ގޮވާލާފައެވެ.

ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ގިނަ ލީޑަރުންގެ ވިސްނުން އަދިވެސް ހުރީ ޔޫކްރެއިން އަށް ހަތިޔާރު ދީގެން ރަޝިއާ ބަލިކޮށްލުމަށެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ރަޝިއާ އިނދަޖައްސާލުމަށެވެ. ރަޝިއާ ވާހަކަދައްކައިގެން ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް ޔުކްރެއިން އަށް ބާރު އަޅާގޮތަކަށް ނޫނެވެ.

ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމުގައި ރަޝިއާ ގެންގުޅޭ ސިޔާސަތުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފެދެމުންދާކަމުގެ އިންޒާރު ޖަރުމަނުގެ ރައީސް ފްރަންކް ވޯލްޓާ ޗެއިންމާރު ދެއްވިއިރު ރަޝިއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުގައި ޔޫރަޕްގެ ގައުމުތަކަށާއި އަދި އެމެރިކާއަށް ކުރާ ނޭދެވޭ އަސަރު ކުޑަނޫންކަމަށް އިގްތިސާދީ ރިޕޯޓްތައް ބުނެއެވެ.

ރަޝިއާގެ ރައީސް ވްލަޑީމީރު ޕޫޓިން

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޔޫރަޕާއި އެމެރިކާގައިވަނީ އިންތިހާއަށް ތަކެތީގެ އަގުތައް ބޮޑުވެފައެވެ. އާންމުންގެ އަތްމަތި ދަތިވެ އާންމު ދިރިއުޅުމަށްވަނީ ދަތިވެ ފައެވެ. އަދި ޔޫރަޕްގެ އާންމުންވަނީ ކުރިއަށް އޮތް ފިނި މޫސުމުގައި ގޭސް ނުލިބިދާނެކަމުގެ ބިރުވެސް އިހުސާސް ކުރަންފަށާފައެވެ. މިކަން އެންމެ ބޮޑަށް ދިމާވަނީ ތެލާއި ގޭހުގެ އަގުބޮޑުވުމުގެ ސަބަބުންނާއި ރަޝިއާއިން ގޭސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ މަންޒަރު ފެންނާތީއެވެ.

މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޔޫރަޕްގެ އެތައް ގައުމެއްގައި މިހާރު އާންމު ރައްޔިތުންވަނީ އެގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ތެދުވާން ފަށާފައެވެ. އިގްތިސާދީ ދަތިތަކާ ގުޅިގެން މިދިޔަ ހަފްތާގައި އިޓަލީގެ ބޮޑުވަޒީރުވަނީ އިސްތިއުފާ ދެއްވާފައެވެ. އިޓަލީގެ ސަރުކާރުވަނީ ވެއްޓިފައެވެ.

އިޓަލީގައި ސަރުކާރު ވެއްޓިފައިވާއިރު ފަރަންސޭސި ރައީސް އަށްވަނީ އޭނާގެ ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލުމުގެ ސަބަބުން ވެރިކަންކުރަން ވަރަށް ބޮޑަށް ދަތިވެފައެވެ. އަނެއްކޮޅުން އިރުމަތީ ޔޫރަޕްގެ ގައުމެއްކަމަށްވާ ހަންގޭރީގެ ރައީސް ވަނީ ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެގައުމު ބޯ ނުލަނބާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޔޫރަޕްގެ މުފައްކިރުންނާއި ސިޔާސީ މުހައްލިލުން ލިޔުއްވާ ލިޔުންތައް ބުނާގޮތުން އެމެރިކާއާއި ޔޫރަޕުން ރަޝިއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާއަށް ކުރި ނޭދެވޭ އަސަރުތަކާއި ލިބެމުންދާ އިގްތިސާދީ ގެއްލުންތަކަށްވުރެ ބޮޑު ގެއްލުންތަކެއް މިފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއަށާއި ޔޫރަޕަށްދަނީ ލިބެމުންނެވެ.

އެމެރިކާއާ ޚިލާފަށް ޔޫރަޕް ބަރޯސާވާން ޖެހިފައިވަނީ ރަޝިއާގެ ގޭހަށްކަމަށްވާތީ ޔޫރަޕާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ގޭސް ބޭނުންކުރުމުގެ ހިއްވަރު ރަޝިއާއަށްވަނީ ލިބިފައެވެ. މިކަމުގެ ނަތީޖާއަކީ ރަޝިއާއާ ކުރިމަތިލުމުގައި ޔޫރަޕްގެ އެއްބައިވަންތަކަން ގެއްލި ޔޫރަޕްގެ ބައެއްގައުމުތައް ބައިބައިވާން ފެށުމެވެ. މިކަމަށް ދެން މާގިނަ ދުވަސްތަކެއް ނުނަގާނެކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.

ޖަރުމަނުގެ ޗާންސެލާ އޮލްފް ޝޯލްޒް

ޖަރުމަނުގެ ސިނާއަތާބެހޭ ވަޒީރު ޕީޓާ އޯލްޓްމެއާ ވަނީ ގޭހުގެ ދަތިކަން ބޮޑުވެ ހަކަތަ ނުލިބުމުން ޖަރުމަނުގެ ބައެއް ކާރުޚާނާތައް މިހާރުވެސް ބަންދުކޮށްފައިވާކަން ހާމަކުރައްވާފައެވެ. އަދި ރަޝިއާއިން ގޭސް ފޮނުވާވަރު ދަށްކޮށް ހަތިޔާރެއްގެ ގޮތުގައި ގޭހުގެ ބޭނުންކުރަމުން ގެންދާނަމަ ޖަރުމަނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފަށަން މާގިނަ ދުވަސްތަކެއް ނުނަގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޖަރުމަނުގެ ޗާންސެލާ އޮލްފް ޝޯލްޒް ވަނީ ކިތަންމެ ދަތިތަކެއް ކުރިމަތިވެ ގައުމު ހާލުގައި ޖެހުނަސް ޖަރުމަނުން ޔޫކްރެއިން އަށް ހަތިޔާރު ފޯރުކޮށްދީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ވިދާޅުވެ ގޮތް ދޫކުރަން ދެކޮޅު ހައްދަވައި ވާހަކަ ދައްކަވާފައެވެ.

ޖަރުމަނުގެ ޗާންސެލާ ޝޯލްޒް ފަދަ ސިޔާސީ ލީޑަރުން މިހެން ވިދާޅުވިނަމަވެސް ޔޫކްރެއިންގެ ހަނގުރާމަ ދިގުލައި ޔޫރަޕަށް މިހާރު ކުރިމަތިވާ އިގްތިސާދީ ދަތިތަަކާއި ގޭހުގެ ދަތިކަމަށް ހައްލު ނުލިބޭނަމަ ޔޫރަޕްގެ އިޖްމާއުން ބައެއް ގައުމުތައް ބޭރުވެ ރަޝިއާ އާ ވަކިވަކިން މުއާމަލާތް ކުރަންފަށަން އެގައުމުތަކަށް މަޖުބޫރު ވާނެކަމަށް އިލްމީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް