ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލި ރާއްޖޭގެ ރިޒާވް ދަށްވާނެ ކަމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފިއެވެ.
އައިއެމްއެފްގެ ޓީމަކުން މިދިޔަ މަހުގެ 21 އިން 29އަށް ރާއްޖެއަށް ވަނީ ދަތުރެއްކޮށްފައެވެ. އެ ދަތުރު ނިންމާލުމަށްފަހު އައިއެމްއެފްއިން އިއްޔެ ނެރުނު ބާޔާނެއްގައި ވަނީ ކޮވިޑަށް ފަހު ދިމާވި އިގްތިޞާދީ ދަތިތަކުން ރާއްޖެ އަރައިގަންނަމުން އަންނަ ކަމަށެވެ.
ނަމަވެސް ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށް ބުންޏެވެ. އެގޮތުން ރާއްޖޭގެ އިންފްލޭޝަން ރޭޓް ތިން ޕަސެންޓަށް އުފުލޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުންޏެވެ.
"ކޮވިޑުގެ ސަބަބުން އެކި ޚަރަދުތަކަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ. ދަރަނި ދެއްކުމަށް ރިސްކުތައް ވަރަށް ބޮޑު. މި ހާލަތުން އަރައިގަނެވޭނީ ވަކި އުސޫލުތަކެއް ހަދައިގެން،" އައިއެމްއެފްގެ ބަޔާނުގައިވެއެވެ.
އައިއެމްއެފްގެ ބަޔާނުގައި ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވާނެ ކަމަށާއި ކަޅުބާޒާރުގައި މިހާރުވެސް ޑޮލަރުގެ އަގު އުފުލެމުންދިޔުމުގެ ނަތީޖާއަކަށް ވެގެން ދާނީ ރާއްޖޭގެ އިންޓަނޭޝަނަލް ރިޒާވް އިތުރަށް ދަށްވުން ކަމަށް ބުނެފައިވެއެވެ.
އައިއެމްއެފްއިން ވަނީ ދައުލަތުގެ އާމްދަނީ އިތުރުވާނެ ގޮތްތައް ދެނެގަނެ މިހާރު ސަބްސިޑީ ދޭ އުސޫލު ބަދަލުކުރަން ޖެހޭކަމަށް ބުނެފައެވެ. އަދި މިހާރަށްވުރެ ބޮޑަށް ދަރަނި މެނޭޖުކޮށް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ޚަރަދުތައް ހަމަޖެއްސުމަށް އައިއެމްއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ދަރަނި އިތުރުވަމުންދާ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ރާއްޖެ ބޭންކްރަޕްސީއަށް މިސްރާބު ޖަހާފާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރިސްކު ތަކެއް ހުރި ނަމަވެސް ރާއްޖެ ބޭންކްރަޕްޓު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެންމެ ފަހުން ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ގައުމާ މުޚާތަބު ކުރައްވާ ދެއްވި ޚިޠާބުގައި ވިދާޅުވީ އިގްތިޞާދީ ގޮތުން ދަތިތަކެއް ހުރިނަމަވެސް ރައްޔިތުންނަށް އޭގެ ބުރަ އުފުލަންނުޖޭ ހުރިހާ ގޮތެއް ހަދައިދިނުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.
އެގޮތުން ތެލުގެ ސަބްސިޑީވެސް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިނުމަށް އުސޫލު ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.