ގޮތް ހުސްވެފައިވާ ސްރީލަންކާ އަނެއްކާވެސް ޗައިނާގެ އަވަސް އެހީއަށް އެދިއްޖެ

ސްރީލަންކާގެ ރައީސް ރަނިލް އާއި ޗައިނާގެ ރައީސް ޝީ

ބެއިޖިންގް (27 ޖުލައި 2022): ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ޓަކައި އައިއެމްއެފް އިން ހޯދަން މަސައްކަތްކުރާ 3.5 ބިލިޔަން ޑޮލަރުގެ ލޯނު ހަމަޖެހުން ލަސްވަމުންދާތީ އެގައުމުން އަނެއްކާވެސް ޗައިނާގެ އަވަސް އެހީއަށް އެދިއްޖެއެވެ.

ޗައިނާގައި ހުންނަވާ ސްރީލަންކާގެ ސަފީރު ޕަލިތަ ކޮހޮނަ ވިދާޅުވީ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް އަދިވެސް އަހަރަކަށްވުރެ ގިނަދުވަސް ނަގާނެ ކަމަށް ބެލެވޭތީ މި މުއްދަތުގައިވެސް ގައުމަށް ބޭނުންވާ ބައެއް އަވަސް އެހީ އަށް އެދި ޗައިނާ ސަރުކާރަށް ހުށަހަޅާފައިވާނެކަމަށާއި އެހީ ދޭނެކަމުގެ އިޝާރާތްތައް ޗައިނާއިން ދީފައިވާ ކަމަށެވެ.

ކޮހޮނަ ވިދާޅުވީ ސްރީލަންކާ ބޭނުންވަނީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ކްރެޑިޓް އުސޫލުން ޗައިނާއިން ހޯދަން އެކަނި ނޫންކަމަށާއި ސްރީލަންކާގައި އުފައްދާތަކެތި މިހާރަށްވުރެ ބޮޑަށް ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމަށްވެސް ޗައިނާގެ ކިބައިން އެދިފައިވާނެކަމަށެވެ.

ސްރީލަންކާގައި އުފައްދާ ބާވަތްތަކުގެ ތެރޭގައި ސައިފަތް، ގަހަނާ، ފޮތި އަދި އަންނައުނުގެ ބާވަތްތަކާއި ހަވާދުގެ ބާވަތްތައް ހިމެނެއެވެ. މިތަކެތި މިހާރުވެސް ޗައިނާއިން ގަނެއެވެ. ނަމަވެސް މިތަކެތި އުފައްދާމިންވަރު އިތުރުކޮށް އަދި ޗައިނާއިން މިތަކެތި ގަންނަވަރު އިތުރުކުރާނަމަ ވެއްޓިފައިވާ ތަދުމަޑުކަމުން އަރައިގަންނަން ސްރީލަންކާއަށް ފަސޭހަވެގެންދާނެކަމަށް ޗައިނާގައި ހުންނަވާ ސްރީލަންކާގެ ސަފީރު ވިދާޅުވިއެވެ.

ސްރީލަންކާއަށް އިގްތިސާދީ ގޮތުންނާއި އަދި ކާބޯތަކެތީގެ ގޮތުން އެންމެ ބޮޑަށް އެހީތެރިވާ ދެގައުމަކީ ޗައިނާއާއި އިންޑިއާއެވެ. ނަމަވެސް ސްރީލަންކާއަކީ ލޯން އަދާކުރުމުގެ މާލީ ގާބިލްކަން މިހާރު ނެތް ގައުމަކަށް ވެފައި ސްރީލަންކާގެ އެތެރޭގައި އޮންނަ ސިޔާސީ ކޯޅުންތަކާއި ގަޑުބަޑުތަކުގެ ސަބަބުން ސްރީލަންކާއަށް އިތުރު ބޮޑެތި ލޯންތައް ދިނުމަށް މިދެގައުމު ވަނީ ފަސްޖެހިފައެވެ.

ޗައިނާއާއި އިންޑިއާއަކީ ސްރީލަންކާގެ ތަރައްގީގެ އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ލޯން ދީފައިވާ ދެގައުމެވެ. ޗައިނާއިން ބޮޑެތި ލޯންތައް ދީފައިވަނީ ބަނދަރުތަކާއި މަގުތަކާއި ހައިވޭތަކާއި ބްރިޖްތަކާއި ގެދޮރު ބިނާކުރުންފަދަ ކަންކަމަށެވެ. ސްރީލަންކާގެ ބޭރުގެ ދަރަނީގައި ޗައިނާގެ ހިއްސާއަކީ ގާތްގަނޑަކަށް 20 އިންސައްތައެވެ. އިންޑިއާއިންވެސް ބޮޑެތި ލޯންތަކެއް ދީފައިވެއެވެ.

ނަމަވެސް ގިނަ ދަރަނިތައް ދީފައިވަނީ ވޯލްޑްބޭންކާއި އައިއެމްފަދަ އެމެެރިކާ ކޮންޓްރޯލް ކުރާ ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކުން 1980 ގެ އަހަރުތަކުން ފެށިގެންނެވެ. ސްރީލަންކާއަށް މައްސަލަތައް ކުރިމަތިވީ ދަރަނިން ކުރަންވާ ބޭނުން އެކަށީގެންވާ ގޮތުގައި ނުކުރުުގެ ސަބަބުންނާއި ކޮރަޕްޝަންގެ ސަބަބުން ލޯނުން ކުރިޔަށް ގެންދިޔަ މަޝްރޫޢުތަކުން ލިބެންޖެހޭ ފައިދާ ނުލިބުމުންނެވެ. ލޯން ދެއްކުމުގެ ގާބިލްކަން ނެތް ގައުމަކަށް އެއްވެސް ގައުމަކުން ބޮޑު ލޯނެއް ނުދޭނެއެވެ. އެއީ ފޫނެތް ފާޔަށް ފެންފުރަން އުޅުން ކަހަލަ ކަމަކަށްވާތީއެވެ.

އައިއެމްއެފް އަކީ ބައިނަލްއަގްވާމީ އިދާރާއަކަށް ވިޔަސް އެތަނުންވެސް މިހާލަތުގައި ސްރީލަންކާއަށް ލޯން ދޭނީ ލޯން އަނބުރައި ދެއްކޭގޮތަށް އެގައުމުގެ ކަންކަން އިސްލާހު ކުރުުމުންނެވެ. އެއިދާރާގެ ޝަރުތުތަކާ އެއްގޮތަށް ސްރީލަންކާގެ މާލީ ކަންކަމާއި ސިޔާސީ އަދި އިދާރީ ކަންކަމަށް އިސްލާހީ ބޮޑެތި ބަދަލުތައް ގެނަސް ލޯން އަނބުރައި ދެއްކޭނެ ފަދަ މާހައުލެއް ސްރީލަންކާގައި ގާއިމް ކުރިކަމުގެ ޔަގީންކަން ލިބުމުންނެވެ.

މިލޯންތައް ދެއްކުމަށް ސްރީލަންކާ ނުކުޅެދިފައިވާތީ ވޯލްޑްބޭންކާއި އައިއެމްފްގެ އިތުރުން ޗައިނާއާއި އިންޑިއާއަށްވެސް އޭގެ މާލީ ގެއްލުންތައް ފޯރަމުން ދެއެވެ. ނަމަވެސް ކްރެޑިޓް ލައިންތައް މެދުވެރިކޮށް ފަހުން ފައިސާ ދައްކާގޮތަށް އިންޑިއާއާއި ޗައިނާ މިހާރުވެސް ގެންދަނީ ތެލާއި ކާބޯތަކެއްޗާއި ބޭސް އަދި ބައެއް މެޝިނަރީ ސްރީލަންކާއަށް ފޯރުކޮށްދެމުންނެވެ. މިތަކެތި މަދުންނަމަވެސް ލިބެމުންދާތީ ސްރީލަންކާ ބަނޑަށް ޖެހޭ ހިސާބަކަށް ނުދެއެވެ.

އައިއެމްއެފް އިން ހޯދަން މަސައްކަތްކުރާ 3.5 ބިލިޔަން ޑޮލަރުގެ ލޯނު ސްރީލަންކާއަށް ލިބުމަށް އަދި މަދުވެގެން ދޮޅު އަހަރު ނަގާނެކަމަށް ބެލެވިފައިވާއިރު މިމުއްދަތުގެ ތެރޭގައި ސްރީލަންކާގެ ހާލަތު މިހާރަށްވުރެވެސް ގޯސްވެދާނެކަމުގެ ބިރު އެބައޮތެވެ.

ސްރީލަންކާގެ ރައްޔިތުން އެގައުމުގައި މިހާރު އޮތް ވަގުތީ ސަރުކާރަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެއެވެ. ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުންނާއި ސަރުކާރާއި އިދިކޮޅުގެ ވާދަވެރިކަމުން އެތެރޭގެ އެއްބައިވަންތަކަންވަނީ ގެއްލިފައެވެ. މިހާލަތުގައި ގައުމު ހަމައަކަށް އެޅުވުމަށް މާދިގު މުއްދަތެއް ސަރުކާރަށް ދޭކަށް ރައްޔިތުން ބޭނުމެއް ނުވެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ރައްޔިތުންނަށް އިތުބާރު ގެއްލިފައިވާ ބަޔަކު ވެރިކަމުގައި ތިބުމާއި އިގްތިސާދީ ތަދުމަޑުކަމަށް ގައުމު ވައްޓާލުމުގައި އެމީހުންގެ ހިއްސާއާއި ބައިވެރިވުން އޮތުމެވެ.

comment ކޮމެންޓް