ޔޫރަޕްގެ އެެހެން ގައުމުތަކެކޭ އެއްގޮތަށް ފަރަންސޭސި ވިލާތުގައި ވެސް މަކުނުވިދުރި ބާރަށް ފެތުރޭތީ އެ ގައުމު ކަންބޮޑުވެއްޖެ

މަކުނު ވިދުރި ނުވަތަ މަކުނުބަލި ޖެހިފައިވާ މީހެއް

ޕެރިސް (26 ޖުލައި 2022) : ޔޫރަޕްގެ އެެހެން ގައުމުތަކެކޭ އެއްގޮތަށް ފަރަންސޭސި ވިލާތުގައިވެސް މަކުނުވިދުރި ބާރަށް ފެތުރެމުންދާތީ އެ ގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފަރަންސޭސި ސިއްހަތާބެހޭ ވުޒާރާއިން ބުނީ މަކުނުވިދުރިއަކީ ފަރަންސޭސި ރައްޔިތުންގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއްކަމަށް ވެދާނެކަމުގެ ބިރު ބޮޑުވަމުންދާ ކަމަށެވެ.

ސިއްހަތާ ބެހޭ ފަރަންސޭސި ވަޒީރު ފްރާންސްވާ ބްރައުން ވިދާޅުވީ ފަރަންސޭސިވިލާތަކީ އެއްޖިންސުން ގުޅުން ހިންގާ މީހުން ގިނަ ގައުމަކަށް ވެފައި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި މިބަލި ފެތުރޭލެއް އަވަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ފަރަންސޭސިވިލާތަކީ ވެސް އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ އަދި ގާނޫނީ ގޮތުން އެކަން ހުއްދަކޮށްފައިވާ ގައުމެކެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި މަކުނު ވިދުރި ބާރަށް ފެތުރެމުންދާއިރު އެންމެ ބޮޑަށް އެބަލި ފެތުރިފައި ވަނީ ސްޕޭންގައެވެ. ދެން ޕޯޗްގަލްގައެވެ. ސްޕޭންއާއި ޕޯޗްގަލް އަކީވެސް އެއްޖިންސުން ގުޅުން ހިންގާ މީހުން ގިނަ އަދި އެނުބައި އަމަލު ޕްރޮމޯޓްކޮށް އެކަމަށް ހިތްވަރުދީ އެކަން ފެތުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ދެ ގައުމެވެ. އެމެރިކާގައިވެސް މަކުނު ވިދުރި ދަނީ ބާރަށް ފެތުރެމުންނެވެ.

މަކުނު ވިދުރި އެންމެ ބޮޑަށް ފެތުރިފައިވަނީ ޔޫރަޕްގެ ގައުމުތަކުގައި

އެއްޖިންސުން ގުޅުން ހިންގުން ދުނިޔޭގައި ޕްރޮމޯޓްކުރުމަށް މަސައްކަތްކުރަނީ އެމެރިކާއާއި ޔޫރަޕުންނެވެ. ޝައިތޯނީ މިއަމަލު މަނާކުރާ ގައުމުތަކާ ދެކޮޅަށް އެެމެރިކާއާއި ޔޫރަޕުން ގެންދަނީ ރަސްމީ ސިފައެއްގައި ފިއްތުންތައް ކުރިމަތިކޮށް ޑިޕްލޮމެޓިކް ގޮތުންނާއި އިގްތިސާދީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ ބިރުވެސް ދައްކަމުންނެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމުއިއްޔާގެ ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ދުނިޔޭގެ 75 ގައުމަކުން މަކުނު ވިދުރީގެ 17،500 އަށްވުރެ ގިނަ މީހުން ފެނިފައިވާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 98 އިންސައްތަ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންނެވެ. މަކުނު ވިދުރިއާބެހޭ އެ ނޫން ތަފާސް ހިސާބުތަކާއި ރިޕޯޓްތައް ބުނާގޮތުންވެސް އެބަލި މުޅިން ކަހަލަ ގޮތަކަށް ފެތުރެނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައެވެ. ޚާއްސަކޮށް އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައެވެ.

އެއްޖިންސުން ގުޅުން ހިންގާ އަންހެނުންގެ ތެރޭގައި މިބަލި އަދި ފެތުރިފައި ނުވިނަމަވެސް އެއީވެސް އޮތް ބިރެއްކަމަށް ވެއެވެ. އަދި އެއްޖިންސުން ގުޅުން ނުހިންގާ މީހުންގެ ތެރޭގައި މަކުނު ވިދުރި ނުފެތުރޭނެކަމުގެ އިލްމީ ހެކިތައް އަދި ފެންނަން ނެތްކަމަށާ ޖިންސީ ގުޅުމުން ނޫންގޮތްގޮތަށްވެސް މިބަލި ފެތުރިދާނެކަމަށް މަކުނުވިދުރި އާ ބެހޭ ދިރާސާތައް ކުރާ ސިއްހަތާބެހޭ މާހިރުން ވިދާޅުވެއެވެ.

ފަރަންސޭސި ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން އެގައުމުގައި މިހާރު މަކުނު ވިދުރި ޖެހިފައި 1700 މީހުން އެބަތިއްބެވެ. ދާދިފަހުން މަކުނު ވިދުރީގެ ކޭސްތައް ވަނީ ޖަޕާނާއި އިންޑިއާއިން ވެސް ފެނިފައެވެ. ޖަޕާން ބުނާގޮތުން އެ ގައުމުން މަކުނު ވިދުރި ފެނިފައިވަނީ ޔޫރަޕުން އައި މީހެއްގެ ހަށިގަނޑުންނެވެ.

މަކުނުވިދުރިއަކީ ކުރިން ފެނިފައިވާ ބައެއް ނަމަވެސް މިބަލީގައި މިހާރު ފެންނަމުންދާ ކޭސްތައް ފެންނަން ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. އެދުވަސްވަރު ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިންވަނީ މަކުނުވިދުރި އަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއްކަމަށް ކަނޑައެޅުމަށް ދެކޮޅު ހަދާފައެވެ. އެއީ މަކުނު ވިދުރީގެ ކޭސްތައް ދުނިޔޭގައި މަދުވެފައި އެބަލި ފެތުރޭ މިންވަރުވެސް ކުޑަވުމުންނެވެ.

ނަމަވެސް އޭގެ ހަތަރުމަސްފަހުން ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިހާރު މިވަނީ މަކުނު ވިދުރި އަކީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ކަނޑައަޅައި އެބައްޔާ މެދު ސަމާލުވުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.

"ޑަބްލިޔުއެޗްއޯ" ބުނާގޮތުން ދުނިޔޭގެ 75 ގައުމަކަށް މިހާރުވަނީ މަކުނު ވިދުރި ފެތުރިފައެވެ. މަކުނުވިދުރީގެ 17،500 އަށްވުރެ ގިނަ ކޭސް މިހާތަނަށްވަނީ ފެނިފައެވެ. މަކުނުވިދުރިއަކީ މަޑުމަޑުން ބޮޑުވަމުން އަންނަ ސިއްހަތާބެހޭ ކާރިސާއަކަށް ވެދާނެކަމުގެ އިންޒާރު އާންމު ސިއްހަތާބެހޭ ބައެއް މާހިރުން ވަނީ ދެއްވާފައެވެ.

comment ކޮމެންޓް