މައުމޫން އަރިހުން ހާރިޖީ ސިޔާސަތު ދަސްކުރަން ޖެހިފައި

އިދިކޮޅު ޕީޕީއެމް، ޕީއެންސީން މާލޭގައި ބޭއްވި އިންޑިއާ އައުޓް މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

ޖަޕާނުން ހިލޭ ސާބަހަށް ސްކޫލެއް އަޅާފާނެއެވެ. އަނެއް ގައުމަކުން ބަނދަރު ހަދައިދޭނެއެވެ. ދެން އޮތް ގައުމަކުން މިލިއަނުން އެހީގެ ތަކެތި ދީފާނެއެވެ. ހުރިހާ ގައުމަކާ ވެސް މި ކުޑަކުޑަ ދިވެހި ރާއްޖެ ރަހުމަތްތެރިއެވެ. މި ރާއްޖޭން އެއްވެސް ގައުމަކަށް ބަދުބަސް ބުނެ ނުހަދައެވެ. ސިޔާސަތު ހަމަހަމައެވެ. މިއީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު ވެރިކަމުގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވިގޮތެވެ. ތިރީސް އަހަރުގެ އެވެރިކަން ނިމުނުތާ 14 އަހަރު ވެފައިވާއިރު ރާއްޖޭގެ ހާރިޖީ ސިޔާސަތުން ހަމަހަމަކަން މިހާރު މިވަނީ ގެއްލިފައެވެ. މިނިވަން ދުވަސް ފާހަގަ ކުރާއިރު މި ވާހަކަ ދައްކަން އެބަ ޖެހެއެވެ.

ކުރީގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު، އިނގިރޭސީންގެ ހިމާޔަތުން ރާއްޖެއަށް ފުރިހަމަ މިނިވަން ކަމެއް ހޯދައި ދެއްވަން ޖެހުނީ އޭގައި ގިނަ ސަބަބުތަކެއް އޮތީމައެވެ. ވަކި ގައުމަކަށް ބަރޯސާ ވުމުން ދިވެހިންނަށް އެތައް ދައްޗަކާ ކުރިމަތިވީތީއެވެ. ހަމައެކަނި ހިމާޔަތް ދިނުމުގެ ނަމުގައި ތިބި އިނގިރޭސީންގެ ފަރާތުން ދިވެހީންގެ އެތައް ކަމަކަށް ނުފޫޒު ފޯރުވީތީއެވެ.

ރާއްޖެ މިނިވަން ކުރުމަށް މަޝްވަރާތައް ކުރެއްވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި، އަދި އޭރު ސްރީ ލަންކާގައި ދިވެހި ސަފީރަކަށް ހުންނެވި އަލްމަހުރޫމް އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވި ގޮތުގައި އިނގިރޭސީންގެ އަތް ދަށުން ރާއްޖެ މިނިވަންވީ އަޅުވެތިކަމުގެ އިހުސާސްތަކެއް ކޮށްފައެވެ.

"ކިތަންމެ ކަމެއް ހުންނާނެ އިނގޭތޯ، ލިޔުމުގައި ދާޚިލީ ކަންކަމަކާ ނުބެހެވޭ ނަމަވެސް މުހިންމު ދާޚިލީ ކަމެއް އެ މީހުން [އިނގިރޭސީން] ސީދާ އަދި ނުސީދާ ގޮތަކަށް ނުބެހޭ ކަމެއް އަޅުގަނޑަށް ހީވަނީ މަދުވެފައިހެން އޮންނަނީ،" އަބްދުސައްތާރު ވިދާޅުވެފައިވެއެވެ.

https://sun.mv/92733

އިނގިރޭސީންގެ ހުއްދައެއް ނެތި ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ މަގު ވެސް އޭރު ވަނީ ބަންދުވެފައެވެ. އިނގިރޭސީންގެ ޕާސްޕޯޓެއް ނެތި ލަންކާ ފިޔަވައި އެހެން ގައުމުތަކަށް ދަތުރެއް ނުކުރެވެއެވެ. އެހެންކަމުން އެ ދުވަސްވަރު ދިވެހިންގެ ޕާސްޕޯޓް ވެސް ވެފައި ވަނީ އިނގިރޭސީންގެ މިލްކަކަށެވެ.

އިނގިރޭސީން ދިވެހި ދައުލަތުގެ ހުއްދައެއް ނެތި އައްޑުއަށް އަރައި ހެދި ގޯސްތައް ވެސް ފާހަގަކުރެވެއެވެ. ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތްކޮށް، ޢަބްދުﷲ ޢަފީފު އިސްކޮށް ބަހައްޓައި ގަޑުބަޑެއް ފެށިއެވެ. "އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ"ގެ ނަމުގައި ވަކި ދައުލަތެއް އުފެއްދި އެވެ. ދިވެހި ގައުމު ބައިބައިކުރަން ފެށިއެވެ.

ދިވެހި ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާފަދަ އެފަދަ އެތައް ކަމެއް އިނގިރޭސީންނަށް ކުރަން ފުރުސަތު ލިބުނީ ހިމާޔަތުގެ ނަމުގައި އިނގިރޭސީންނާއެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުންނެވެ. ވަކި ގައުމެއް މާ ގާތް ކުރުމުގެ ހިތި ނަތީޖާއެވެ.

ހާރިޖީ ސިޔާސަތު ގޯސްކުރެއްވީ ރައީސް ނަޝީދާއި ރައީސް ޔާމީން

އަހަރެމެންގެ ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ބޮޑެތި ގައުމުތަކަށް މި ގައުމު މުހިންމު ވާ ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެ އޮތް ސަރަހައްދެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކަށް ކަނޑު ދަތުރުކުރަން ބޭނުންކުރާ މުހިންމު މަގެކެވެ. އޭގެ ތެރެއިން ޒަމާންވީ ދެ ވާދަވެރިން ކަމަށްވާ، އިންޑިއާއާއި ޗައިނާގެ ކޯޅުމަށް ވެސް މި ގައުމު މުހިންމުވެއެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ މަސްލަހަތު ރާއްޖެއާ އޮތީ ކުރިންސުރެ ވެސް ގުޅުވައިފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ފޮޓޯ/ ރައީސް އޮފީސް

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޗައިނާއާއި އިންޑިއާގެ ކޯޅުންގަނޑުގެ ތެރެއަށް ވަދެ އުޅުމަކީ މި ކުޑަކުޑަ ގައުމު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމެވެ. އެއް ފަހަރު އޭގެ ތެރެއިން އެއް ގައުމުގެ އުނގުގައި އޮވެ، އަނެއް ބައި ފަހަރު ދުޝްމަނަކަށް ވެގެން އުޅުމަކީ ރާއްޖޭގެ މިނިވަން ކަމަށް އޮތް ނުރައްކަލެކެވެ.

އަލްމަރުހޫމް ފަތުހުﷲ ޖަމީލް ފޮރިން މިނިސްޓަރަކަށް ބަހައްޓަވައިގެން މައުމޫން ގެންގުޅުއްވި ހާރިޖީ ސިޔާސަތަށް ތާއީދު ކުރެވެނީ ގިނަ ސަބަބުތަކެއް ހުރީމައެވެ. އޭރު އިސްލާމީ ގައުމުތަކާ ވެސް އަދި އެހެން ގައުމުތަކާ މެދު ވެސް ރާއްޖޭން ގެންގުޅުނީ ހަމަހަމަ ސިޔާސަތެކެވެ. އެއްވެސް ގައުމަކަށް ގޮސް ހުހެއް ނުވެއެވެ. ރާއްޖޭގައި އިންވެސްޓް ކުރަން ވެސް އަދި ގުޅުން ބަދަހިކުރަން ވެސް ހަމަހަމަ ފުރުސަތުތަކެއް ދިނެވެ. އަދި ހާއްސަކޮށް، ވަކި ގައުމަކާ ޖައްސާލައިގެން ނޫޅެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ގައުމުގެ ތަރައްގީއަށާއި ޒަރޫރީ ބޭނުންތަކަށް ގިނަ ގައުމުތަކުގެ އެހީ ދިޔައީ ލިބެމުންނެވެ.

މައުމޫންގެ ހާރިޖީ ސިޔާސަތުން ފާހަގަ ކުރެވޭ އަނެއް ކަމަކީ ހަރުބަސް ބުނެ، ޒުވާބު ކުރުމުގެ ބަދަލުގައި ހިކުމަތްތެރިކަމާއެކު ކަންކަން ކުރުމެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެ އައިސްތިބި އިންޑިއާ ސިފައިން ފޮނުވާލި ގޮތް ވެސް އޭގެ މިސާލަކަށް ފުދެއެވެ. އެކަން ކުރީ އެއްވެސް ގޮތަކަށް މުޒާހަރާ ކޮށް، ނުވަތަ އެ ގައުމަށް ބަދު ބަސް ބުނެގެނެއް ނޫނެވެ. މައުމޫން ބޭނުން ކުރެއްވި މަޝްވަރާގެ އުސޫލާއި އުކުޅުތަކުގެ ސަބަބުން އެއްވެސް ދެކޮޅު ހެދުމެއް ރަސްމީކޮށް ނުދައްކައި އިންޑިއާ ސިފައިން ރާއްޖެއިން ދިޔައީއެވެ.

އެ ހާރިޖީ ސިޔާސަތު ގޯސް ކުރެއްވީ، މައުމޫނަށް ފަހު ވެރިކަމަށް ވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ހަމަހަމަކަން ދޫކުރައްވައި އިންޑިއާއަށް މުޅިން ބަރޯސާވީއެވެ. އަދި ޒަމާނުއްސުރެ ރާއްޖޭން ޑިޕްލޮމެޓިކް ކަންކަމުގައި ބޭނުން ކުރަމުން އައި އުސޫލުތައް ވެސް ދޫކޮށްލެއްވީއެވެ. މައުމޫންގެ އިރުގައި ނަމަ ރައީސްއާ ބައްދަލުކޮށް ހެދުމުގެ ފުރުސަތު ޑިޕްލޮމެޓުންނަށް ވެސް އޮންނަނީ ވަކި އުސޫލެއްގެ ތެރެއިންނެވެ. ނަމަވެސް ނަޝީދު އެގޮތްތައް ދޫކުރައްވައި ވަކި ގައުމަކާ މާ ބޮޑަށް ގާތްވީއެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. އިންޑިއާއާ ވާދަވެރި ޗައިނާއާ ދެކޮޅަށް މިހާރު ވެސް ފާޅުގައި ވާހަކަ ދައްކަވާ ބޭފުޅަކަށް ނަޝީދު ވެވަޑައިގެންނެވިއެވެ. ވަކި ގައުމެއްގެ ރުހުން ހޯދުމަށް އަނެއް ގައުމާ ޖެހުނީއެވެ.

މައުމޫންގެ ކެބިނެޓްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ފެނުނީ ހިތާމަވެރި މަންޒަރެކެވެ. މައުމޫން އަރިހުން ދަސް ކުރެއްވި އެއްޗެއް ބޭނުމެއް ނުކުރެއްވިއެވެ. ލޯންގެ ނަމުގައި ފައިސާ ދިނުމަށް މުށް ހުޅުވާލައިގެން ތިބި ޗައިނާއާއި ސައޫދީ އަރަބިއްޔާއަށް މުޅިންހެން ބަރޯސާވީއެވެ. އެ ގައުމުތަކުގެ ރުހުން ހޯދަން ގަތަރާ ގުޅުން ކެނޑުން ފަދަ ނުކުރަންވީ އެތައް ކަމެއް ކުރެއްވީއެވެ. އަދި ޒަމާނުއްސުރެ ދިވެހީންނާ އެންމެ ގާތް، އަވައްޓެރި އިންޑިއާއާ ދެމެދު އޮތް ގުޅުން ގޯސް ކުރެއްވީއެވެ. އެކަން މިއަދު ވެސް އެބަފެނެއެވެ. ފާޅުގައި އިންޑިއާއާ ދެކޮޅަށް ކެމްޕެއިންތައް ހިންގަވަނީއެވެ. އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ކަމަށް ބުނެ ހިންގަވާ ކެމްޕެއިންތަކުގެ އަމާޒު ހުރީ މުޅި އިންޑިއާއާ ދެކޮޅު ގޮތަކަށެވެ. ބަސްބަހާއި އަމަލުތައް ހުރިގޮތުން އިންޑިއާއާ މެދު ނަފުރަތު އުފެދެއެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ އދ

މިސަރުކާރުގެ ހާރިޖީ ސިޔާސަތަށް ބެލި ނަމަވެސް ފެންނަނީ އިންޑިއާއަށް މާބޮޑަށް ބަރޯސާވެފައިވާ މަންޒަރެވެ. ލޯނެއް ހޯދިނަމަވެސް އިންވެސްޓްމަންޓެއް ހޯދި ނަމަވެސް އިންޑިއާއަށް ބަރޯސާވަނީއެވެ. ހަމަހަމަ ސިޔާސަތެއް ނުފެނެއެވެ. ނަމަވެސް މިސަރުކާރުން ވަކި ގައުމަކާ، ޖެހުމަށް، ނުވަތަ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރާތަނެއް ނުފެނެއެވެ.

ރައީސް ނަޝީދާއި ރައީސް ޔާމީންގެ އެ ހާރިޖީ ސިޔާސަތަކީ ގައުމަށް އޮތް ނުރައްކަލެކެވެ. އެއީ އެ ދެބޭފުޅުން ވެސް ވަކި ގައުމެއް މާ ގާތްކޮށް، އަދި ވަކި ގައުމެއް "ދުޝްމަނުން" ކަމަށް ބަލަނީއެވެ. އަދި ގާތް ކުރާ ގައުމު ބުނިހާ ގޮތެއް ހަދަނީއެވެ. އެ ދެ ބޭފުޅުންގެ ސިޔާސަތު ވެސް ގޯހީ ހައްދުފަހަނައަޅާ ދާތީއެވެ.

މިނިވަންކަން އޮތީ ސިޔާސަތު ހަމަހަމަކޮށްގެން

ވަކި ގައުމެއްގެ އެންގުމަށް އަނެއް ގައުމަކާ ގުޅުން ކަނޑާލަން ޖެހޭ ހާލަތަށް ދިއުމަކީ މިނިވަންކަން ނެތް ކަމުގެ ހެއްކެކެވެ. ނުވަތަ ވަކި ގައުމެއްގެ ރުހުން ހޯދުމަށް އެހެން ގައުމަކަށް ބަދުބަސް ބުނަން ޖެހޭ ހާލަތަށް ދިއުމަކީ ވެސް މިނިވަންކަން ނެތުމެވެ. ވަކި ގައުމަކުން ނޫނީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ނުދިނުމާއި ވަކި ގައުމެއް އަންގާ ގޮތަކަށް ވެރިކަމާއި ފޮރިން މިނިސްޓްރީ ހިންގަން ޖެހުމަކީ ވެސް މިނިވަންކަން ނެތުމެވެ.

ޖިއޯ ޕޮލިޓިކްސް ދިރާސާ ކުރައްވާ، ރާއްޖޭގެ ދިފާއީ ބާރެއްގައި މަސައްކަތް ކުރައްވާ އިސް އޮފިޝަލަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި ރާއްޖެ ފަދަ ކުޑަ ގައުމަކަށް މިއަދުގެ ދުނިޔޭގެ ސިޔާސީ މަޝްރަހުގައި ހަމަޖެހިގެން ތިބުމަށް އެންމެ މުހިންމު، އަދި ރައްކާތެރި ގޮތަކީ ހަމަހަމަ ހާރިޖީ ސިޔާސަތެއް ގެންގުޅުމެވެ.

"އިންވެސްޓް ކުރަން ވެސް ފުރުސަތު ދޭންވީ ހުރިހާ ގައުމަކަށް ވެސް. އޭރުން ހުރިހާ ގައުމެއްގެ މަސްލަހަތު ރާއްޖޭގައި އޮންނާނެ. އިންވެސްޓްމަންޓުތައް ހިމާޔަތް ކުރުމުގެ ބޭނުމުގައި ވެސް ހުރިހާ ގައުމެއް ރާއްޖެއާ ގުޅޭނެ،" ދިފާއީ ބާރެއްގައި މަސައްކަތް ކުރައްވާތާ 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ އެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވެސް ވިދާޅުވިގޮތުގައި ރައީސް ނަޝީދު ޗައިނާއާ ދެކޮޅަށް ވާހަކަ ދެއްކެވުމާއި ރައީސް ޔާމީން އިންޑިއާއާ ދެކޮޅަށް ވާހަކަ ދެއްކެވުން ފަދަ ކަންކަމަކީ ދިވެހި ވެރީން ކޮށްގެން ވާނެ ކަންކަމެއް ނޫނެވެ. ސަބަބަކީ އެ ގައުމުތަކަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރެވޭހާ ބާރުގަދަ ގައުމުތައް ކަމަށް ވުމެވެ.

އިގުތިސާދީ ގޮތުން ވަކި ގައުމަކަށް ބަރޯސާ ވުމުން އަޅުވެތިކަމުގެ އިހުސާސް މީގެ ކުރިން ވެސް ދިވެހީން ވަނީ ކުރަން ޖެހިފައެވެ. ވަކި ބަޔަކަށް އިގްތިސާދީ ދާއިރާގެ ކޮންޓުރޯލް ދިނުމުންކަންވާ ގޮތުގެ މިސާލަކީ 1857 ވަނަ އަހަރު ހުޅަނގު އުތުރު އިންޑިއާއިން ރާއްޖެއައި ވޯރާ ވިޔަފާރިވެރިންގެ ހާދިސާ އެވެ. އެ މީހުންނަށް ރާއްޖޭގައި ވިޔަފާރިކުރަން ތިބުމުގެ ހުއްދަ ދިނުމާއެކު ދިވެހިންގެ ވިޔަފާރި ހުއްޓުވައި ރާއްޖޭގެ ވިޔަފާރީގެ ކޮންޓުރޯލް އެ މީހުން ނެގިއެވެ. ނަތީޖާއަކަށްވީ ދިވެހިންގެ ކަންކަމަށް އެމީހުން ބަސް ކިޔުމެވެ.

"ޖިއޯޕޮލިޓިކްސް"ގެ ތެރެއިން ދުނިޔޭގެ ބާރުވެރިކަން ހޯދުމަށް އެއްގައުމުން އަނެއް ގައުމަށް ފޮނުވާ ނުފޫޒަކީ ހިނގަމުން އަންނަ ކަންކަމެވެ. ލެޓިން އެމެރިކާގެ ގައުމުތަކަށް އެމެރިކާގެ ނުފޫޒުގެ ސަބަބުން ކުރިއަރައި ނުދެވިވާ ސަބަބު އެއީ އޭގެ އެއް މިސާލެވެ. އެމެރިކާ އިން ބޭނުންހާ އެއްޗެއް ހަދަން ގެންގުޅޭ ކުޅިބަޔަކަށް އެގައުމުތައް ހަދާނެ ކަމަށް އެމެރިކާގެ ވެރިން ދިޔައީ އަދި ދަނީ ބުނަމުންނެވެ.

ރާއްޖެއަށް ބަލާއިރު ގައުމު ކުޑަ ނަމަވެސް ނުފޫޒުތަކުގެ އަސަރު ބޮޑެވެ. ރާއްޖޭގެ ކޮންމެ ވެރިކަމަކީ އެގައުމެއްގެ ރުހުން އޮވެގެން ނުވަތަ އެގައުމެއް ބުނާހާ ގޮތަކަށް ކުރާ ކަމަކަށް ހަދަން މަޖުބޫރުކުރުވާ ފަހަރު އަންނައިރު އެކަމަށް ހައްލެއް ބޭނުންވެއެވެ. އެކަން ކުރެވޭނީ ހާރިޖީ ސިޔާސަތު ހަމަހަމަ ކޮށްގެންނެވެ. ހަމަހަމަ ކުރާނެ ގޮތް ދަސް ކުރަންވީ މައުމޫންގެ އަރިހުންނެވެ.

comment ކޮމެންޓް