މުޙައްމަދު އިސްމާޢީލްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައެއްނުގަތް

މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މިދިޔަ މަހުގެ 21 ވަނަ ދުވަހު، ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ގެންދަނިކޮށް އެތަނަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ޕީޕީއެމް ހަރަކާތު ކޮމެޓީގެ ޗެއާ އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު ބަލައި ނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.

މުޙައްމަދު އިސްމާޢީލް ހައްޔަރު ކުރުމަށްފަހު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ހަތް ދުވަހެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު މި މަހުގެ ހަތް ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ވަންދެން އޭނާ ބަންދުގައި ބެއްހެއްޓުމަށް އަނެއްކާ ވެސް އަމުރުކޮށްފައެވެ.

މުޙައްމަދު އިސްމާޢީލްގެ ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލަ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިއްޔެއެވެ.

ހައިކޯޓުން "ސަން"އަށް މިކަން ކަށަވަރު ކޮށްދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި މުޙައްމަދު އިސްމާއީލްގެ އިތުރުން ޝައިޚް ފަޒްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާން ހިމެނެއެވެ. މި ދެބޭފުޅުންގެ ތެރެއިން ޝެއިޚް ފަޒްލޫން ވަނީ މިމަހުގެ 21 ވަނަ ދުވަހު ދޫކޮށްލާފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅުވައިގެން 21 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެމީހުންގެ ތެރެއިން ބަޔަކު މިހާތަނަށް ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް