ލަންކާގެ އާ ބޮޑުވަޒީރަކަށް ދިނޭޝް ގުނަވަރުދަނަ

ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވި ދިނޭޝް ގުނަވަރުދަނަ -- ފޮޓޯ / އޭޕީ

އަވައްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް އަލަށް އައްޔަންކޮށްފައިވާ ދިނޭޝް ގުނަވަރުދަނަ މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިނޭޝް މަގާމުގެ ހުވާ ކުރައްވާފައިވަނީ އެ ގައުމުގެ ރައީސް ރަނިލް ވިކްރަމްސިންހަގެ ކުރިފުޅުމަތީގައެވެ.

ރައީސްކަމުގެ ހުވާ އިއްޔެ ކުރެއްވި ރަނިލް ވިކްރަމްސިންހަ އެ މަގާމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ މަގާމަކަށް އައްޔަނު ކުރެއްވި ބޭފުޅަކީ ދިނޭޝްއެވެ. އެ ދެ ބޭފުޅުންނަކީ ސްކޫލް ދައުރުގައި އެއްކޮށް ތައުލީމު ހާސިލްކުރެއްވި ރަހުމަތްތެރިންނެވެ.

ދިނޭޝް ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައިވަނީ، ވެރިރަށް ކޮލަމްބޯގައި ގިނަ އަދަދެއްގެ މީހުން ކޭމްޕު ޖަހައިގެން މުޒާހަރާ ކުރަން ތިބި ތަނަކަށް ސަލާމަތީ ބާރުތަކުން ވަދެގަނެ، އެ ކޭމްޕު ހުސްކުރި ފަހުންނެވެ.

ސްރީލަންކާގެ ސިޔާސީ މައިދާނުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ، އުމުރުން 73 އަހަރުގެ ގުނަވަރުދަނަ ވަނީ ޚާރިޖީ ވަޒީރުކަމާއި އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ވެރިކަމުގައި އެ އެމަނިކުފާނު ހޯމް މިނިސްޓަރު ކަމަށް ވެސް އައްޔަންކޮށްފައިވެއެވެ.

ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ރަނިލް ރައީސް ކަމަށް އައްޔަން ކުރުމާ ގުޅިގެންނެވެ. އަދި ރަނިލް ރައީސް ކަމަށް ހޮވީ މިމަހުގެ 14ގައި ގޮތަބަޔާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ދިނޭޝްއަކީ ވާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ ޓްރޮޓްސްކީގެ މެޖޯރިޓީ ނޭޝަނަލިސްޓް މަހާޖަނާ އެކްސަތު ޕެރަމުނާ (އެމްއީޕީ)ގެ ލީޑަރެވެ.

އެ ޕާޓީގައި މީގެ ކުރިން އިސްކޮށް ހުންނެވީ ދިނޭޝްގެ ބައްޕާފުޅު ފިލިޕް ގުނަވަރުދަނައެވެ.

ނެދަލޭންޑްސްއިން މަތީ ތަޢުލީމު ޙާޞިލުކުރެއްވި ދިނޭޝް ޕާލަމެންޓަށް ފުރަތަމަ އިންތިހާބުވީ 1983 ވަނަ އަހަރެވެ. ފުރަތަމަ ފަހަރަށް ކެބިނެޓް މިނިސްޓަރަކަށް ވެވަޑައިގަތީ 2000 ވަނަ އަހަރެވެ. އަދި 2015 ވަނަ އަހަރާ ހަމައަށް ކެބިނެޓްގެ އިސް މަގާމުތައް ފުރުއްވިއެވެ.

ލަންކާގައި އަލަށް އެކުލަވައިލި ސަރުކާރުގެ އެންމެ ބޮޑު މައްސޫލިއްޔަތަކީ އެގައުމަށް ކުރިމަތި ވެފައިވާ އިގްތިސޯދީ އަނދަވަޅުން އަރައިގަތުމެވެ. އެ ގައުމު ބަނގުރޫޓުވެ، އިގުތިސާދީ ގޮތުން އިނދަޖެހި، އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްވެސް ނުލިބޭ ހާލަތަށް ދިޔުމުން ގައުމުގެ ރައްޔިތުން މުޒާހަރާ ކުރާތާ މަސްތަކެއްވެއްޖެއެވެ.

comment ކޮމެންޓް