ހަމަނުޖެހުން ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރަނިލް ދެއްވައިފި

ސްރީލަންކާގެ އާ ރައީސްކަމަށް ރަނިލް ވިކްރަމަސިންހަ އިންތިޚާބުވުމާ ގުޅިގެން ކޮލަމްބޯގައި އާންމުން މުޒާހަރާ ކުރަނީ -- ފޮޓޯ / ގެޓީ އިމޭޖަސް

ސްރީލަންކާގެ ރައީސްކަމަށް ރަނިލް ވިކްރަމަސިންހަ އައްޔަނުކުރުމާ ގުޅިގެން އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގައި ގާނޫނާ ހިލާފަށް އަމަލުތައް ކުރަމުންދާ ކަމަށާއި ހަމަނުޖެހުން ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ރަނިލް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ކަމުގެ ހުވާ ކުރެއްވި ރަނިލް ވިދާޅުވީ، ހަމަނުޖެހުން އުފައްދަން އުޅޭކަމަށް ބެލެވޭ މީހުންނަށް އެގޮތަށް އަމަލު ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

"ސަރުކާރު ވައްޓާލުމަށްޓަކައި ރައީސް އޮފީހާއި ބޮޑުވަޒީރުގެ އޮފީސް ހިސޯރުކުރަން މަސައްކުރުމަކީ ގާނޫނާ ހިލާފުކަމެއް. އަދި އެކަމުގައި ބައިވެރިވާ މީހުންނަށް ގާނޫނުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނަން،" ރަނިލް ވިދާޅުވިއެވެ.

މިމަހުގެ 14ގައި ގޮތަބަޔާ ރާޖަޕަކްސަ ރައީސް ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެގައުމަށް އާ ރައީސަކު ހޮވީ ޕާލިމެންޓުންނެވެ. އެގޮތުން ޕާލިމެންޓުގައި އިއްޔެ ނެގި ވޯޓުގައި ރަނިލް ރައީސް ކަމަށް އައްޔަންކުރަން 134 މެންބަރުން ވޯޓު ދެއްވިއެވެ.

ރަނިލް ރައީސް ކަމަށް ހޮވުނުކަން އިއުލާންކުރިތާ ކުޑަ ވަގުތުކޮޅެއްގައި ލަންކާގެ ކޯޓަކުން ވަނީ ކޮލޮމްބޯގެ ގޯލް ފޭސްގައި ހުންނަ ބަންޑާރަނައިކަ ބުދު ކައިރީ 50 މީޓަރު ސަރަހައްދެެއްގައި މީހުން އެއްވެ އުޅުން މަނާކޮށްފައެވެ. އެއީ ލަންކާގެ އިގުތިސާދީ ކާރީސާއާ ގުޅިގެން އެތައް ބަޔަކު ހަޅުތާލު ކުުރުމުގެ ގޮތުން ކޭމްޕު ޖަހައިގެން ތިބި ސަރަހައްދެކެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެ އަމުރާ ހިލާފުވެ އެސަރަހައްދަށާއި ރައީސް އޮފިސް ކައިރިއަށް ވެސް އެއްވެފައެވެ. އެ އެއްވުންތަކަށް ފުލުހުން ހުރަސްއަޅަން މަސައްކަތް ކޮށްފައިވީ ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.

ލަންކާގެ ބޮޑުވަޒީރުކަމަށް ދެން އައްޔަނު ކުރައްވާނެ ކަމަށް ބެލެވެނީ ރަނިލްގެ ސްކޫލް ދައުރުގައި އެއްކޮށް ތައުލީމު ހާސިލުކުރެއްވި އަދި ޕާލިމެންޓްގެ މެންބަރެއް ކަމަށްވާ ދިނޭޝް ގުނަވަރުދަނެވެ. ގުނަވަރުދަނައަކީ ރާޖަޕަކްސަ އާއިލާއަށް ވަފާތެރި ބޭފުޅެކެވެ. އޭނާ ވަނީ މަހިންދަ ރާޖަޕަކްސަ ރައީސްކަން ކުރެއްވި އިރާއި ގޮތަބަޔަ ރައީސްކަން ކުރެއްވި އިރު ވެސް ކެބިނެޓު މިނިސްޓަރުކަން ކުރައްވާފައެވެ.

ލަންކާގެ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އެގައުމު އިގުތިސާދީ ގޮތުން އިނދަޖެހި، އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްވެސް ނުލިބޭ ހާލަތަށް ގައުމު ގޮސްފައިވުމުންނެވެ. އެގޮތުން އެ ހާލަތުގައި ގައުމު އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިއަހަރުގެ ކުރީކޮޅު ބޭއްވި މުޒާހަރާތައް ހޫނުވުމުން، މިދިޔަ މެއި މަހު އޭރުގެ ބޮޑުވަޒީރު މަހިންދަ އިސްތިއުފާ ދެއްވިއެވެ.

comment ކޮމެންޓް