މާލޭ ސިޓީ ސްޕެޝަލް ކޮންސިޓިބިއުލަރީގެ ހިދުމަތް އިފްތިތާހުކޮށްފި

ސްޕެޝަލް ކޮންސްޓިބިއުލަރީގެ ޚިދުމަތް އިފްތިތާހު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި "ސްޕެޝަލް ކޮންސިޓިބިއުލަރީ" ގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ލޮނު ޒިޔާރާތް ޕާކުގައި ރޭ ބޭއްވި މި އަހަރުގެ މާލޭ ސިޓީގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި އެ ޚިދުމަތް އިފްތިހާހު ކޮށްދެއްވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ކަމާ ބެހޭ އެސްއޯޕީ ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެ އެސްއޯޕީއާ ހަވާލުވެވަޑައިގަތީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަހްޒަމްއެވެ.

އެ ޚިދުމަތް އިފްތިތާހު ކުރަމަށްފަހު އެކަން ކުރިއަށްދާނެ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފައެވެ.

އެގޮތުން އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެއާ ވިލިމާލޭގެ ރައްޔިތުންނަށް އެ ހިދުމަތް ލިބޭނެއެވެ. އެ ހިދުމަތުގެ ދަށުން މާލެ ސިޓީގެ ބިންތަކުގެ ތެރެއިން އާންމު ބިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބިންތަކުގައި ހުއްދަނެތި ބަހައްޓާފައި ހުންނަ ތަކެތީގެ ކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

ހަމަ އެގޮތަށް އެ ޚިދުމަތުގެ ދަށުން މަސައްކަތްކުރާ ސަރަހައްދުތަކުގައި އެކަން ކުރަނީ ހުއްދައެއް އޮވެގެންތޯ ބަލަންފަށާނެއެވެ.

މާލޭ ސިޓީގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެ ޕްރެޒެންޓޭޝަން ގައި ކުންޏާމެދު އަމަލުކުރެވޭ ގޮތް ބެލުމާއި, ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް އެގޮތަށް ބެލެހެއްޓެމުން ދޭތޯ ބެލުމާއި އަދި ސަރަހައްދުތަކުގައި ގާނޫނާ ގަވާއިދާ ޚިލާފަށް ކަންތައްތައް ހިނގާ މިންވަރު މަދުކުރަން މަސައްކަތްކުރުމަކީ އެ ޚިދުމަތުގެ ދަށުން ބެލޭނެ ކަންތައްތައްކަމުގައި ބުނެފައިވެއެވެ.

ސްޕެޝަލް ކޮންސްޓިބިއުލަރީ ޚިދުމަތުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މިސްކިތްތަކުގެ ހުރުމަތް ހިފެހެއްޓުމަށާއި މަގުތަކުގެ ތަރުތީބު ބެލެހެއްޓުމަށް ކަމަވެސް އެ ޕްރެޒެންޓޭޝަންގައިވެއެވެ.

އެ ޚިދުމަތާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ އެ ޚިދުމަތުގެ ދަށުން ޖޫރިމަނާ ކުރާނީ ތަކުރާރުކޮށް ހަނދާންކޮށްދިނުމުން ވެސް އުސޫލުތަކާ ޚިލާފުވުމުން އެކަނި ކަމަށެވެ. އަދި އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ކުރިއަށް އޮތް ތަނުގައި ހިންގާނެކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

ސްޕެޝަލް ކޮންސްޓިބިއުލަރީގެ ޚިދުމަތުގެ އިތުރުން ރޭގެ ޖަލްސާގައި ޑރ. މުއިއްޒު ވަނީ ވިލިމާލޭ ބީޗުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާކަން އިއުލާނު ކުރައްވާފައެވެ.

އެގޮތުން ރޭ ވަނީ ވިލިމާލޭ ބީޗުގައި ޕިކްނިކް ސަރަހައްދު ތަރައްގީކުރާނެ ގޮތުގެ ކޮންސެޕްޓު ދައްކާލާފައެވެ.

މާލޭ ސިޓީގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެ ކޮންސެޕްޓުގައި ވާގޮތުން އެ ސަރަހައްދުގައި ގޮނޑިއާއި މޭޒު ބަހެއްޓުމަށާއި އަންހެނުންނާއި ފިރިހެނުންނަށް ބޭނުންކުރެވޭ ގޮތަށް ފާހަނާބަރިއެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ބާބަކިއު ސަރަހައްދަކާއި ނުކުޅެދޭ މީހުންނަށް ވީލްޗެއާގައި މޫދުގެ ވަކި ހިސާބަކަށް ފައިބައި މަޑުކޮށްލައިގެން 'ވޯޓާ ތެރަޕީ' ނެގޭނެ ފަދަ ރޭމްޕެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

"ވިލިމާލެ ގޮސް ބޭނުންކޮށްލެވޭނެ ކޮޓަރިވެސް ހުންނާނެ، ޑޭ ރޫމްސް ގޮތަށް. އަދި ހަމަ އޯޕެން ޝަވާ ވެސް. އެހުރިހާ ކަމެއް ކުރެވޭނެ ގޮތަށް އެތަން ޑެވެލޮޕް ކުރަން ޕްލޭން މިކުރަނީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހަދާ "ޑޭ ރޫމް" ތަކުގެ މަސައްކަތައް ކުޑަކޮށް ލަސްވި ނަމަވެސް އެހެން ހުރިހާ މަސައްކަތެއް ވެސް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އޭނާގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި އެ ބައްދަލުވުމުގައި މާލޭ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމްގެ ދަށުން "މާވެހި"ގެ ނަމުގައި އެ ކައުންސިލުން ހަދާފައިވާ ޑިޖިޓަލް ޕޯޓަލް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

comment ކޮމެންޓް