ފުނަދޫ ދަށްފަޅު: ރީތި ކަމުގެ ނަމޫނާއެއް، އުއްމީދީ ތަސައްވަރުތަކެއް

ރާއްޖެއަކީ ގުދުރަތީ ރީތިކަމުގެ ދެވަނައެއް ނުވާ ފުރިހަމަ މިސާލެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކަން ސާބިތުކޮށްދެއެވެ. މި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި, ރައްޔިތުންނަށް އެކި ގޮތްގޮތުން އާމްދަނީ ހޯދޭނެ އެކި ސަރަހައްދުތައް ވެސް އެބަހުއްޓެވެ. މީގެ އެންމެ ފުރިހަމަ މިސާލެއް ށ. ފުނަދޫގައި ވެއެވެ. އެރަށުގެ ދަށްފަޅަކީ، ފުނަދޫގެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެމީހުންނަށް ގުދުރަތީ ގޮތުން ލިބިފައިވާ ނުހަނު ބޮޑު ނަސީބެކެވެ.

ދަށްފަޅު ކިޔަނީ ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަ ދެރަށާއި ކުޑަހުރައަކާ ދޭތެރޭގައި އޮންނަ ގުދުރަތީ، ރީތިކަމުގެ ނަމޫނާ ތިލަ ފަޅަކަށެވެ. މިތަނުގެ ރީތިކަން އެންމެ ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެރަށު ކައުންސިލުން ބޭނުންވެއެވެ. އަދި އާމްދަނީ ހޯދުމުގެ އިތުރު ގޮތްތައް މަގުފަހިކުރުމަށް މި ސަރަހައްދުގެ ބޭނުން ހިފަން ވެސް ބޭނުންވެއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމްފުޅު ވިދާޅުވީ ދަށްފަޅުގައި ނޭޗާ ޕާކެއް ގާއިމު ކުރަން ރާވާފައިވާ ކަމަށެވެ. ވިޔަފާރިވެރިންނަށް ފްލޯޓިން ރެސްޓޯރެންޓްތައް ވެސް އެޅުމަށް ފުރުސަތު ދިނުމަށް ކައުންސިލުން ޕްލޭން ކޮށްފައިވާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި، އެކިކަހަލަ ވިޔަފާރިތަކަށް ފުރުސަތު ދޭން ބޭނުންވާތީ، ވަކި ސަރަހައްދުތަކެއް ވިޔަފާރިވެރިންނަށް ޚާއްސަކުރަން ވިސްނާފައިވާ ކަން އޭނާ ފާހަގަކުރިއެވެ.

ފުނަދޫ ޒުވާނުންގެ ޚިޔާލުގެ ދަށުން ރާޅާ އެޅުމުގެ ކަންކަން ދަށްފަޅުގައި ކުރިއަށް ގެންދަން ޗައިނާ ބަޔަކާ ދަނީ މިހާރު މަޝްވަރާ ކުރަމުންނެވެ. މިކަން ކުރެވޭނެ ގޮތްތައް ބަލާފައި، ރަނގަޅު ކަމަކަށް ވާނަމަ ކައުންސިލުން އެކަން ކުރާ ވިސްނުމެއް ގެންގުޅޭ ކަމަށް އަހުމަދު ވިދާޅުވިއެވެ. މިހާރު ދަށްފަޅުގެ ސާވޭ ވަނީ ހަދާ ނިންމާފައެވެ. އަދި ލޭންޑް ޔޫސް ޕްލޭން ހަދަން ވަނީ ބަޔަކާ ހަވާލު ކޮށްފައެވެ.

"އަޅުގަނޑުމެން އޮންނާނީ ދަށްފަޅަށް ޕްލޭންއެއް މިހާރުވެސް ހަދާފަ. އޭގަ އޮންނާނެ ނޭޗާ ޕާކެއް ހެދުމާއި ވިޔަފާރިވެރިންނަށް ފްލޯޓިން ރެސްޓޯރެންޓްތައް އެޅުމަށް ފުރުސަތުދޭން ނިންމާފަ. ދަށްފަޅުގެ ސާވޭ ވެސް ކޮށް ނިމިއްޖެ. މިހާރު ވާނީ ބަޔަކާ ހަވާލު ކޮށްފަ،" ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމްފުޅު ވިދާޅުވިއެވެ.

ފުނަދޫގެ ރީތިކަން ދަމަހައްޓައިދޭ ބޮޑު ބާރަކަށް ދަށްފަޅު ވެއެވެ. ގުދުރަތީ ގޮތުން އެ ސަރަހައްދު އޮންނަ ގޮތުގެ ފުރިހަމަކަން ދަށްފަޅު ޚާއްސަވުމުގެ ހެއްކަކަށް ފުދޭނެއެވެ. އެގޮތުން ހުދު ކުލައިގެ ރީތި ދޮންވެލިގަނޑާއި ބިއްލޫރިކޮޅެއް ފަދަ މޫދު ފާހަގަކޮށްލެވެއެވެ. ދަށްފަޅުގެ ފުއްޓަރު ފަރާތުގައި ހެދިފައި ހުންނަ ކުރެދި އަދި ރަނޑޫ ގަސްތަކަކީ ވެސް އެތަނުގެ ރީތީ ކަމަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ. ދަށްފަޅުގެ އެންމެ ޚާއްސަ ކަމަކީ އެތާ އުޅޭ ނޫމާ ނަމަކަށް ކިޔާ ކަކުންޏެވެ.

ށ. ފުނަދޫ ދަށްފަޅު: އެއީ ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަ ދެރަށާއި ކުޑަހުރައަކާ ދޭތެރޭގައި އޮންނަ ގުދުރަތީ، ރީތިކަމުގެ ނަމޫނާ ތިލަ ފަޅެއް --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

"އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން އެންމެ ޚާއްސަ ކަމަކީ. ހަމަ އެގޮތަށް ނޫމާ ކަކުނިވެސް. މިވައްތަރުގެ ކަކުނި އާލާ ކުރުމުގެ މައްސަކަތް ކައުންސިލުން ވާނީ ވިސްނާފަ. އެގޮތުން ކަކުނި އާލާ ކުރުމުގެ ޓްރެއިނިންއެއް ކައުންސިލުގެ ސްޓާފަކަށާއި ޝައުގެވެރިކަން ހުރި ފަރާތްތަކަށް ދޭން ވާނީ ބަޖެޓުކޮށް ކައުންސިލުގެ މަސައްކަތުގެ ތާވަލުގައި ހިމަނާފަ،" އަހުމަދު ވިދާޅުވިއެވެ.

މިހާރު ދަށްފަޅުގައި އުޅޭ ކަކުނީގެ އާބާދީ ވަނީ ދަށްވެފައެވެ. އެ ސަރަހައްދުން ނޫމާ ކަކުނި ފެންނަ މިންވަރުވެސް މަދެވެ. އެރަށަށް ދާ ކޮންމެ މީހަކަށް ވެސް ކަކުނި ނެގުމުގެ ފުރުސަތު މިހާރު އޮވެއެވެ. މިކަމާ ގުޅިގެން ވަކި ގާނޫނެއް ނުވަތަ ގަވައިދެއް ވެސް ނެތެވެ. މިކަން އިސްލާހު ކުރެވެނީ ކަކުނި އާލާ ކުރުމުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނައިދީގެން ކަމަށް އަހުމަދު ވިދާޅުވިއެވެ.

"މިހާރު ނޯވޭ ވަކި ގަވައިދުތަކެއް. އެތަނަށް ދާ ކޮންމެ މީހަކަށް ވެސް ކަކުނި ހިފުމުގެ ފުރުސަތު އޮންނަ ކަހަލަ ގޮތަކަށް މިހާރު ކަންތައް އޮތީ. ކަކުނީގެ އާބާދީ މަދުވުމުގެ މައިގަނޑު ސަބަބަކީ އެއީ ކަންނޭނގެ. އެބަ ޖެހޭ މިކަމަށް ރައްޔިތުން ހޭލުންތެރި ކުރަން. އޭރުން ހައްލުވާނެ ކަމަށް ގަބޫލު ކުރަން،" އަހުމަދު ވިދާޅުވިއެވެ.

ދަށްފަޅުގެ އެ ހިތްގައިމު ސަރަހައްދަކީ އެކި ވައްތަރުގެ ދޫނިތައް ވެސް ވަރަށް ދަތުރު ކުރާ ސަރަހައްދެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ އައި ގުޑުގުޑާ ދޫނިތައް ވެސް ގިނަ ދުވަސްތަކަކަށް މަޑު ކުރި ތަނެއްގެ ގޮތުގައި ދަށްފަޅު ފާހަގަކުރެވެއެވެ.

"މި ރަށު ރައްޔިތުންނަކީ ގާނޫނުތަކަށާއި ގަވައިދުތަކަށް ބޯލަނބާ ރައްޔިތުންތަކެއް. ދޫނި ހިފުން ކަހަލަ ކަންކަމެއް މި ރަށުގައެއް ނޯވޭ. ހުރިހާ ރައްޔިތުން ވެސް މިކަންކަމަށް ސަމާލުކަން ދޭކަން ފާހަގަކޮށްލެވޭ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ދަށްފަޅުގެ ވަށައިގެން ހުންނަ ކުރެދި ގަސްތައް ބަޔަކު ކަނޑާ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. ފުނަދޫ ކައުންސިލުން ދަނީ އެކަން ކުރާ މީހުންނާ ސުވާލުކޮށް ނަސޭހަތް ދެމުންނެވެ. އަދި އެކަމާ ގުޅޭ ބައެއް މައްސަލަތައް ފުލުހުންނަށް ވެސް ހުށަހަޅާފައިވެއެވެ.

މީގެ ކުރިން ފުނަދޫގެ ޖަމްއިއްޔާތަކާ ގުޅިގެން ކައުންސިލުން ވަނީ އެރަށު ހޭޅިފަށުގައި ހުރި ރަނޑޫ ފަދަ ގަސްތައް ދައްފަޅާ ވީ ދިމާލުގައި އިންދުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް ރަނޑޫ އިންދުމަކީ ވެލިގަނޑު ޗަކަވާ ކަމަކަށް ވާތީ، ވަކި ސަރަހައްދުތަކެއްގައި ގަސް އިންދުމަށް ވަނީ ނިންމާފައެވެ.

ށ. ފުނަދޫ ދަށްފަޅު: އެއީ ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަ ދެރަށާއި ކުޑަހުރައަކާ ދޭތެރޭގައި އޮންނަ ގުދުރަތީ، ރީތިކަމުގެ ނަމޫނާ ތިލަ ފަޅެއް --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ފުނަދޫގެ ދަށްފަޅުގައި މޫސުމީ ބަދަލުތަކެއް އަންނަ ރީތި ވެލިގަނޑެއް ވެސް އޮވެއެވެ. ވަކި މޫސުންތަކަކަށް ވެލިގަނޑު ކުޑަވެއެވެ. އެހެން މޫސުންތަކުގައި ވެލިގަނޑު ބޮޑުވެއެވެ. ދަށްފަޅުގައި ދޮންވެލި ލައި ރިތި ބީޗެއް ހެދުމަކީ ކައުންސިލުގެ ވިސްނުމެވެ. އަދި އެންވާރަމެންޓް މިނިސްޓްރީން ހުއްދަ ކުރާ ގޮތަކަށް ދޮންވެލި ލެވޭނެ ގޮތެއް ރާވަން ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ.

ފުނަދޫގެ ދަށްފަޅަކީ އެ ރަށު ރައްޔިތުންގެ ގިނަ އުއްމީދުތަކާ ގުޅިފައިވާ ތިލަ ފަޅެކެވެ. ރައްޔިތުން ދެކޭ ހުވަފެންތަކުގައި ކުލަ ޖެހޭނެ ދުވަހަކީ، ފުނަދޫ ރަށެއްގެ ގޮތުގައި ވެސް ކުރި އަރާނެ ދުވަހެކެވެ. ރައްޔިތުންގެ މާލީ ހާލަތު މެކުހަށް ޖެހޭނެ ދުވަހެކެވެ. އަދި ފުނަދޫ މިހާރަށް ވުރެ ވެސް ފުދުންތެރި ރަށެއްގެ ގޮތުގައި ގައުމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭނެ ދުވަހެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް