މިމަހުގެ އަށް ވަނަ ދުވަހު ބަޑީގެ ހަމަލާއެއްގައި އަވަހާރަވި، ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހަނދާންތައް ދިވެހި ރައްޔިތުން އަބަދުވެސް އާ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާ މިހެން ވިދާޅުވީ ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ޞާލިޙް މިއަދު ލިޔުއްވި ބަޔާނުގައެވެ.
ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ އެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ޝިންޒޯ އަބޭ ސިފަކުރައްވާފައި ވަނީ ޖަޕާނުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަ ގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ.
މީގެ އިތުރުން އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއްކަމަށާއި، ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެ ކަމަށް އެ ބަޔާނުގައި ރައީސް، ލިޔުއްވާފައިވެއެވެ.
ޝިންޒޯ އަބޭ އަވަހާރަވުމާއި ގުޅުވައިގެން ރައީސް، ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ އެމަނިކުފާނަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ރާއްޖެ އާއިއެކު އޭގެ ކުރިން ދުވަހަކު ވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިޤުތިސާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.