ވިލިމާލޭގައި ޕިކްނިކް އޭރިއާއެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: މޭޔަރު މުއިއްޒު

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގިނަ ބަޔަކު ހިތްފަސޭހާ ކޮށްލަން ދާ ވިލިމާލޭގައި، ޕިކްނިކް އޭރިއާއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތް ޕާކުގައި ކުރިއަށްދާ މާލޭ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ޕިކްނިކް އޭރިއާއެއް ގާއިމްކުރަން ނިންމާފައިވަނީ މިހާރުވެސް މޫދަށްއެރުމަށް ބޭނުންކުރާ ސަރަހައްދުގައި ކަމަށެވެ.

ޕިކްނިކް އޭރިއާގައި ގާއިމްކުރަން ނިންމާފައިވަނީ ބާބަކިއު ސަރަހައްދަކާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކި ފާޚާނާ ބަރިއަކާއި، ނުކުޅެދޭ މީހުނަށް ވަކި ފާޚާނާ ބަރިއެއްގެ އިތުރުން އޯޕަން ޝަވާއެއް ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެެ.

"އަދި ޑޭރޫމްސް ގޮތަށް ބޭނުންކުރަން ކޮޓަރިތަކެއް ވެސް ހަދާގޮތަށް އަދި އޯޕަން ޝަވާ، މި ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް އެ ސަރަހައްދުގައި ޑިވެލޮޕްމަންޓެއް ގެންނަ ގޮތަށް އަޅުގަނޑުމެން ރަވާފަ މިވަނީ،" މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑޭރޫމްސްގެ ގޮތުގައި 10 ކޮޓަރި ގާއިމް ކުރާނެ ކަމަށެވެ. މި ކޮޓަރިތަކަކީ ރޭގަނޑު މަޑުކުރާގޮތަށް ދޫކުރާ ކޮޓަރިތަކެއް ނޫނެވެ.

އެ ސަރަހައްދުގައި ނުކުޅެދޭ މީހުނަށް މޫދަށް އެރެން ޚާއްސަކޮށް ރޭމްޕެއް ވެސް ގާއިމްކުރަން ނިންމާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

"ވީލްޗެއާގަ މޫދުތެރެއަށް ގޮސް ވަކި ހިސާބެއްގަ، އުނަގަނޑާ ހަމައަށް މޫދުތެރޭގައި މަޑުކޮށްލައިގެން ވޯޓާ ތެރަޕީއަށް ބޭނުންކުރެވޭ ކަހަލަ ރޭމްޕޭއް ގާއިމްކުރާގޮތަށް ކޮންސެޕްޓް އިނީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަމާޒަކީ ހަ މަސްދުވަހުގެ ތެރޭގައި ޕިކްނިކް އޭރިއާ ގާއިމްކޮށް ނިންމުންކަމަށެވެ.

"ފުރަތަމަ ނިންމޭނީ ކޮޓަރިތައް ފިޔަވާ ދެންހުރި ހުރިހާ ތަނެއް ހަ މަސް ތެރޭގަ. ދެން ކޮޓަރިތައް އަދި އިތުރު ވަގުތުކޮޅެއް ނަގާފާނެ،" މޭޔަރު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ މާލޭސިޓީ ކައުންސިލާއި ދިވެހި ފުލުހުން ގުޅިގެން ސްޕެޝަލް ކޮންސްޓަބިލިރީގެ ޚިދުމަތް ވެސް ފައްޓަވާފައެވެ. މި ޚިދުމަތް އަދި ދެމުންދާނީ މާލެއާއި ވިލިމާލޭގައެވެ.

މި ޚިދުމަތުގެ ދަށުން، މި ދެ ރަށުގައި އާންމު ޚިދުމަތުގެ ގޮތުގައި ކަނޑައެޅޭ ތަންތަނުގައި ހުއްދަނުނަގާ ބަހައްޓާފައިވާ ތަކެތީގެ ކަންކަން ހަމައަކަށް އެޅުވުމާއި، މަސައްކަތްކުރާ ސަރަހައްދުތަކުގައި މަސައްކަތް ކުރަނީ ހުއްދައެއް އޮވެގެންތޯ ބެލުމާއި، އޮންނަ ހަމައިން ނޫންގޮތަކަށް ކުންޏާމެދު ބަޔަކު ޢަމަލުކުރޭތޯ ބަލާނެއެވެ.

އަދި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން އެގޮތުގައި ދެމެހެއްޓެމުން ދޭތޯ ބެލުމާއި، ސަރަހައްދުތަކުގައި ގަވާއިދާއި ޚިލާފު ކަންތައްތައް ހިނގުން މަދުކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން ޚާއްސަ ގޮތެއްގައި މިސްކިތްތަކުގެ ހުރުމަތް ހިފެއްޓުމަށް މަސައްކަތްކުރުން ހިމެނެއެވެ.

comment ކޮމެންޓް