މާލޭސިޓީ ކައުންސިލްގެ ޑިޖިޓަލް ޕޯޓަލް އިފްތިތާހުކޮށްފި

"މާވެހި" ޕޯޓަލް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ މާލޭސިޓީ ކައުންސިލް

މާލޭ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމްގެ ދަށުން "މާވެހި"ގެ ނަމުގައި މާލޭސިޓީ ކައުންސިލުން ހަދާފައިވާ ޑިޖިޓަލް ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

މިއަހަރުގެ މާލޭސިޓީގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި މާލޭސިޓީ ކައުންސިލްގެ ޑިޖިޓަލް ޕޯޓަލް އިފްތިތާހުކޮށްދެއްވާފައި މޭޔަރު ޑރ. މުޙައްމަދު މުއިއްޒެވެ.

މި ޕޯޓަލް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ 80 އަށް ވުރެ ގިނަ ޚިދުމަތުގެ 90 ޕަސެންޓް ޚިދުމަތް އޮންލައިންކޮށް ހޯދޭނެއެވެ..

އެގޮތުން ނަސްލު ސާބިތުކުރުމަށް ގެންނަންޖެހޭ ކައިވެނީގެ ސެޓިފިކެޓުގެ އަސްލު ނުވަތަ ވެރިފަރާތް ސާބިތު ކުރުމަށް ގެންނަންޖެހޭ ހިބަ ފޮތުގެ އަސްލުފަދަ މަދު ކަންކަން ފިޔަވާ އެހެން ހުރިހާ ޚިދުމަތެއް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.

ޕޯޓަލްއިން ޚިދުމަތް ހޯދުމަށް ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. ރެޖިސްޓްރީވުމުން ސިޓީ ކައުންސިލުން އެކައުންޓް ވެރިފިކޭޝަން ޕްރޮސެސް ކުރިއަށްގެންދާނެއެވެ.

ޕޯޓަލްއަށް ލޮގިންވުމަށް ރެޖިސްޓާކުރުމަށް ބޭނުންކުރި އައިޑީކާޑު ނަންބަރު ޖެހުމުން ލޮގިންވެވޭނެއެވެ. ލޮގިންވާ ކޮންމެ ފަހަރަކު އޯޓީޕީ ކޯޑު ޖަހަންޖެހޭނެއެވެ.

މާލޭސިޓީ ޖިޑިޓަލް ޕޯޓަލް މެދުވެރިކޮށް ކައުންސިލްގެ ހުރިހާ އާންމު ޚިދުމަތަކަށް އެދެވޭނެއެވެ. އެގޮތުން ކުއްޖާ އުފަންވުމަށް ފަހު އެދިލައްވާ ޚިދުމަތްތައް، މާލޭސިޓީގެ ގެއެއްގައި ރަޖިސްޓްރީވުމުގެ ޚިދުމަތްތައް، އިމާރާތާބެހޭ ޚިދުމަތްތައް، ބިމާބެހޭ ޚިދުމަތްތައް، މަގު ބަންދު ކުރުމާ މަގުމަތީގައި މަސައްކަތް ކުރުމަށް އެދޭ ޚިދުމަތްތައް، ޕާކުތައް ކުއްޔަށްހިފަން ބޭނުންވާ ޚިދުމަތްތައް، އަދި މިސްކިތްތަކަށް ޑޮނޭޓްކުރުމުގެ ޚިދުމަތަށް އެދެވޭނެއެވެ.

ޚިދުމަތަކަށް އެދުމަށްފަހު ޚިދުމަތް ކުރިއަށްދާގޮތް ޕޯޓަލްގެ މައި ސާވިސަސްއިން ބެލޭނެއެވެ. އެދިފައިވާ ޚިދުމަތުގެ އިތުރު މައުލޫމާތު ބެލުމަށް ޚިދުމަތަކަށް ފިތާލުމުން ފުރިހަމަ މައުލޫމާތު ފެންނާނެއެވެ. އެދިފައިވާ ޚިދުމަތާ ގުޅޭ ހުރިހާ ޑޮކިއުމަންޓެއް ޚިދުމަތެއްގެ އިތުރު މައުލޫމާތުގެ ތެރެއިން ފެންނާނެއެވެ.

މިއާއެކު މައުލޫމާތެއް ސާފުކުރަން ސިޓީކައުންސިލްގެ އިދާރާއަށް ދާކަށް ނުޖެހޭނެއެވެ.

comment ކޮމެންޓް