މިނީ ބަހުގެ ޚިދުމަތް ފެށުމަށް ދޭންޖެހޭ އެއްބާރުލުން ސިޓީ ކައުންސިލުން ދެން: ނަރީޝް

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް --- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް)ގެ ދަށުން ސަރުކާރުން މާލޭގައި ފެށުމަށް ތައްޔާރުވަމުންދާ މިނީ ބަހުގެ ޚިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ހުރަސްއަޅާކަމަށް ވިދާޅުވެ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްކެވި ވާހަކައަކީ އިތުރުފުޅެއް ކަމަށާއި އެކަމަށް މާލޭ ސިޓީ ކައުންސިލުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީގެ ފަރާތުން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެ ޚިދުމަތް ނުފެށި ލަސްވަނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ދޭން ޖެހޭ އެއްބާރުލުން ނުދޭތީ ކަމަށާއި ބަހުގެ ޚިދުމަތް ފެށޭނީ މާލޭގެ މަގުތަކަށް ބައެއް ބަދަލުތައް ގެނެސްގެން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރޭގައި ބަސް ދުއްވޭ ގޮތަށް މަގުތައް ފަހި ކުރުމާއި ބަސް ހުއްޓާނެ ސްޓޮޕްތައް ގާއިމުކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަން ކޮށްދެވޭނީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި އެކަންކަން ހަމަޖައްސައިދިނުމަށް އެދުމުންވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެކަން ދޮގު ކުރައްވާ ނަރީޝް މިއަދު "ސަން"އަށް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތައް ބަލައިނުގަނެވޭ ކަމަށެވެ. އަދި ކިތަންމެ ފަށަން ބޭނުންވާ މަޝްރޫއެއް ވެސް ފެށުމުގެ ކުރިން ވިސްނަން ޖެހޭ އެތައް ކަމެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މިނީ ބަހުގެ ކަންކަމާ ގުޅޭ ގޮތުން ވަރަށް ގިނަ މަޝްވަރާ ބައްދަލުވުންތަކުގައި ސިޓީ ކައުންސިލުގެ ބައެއް ކައުންސިލަރުން ބައިވެރިވެފައިވާކަމަށާއި، ޕަބްލިކް ޓްރާންސްޕޯޓަކީ ސިޓީ ކައުންސިލުންވެސް ވަރަށް ތާއީދު ކުރާ ކަމެއް ކަމަށެވެ.

އެއީ ސިޓީ ކައުންސިލްގެ މެންޑޭޓް ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށްވާއިރު، ދައުލަތުގެ ކުންފުންޏަކުން ކުރި ކަމުގައި ވިޔަސް އެކަމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ކައުންސިލުން އަންނަނީ ދެމުން ކަމަށް ނަރީޝް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކިތަންމެ ތާއީދުކުރާ ޕްރޮޖެކްޓަކަށް ވިޔަސް ކަމެއް ކުރަން ފެށުމުގެ ކުރިން ބަލަން ޖެހޭ އެތައް ކަމެއް ހުރޭ. މިކަމުގައިވެސް ކަން އޮތީ އެހެން. ހުރި ކަންބޮޑުވުންތަކާ އެކަމަށް އޮތް ސޮލިއުޝަންތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ބައްދަލުވުންތަކެއް ބޭއްވިއްޖެ،" ނަރީޝް ވިދާޅުވިއެވެ.

އެ ބައްދަލުވުންތަކުގައި ސަރުކާރުން އެދިފައި ވަނީ މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މަޖީދީ މަގާއި އަމީނީ މަގާއި ފަރީދީ މަގާއި އޯކިޑްމަގު ޕާކު ކުރަން އެއްކޮށް ނަގަން ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންނަށް ޕާކު ކުރާނެ ތަނެއް ނުދައްކައި އެ ޕާކިން ޒޯންތައް ނެގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ކައުންސިލުން ބުނެފައިވާނެ ކަމަށާއި އެމަގުތަކަކީ މިހާރުވެސް އިތުރު ޕާކިންއެއް ދެވޭނެހެން އޮތް މަގުތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ މާލޭގައި ހުރި ހުރިހާ މަގުތަކުގެ ހުރިހާ ޕާކިންތަކެއް ޕްލޭނިންގެ މިނިސްޓްރީއަށް ނަގަން އުޅޭ ކަމުގެ މަޢުލޫމާތު ލިބޭ ކަމަށާއި އެއީ ލާމަރުކަޒީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި ބަންޑާރަ މަގުތަކަކީ ސިޓީ ކައުންސިލްގެ ތަނެއް ކަން ޤާނޫނުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 ބަސް މިހާރު ވަނީ މާލެ ގެނެސްފައެވެ. އޭގެތެރެއިން 12 ބަސް މާލޭގައި ބޭނުންކުރާއިރު ބާކީ 24 ބަހަކީ ރާއްޖެތެރޭގައި ބޭނުންކުރުމަށް ގެނައި ބަސްތަކެކެވެ.

މިނީ ބަހުގެ ޚިދުމަތް ރާވާނީ ކޮންމެ 10 މިނެޓަކުން ސްޓޮޕްތަކަށް މަޑުކުރާގޮތަށެވެ.

މިނީ ބަހުގެ ޚިދުމަތުގެ އަގުތައް ވަރަށް އަވަހަށް އިޢުލާނު ކުރާނެ ކަމަށާއި އެކަމާ ގުޅޭ ޚާއްސަ އެޕްގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

comment ކޮމެންޓް