ޓްވިޓާއިން މަސްކް ގޮވައިގެން ކޯޓަށް، މަސްކް އެދެނީ ޝަރީއަތް ފެށުން ފަސްކުރަން

ސީއީއޯ އަދި ބިލިޔަނަރު އީލޯން މަސްކް --- ފޮޓޯ: އޭއެފްޕީ

ބިލިއަނަރު އީލޯން މަސްކް ޓްވިޓާ ގަންނަން ހުށަހެޅި 44 ބިލިއަން ޑޮލަރުގެ އެއްބަސްވުން އުވާލަން އޭނާ ނިންމުމުން، އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށުން ފަސްކޮށް ދިނުމަށް މަސްކް އެދިއްޖެއެވެ.

މަސްކް ޓްވިޓާ ގަންނަން މަޝްވަރާތައް ބޭއްވުމަށް ފަހު، ޓްވިޓާ ނުގަންނަން ނިންމިކަން އިއުލާން ކުރުމާ ގުޅިގެން އެ ކުންފުނިން އެމެރިކާގެ ޑެލަވެޔާގެ ކޯޓަކަށް މައްސަލަ ހުށަހެޅީ މިދިޔަ ހަފުތާ ތެރޭގައެވެ.

ޓްވިޓާއިން އެދިފައި ވަނީ އެ މައްސަލައިގެ ޝަރީއަތް އަންނަ ސެޕްޓެމްބަރު މަހު ފަށައިދިނުމަށެވެ. އަދި އެއީ ހަތަރު ދުވަހުން ނިންމާލެވޭނެ މައްސަލައެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ނަމަވެސް މަސްކްގެ ވަކީލުން ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށާ ތާރީޚު ފެބްރުއަރީ މަހަށް ހަމަޖައްސައި ދިނުމަށް އެދިފައެވެ.

މަސްކްގެ ގާނޫނީ ވަކީލުން ވިދާޅުވަނީ އޭނާ ޓްވިޓާ ނުގަންނަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ޓްވިޓާއިން ސްޕޭމް އެކައުންޓްތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްނުދިނުން ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ޝަރީއަތުގެ ކުރިން އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

ޓްވިޓާ ގަންނަން މަސްކް ހުށަހެޅީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ.

އޭގެ ކުރިން މަސްކް ވަނީ ޓުވިޓާގެ 9.2 ޕަސެންޓު ހިއްސާ ގަނެ، އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަށްވެފައެވެ. މަސްކް ބުނި ގޮތުގައި އޭނާ ޓުވިޓާގައި އިންވެސްޓު ކުރީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއް ހިންގުމަށް މުހިންމު އެއްޗެއް ކަމަށް ދެކި، ޓުވިޓާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުރުސަތުދޭ ޕްލެޓްފޯމެއް ކަމަށް ގަބޫލުކޮށްގެންނެވެ.

ނަމަވެސް ޓުވިޓާ މިހާރު ހިންގާ ގޮތުން އެ ބޭނުން ނުފުއްދޭ ކަމަށާއި އެ ކުންފުންޏަކީ އަމިއްލަ ކުންފުންޏަކަށް ބަދަލު ކުރަން ޖެހޭ ކަމަށް މަސްކް ބުނެފައިވެއެވެ.

އޭގެ ފަހުން މަސްކް ވަނީ ޓްވިޓާ ގަތުމާ ބެހޭ ގޮތުން ކުންފުނީގެ އިސް ވެރިންނާއި މުވައްޒަފުންނާ ވެސް ބައްދަލުކޮށް, މަޝްވަރާތައް ބާއްވާފައެވެ.

ފޯބްސް މެގަޒިންގެ "ދުނިޔޭގެ އެންމެ މުއްސަނދި މީހުން"ގެ ލިސްޓުގެ އެންމެ ކުރީގައި މިހާރު އޮތީ މަސްކްގެ ނަމެވެ. އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުންޏާއި ޖައްވީ އުޅަނދުތައް އުފައްދާ ސްޕޭސް އެކްސް ކުންފުނީގެ ވެރިޔާ ކަމަށްވާ މަސްކްގެ މިލްކިއްޔާތުގެ އަގު މިހާރު 230.4 ބިލިއަން ޑޮލަރަށް އަރައެވެ.

comment ކޮމެންޓް