ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވާލައިފިއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ދޭނެއެވެ.

މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑަޅާފައިވާ ގޮތުގެ މަތިން ލިބެއެވެ.

ޖޭއެސްސީން ބުނެފައި ވަނީ އަންނަ މަހުގެ 10ވަނަ ދުވަހުގެ 13:00އާ ހަމައަށް އެ މަގާމަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓަށް އާ ފަނޑިޔާރަކު އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ދީބަނާޒް ފަހުމީ ހައިކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމުމަށް ފަހުގައެވެ.

ޖޭއެސްސީން އެގޮތަށް ނިންމީ ހައިކޯޓުގެ ހުސްވެފައިިވާ ދެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހުއެވެ.

ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާނުކުރީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި ޢަބްދުﷲ ހަމީދު, ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

comment ކޮމެންޓް