ޖަޕާންގެ ޕާލަމެންޓްރީ އިންތިޚާބުގައި ވެރިކަންކުރާ ޕާޓީ، ބޮޑު ކާމިޔާބެއް ހޯދައިފި

ޖަޕާނުގެ ބޮޑުވަޒީރު އަދި ވެރިކަންކުރާ އެލްޕީޑީގެ ލީޑަރު ފޮމިޔޯ ކިޝީދާ

ޓޯކިޔޯ (11 ޖުލައި 2022) : ޖަޕާނުގައި އިއްޔެ ބޭއްވި ޕާލަމެންޓްގެ މަތިގޭގެ އިންތިޚާބު، ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ން ކާމިޔާބުކޮށްފިއެވެ.

އެލްޑީޕީން މި ކާމިޔާބު ހޯދީ ޕާލަމެންޓްގެ މަތީގޭގައި ހިމެނޭ 248 ގޮނޑީގެ ތެރެއިން 125 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގައެވެ. މި އިންތިޚާބުގައި ވާދަކުރި 125 ގޮނޑީގެ ތެރެއިން 63 ގޮނޑި ކާމިޔާބުކުރީ އެލްޑީޕީންނެވެ. މި އިންތިޚާބަށް ބަލާއިރު އަޣްލަބިއްޔަތަކީ 63 ގޮނޑިއެވެ. މިވަރަށް އެލްޑީޕީން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.

މިއީ ސިންޕަލް މެޖޯރިޓީއެވެ. ނަމަވެސް އެލްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ ކުޑަ ޕާޓީއެއްކަމަށްވާ ކޮމޭޓޯއިން ކާމިޔާބުކުރި 12 ގޮނޑިއާއެކު މި އިންތިޚާބުގައި އެލްޑީޕީ ގެ ކޯލިޝަނަށް 125 ގޮނޑީގެ ތެރެއިން 75 ގޮނޑިވަނީ ލިބިފައެވެ. މިއީ އެއް އިންތިޚާބަކަށް ބަލާއިރު ބޮޑު އަޣްލަބިއްޔަތެކެވެ.

ޖަޕާނުގެ ޕާލަމެންޓް

މިވަރުގެ ތަނަވަސް އަޣްލަބިއްޔަތެއް އެލްޑީޕީއަށް ލިބުނީ އެ ޕާޓީގެ އެންމެ ނުފޫޒުގަދަ ލީޑަރު ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޝިންޒޯ މީގެ ތިން ދުވަސްކުރިން އަވަހާރަކޮށްލުމާ ގުޅިގެން އެ ޕާޓީއަށް ލިބުނު ރައްޔިތުން ގެ ހަމްދަރުދީގެ ސަބަބުންކަމަށް ވަނީ ބެލެވިފައެވެ. މިއީ 2013 ވަނަ އަހަރަށްފަހު ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް އިންތިޚާބެއްގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

އެލްޑީޕީން މިހާބޮޑު ކާމިޔާބެއް ހޯދިއިރު ޖަޕާނުގެ އިދިކޮޅު އެންމެބޮޑު ޕާޓީކަމަށްވާ "ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީ އޮފް ޖަޕާން" (އެސްޑީޕީޖޭ) މި އިންތިޚާބުގައި ވަނީ އިތުރަށް ބަލިވެގެން ގޮސްފައެވެ.

ޖަޕާނުގައި އެއް ޕާޓީއަކަށް އިންތިޚާބެއްގައި އަޣްލަބިއްޔަތު ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. ޖަޕާންގެ ޕާލަމެންޓްގެ މަތީގޭގެ މެންބަރުންގެ އަދަދަކީ 248 އެވެ. ޕާލަމެންޓްގެ މަތިގޭގެ އިންތިޚާބު ބާއްވަނީ އެއްފަހަރަކުން ނޫނެވެ. އެއްފަހަރު ބާއްވަނީ 125 ގޮނޑީގެ އިންތިޚާބެކެވެ. އަނެއް ފަހަރު ބާއްވަނީ 123 ގޮނޑީގެ އިންތިޚާބެކެވެ.

ޕާލަމެންޓްގެ މަތީގޭގެ މެންބަރުކަމުގެ މުއްދަތަކީ ހަ އަހަރެވެ. އިންތިޚާބު ބާއްވަނީ ޕާލަމެންޓްގެ ގޮނޑިތައް ދެބައަށް ބަހާލައިގެންނެވެ. ކުރިން އިންތިޚާބުކޮށްފައިވާ 123 ގޮނޑީގެ އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)އެވެ. އެހެންކަމުން އިއްޔެ ބޭއްވި އިންތިޚާބުގައި ލިބުނު ކާމިޔާބީއާއެކު އެލްޑީޕީއަށް ޖަޕާނުގެ ޕާލަމެންޓްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ދެމެހެއްޓޭނެއެވެ.

މިއީ ޖަޕާނުގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ފުރުސަތު އެލްޑީޕީއަށް ލިބިގެންދާނެ ކަމެކެވެ. ޖަޕާނުގެ ސިފައިން އެ ގައުމުން ބޭރުގައި އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލިބިދޭގޮތަށް ގާނޫނު އަސާސީއަށް ބަދަލުގެންނަން އެލްޑީޕީގެ ލީޑަރ ޝިޕުން ބޭނުންވެއެވެ.

އިންތިޚާބުގައި ލިބުނު ކާމިޔާބާ ގުޅިގެން އެލްޑީޕީގެ ލީޑަރު އަދި ޖަޕާންގެ ބޮޑުވަޒީރު ފޫމިޔޯ ކިޝީދާ ވިދާޅުވީ އެޕާޓީގެ ނުފޫޒުގަދަ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލިތާ ދެދުވަހުގެ ތެރޭގައި ބޭއްވި ބޮޑު އިންތިޚާބެއް ކާމިޔާބު ކުރުމަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމުގައެވެ. މިއީ 2013 ވަނަ އަހަރަށްފަހު އާންމު އިންތިޚާބެއްގައި އެލްޑީޕީއަށް މިވަރުގެ ކާމިޔާބެއް ހޯދުނު ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް