ރައްޒާގުބެ މެމޯރިއަލް ކަޕް: ޗެލެންޖާސް ބަލިކޮށް އެކްސިޓޯއިން ތަށި އުފުލާލައިފި

ރައްޒާގުބެ މެމޯރިއަލް ކަޕްގެ ފަައިނަލް މެޗުގެ ތެރެއިން --- ސަން ފޮޓޯ / މުޙައްމަދު ނާއިލް ހުސައިން

ޕެނެލްޓީން 4-3 ގެ ނަތީޖާއަކުން ޗެލަންޖާސް އެފްސީ ބަލިކޮށް އެކްސިޓޯ އެފްސީން ރައްޒާގުބެ މެމޯރިއަލްކަޕް 2022ގެ ތަށި އުފުލާލައިފިއެވެ.

ކ. ގުރައިދޫ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު އެ މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅެމެއް ފެނިފައެވެ. ނަމަވެސް އެ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހިއެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހަމަލާ ވެސް އުފައްދާފައިވަނީ އެކްސިޓޯގެ ފަރާތުންނެވެ. އެކްސިޓޯގެ ކެޕްޓަން ހުސައިން ނިޔާފަށް އެރިއާ ބޭރުން ލިބުނު ބޯޅަ އޭނާ ފޮނުވާލިނަމަވެސް އެ ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ޗެލެންޖާސްއަށް ވެސް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެ ޓީމުގެ މުޙައްމަދު ނާއިމް ބޯޅަ ހިފައިގެން އެކްސިޓޯގެ ޕެނެލްޓީ އެރީއާ ތެރެއަށް ވެދެ ފޮނުވާލި ބޯޅަ އެކްސިޓޯގެ ގޯލްކީޕަރު ވަލީދު އިދުރީސް ވަނީ ދިފާއުކޮށްފައެވެ.

ރައްޒާގުބެ މެމޯރިއަލް ކަޕްގެ ފަައިނަލް މެޗުގެ ތެރެއިން --- ސަން ފޮޓޯ / މުޙައްމަދު ނާއިލް ހުސައިން

މީގެއިތުރުން ޗެލެންޖާސްގެ މުޙައްމަދު ސާއިފް ރަޝީދު އޭރިއާ ބޭރުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ މަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޗެލެންޖާސްއަށް މެޗުގެ ލީޑުނަގަން ވަނީ ފުރުސަތު ލިބިފައެވެ. އެ ޓީމުގެ ނާއިމް ފޮނުވާލި ހަމަލާ އެކްސިޓޯގެ ކީޕަރު ވަލީދު ދިފާއު ކުރިނަމަވެސް ރީބައުންޑު ޗެލެންޖާސްގެ ސާއިފް އަށް ލިބުން އިރު ގޯލު އޮތީ މުޅިން ހުސްވެފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާދަރުން ބޭރަށެވެ.

ޗެލެންޖާސްއަށް ވަނީ ދެވަނަ ހާފުގައި ވެސް ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެކްސިޓޯ ޕެނަލްޓީ އޭރިއާ ރޮނގުކައިރިން ލިބުނު ހިލޭ ޖެހުން އަމާޒުވެފައިވަނީ އަރިމަތީ ދަނޑިއަށެވެ. އެ ހިލޭ ޖެހުން ފޮނުވާލީ ޗެލެންޖާސްގެ މުޙައްމަދު ތަސްމީން އެވެ.

މެޗުގެ ދެވަނަ ހާފު ވެސް ނިމިފައިވަނީ ގޯލެއް ނުޖެހިއެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން އެކްސިޓޯއިން ވަނީ ޗެލެންޖާސްގެ މައްޗަށް ކުރި ހޯދައިފައެވެ.

އެގޮތުން ޗެލެންޖާސްއިން ފުރަތަމަ ޕެނަލްޓީ ޖެހިއިރު އެ ޕެނަލްޓީ އެ ޓީމުގެ މުޙައްމަދު ތަސްމީން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެކްސިޓޯ ފުރަތަމަ ޕެނަލްޓީ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ޕެނަލްޓީ ޖެހީ އެ ޓީމުގެ އަހުމަދު ރިޝްފާނެވެ.

ރައްޒާގުބެ މެމޯރިއަލް ކަޕްގެ ފަައިނަލް މެޗުގެ ތެރެއިން --- ސަން ފޮޓޯ / މުޙައްމަދު ނާއިލް ހުސައިން

ނަމަވެސް ޗެލެންޖާސްގެ އަހުމަދު ނިހާލް ޖެހި އެ ޓީމުގެ ދަވަނަ ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތުގައި އެކްސިޓޯގެ ނާޖިހް އިބްރާހީމް ވަނީ އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ.

ޗެލެންގާސްގެ ތިންވަނަ ޕެނަލްޓީ އަހުމަދު ނޫމާން ކާމިޔާބުކުރިއިރު އެކްސިޓޯގެ ތިން ވަނަ ޕެނަލްޓީ މަދީހް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ޗެލެންޖާސްގެ ނާއިމް އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށްފާއިވާއިރު އެކްސިޓޯގެ ހުސައިން ޝަފްރާހް ވަނީ އެނާގެ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ.

ނަމަވެސް ޗެލެންޖާސްގެ މުޙައްމަދު ޝަހީމް ޖެހި ޕެނަލްޓީ ދަނޑިމަތިން ބޭރަށް ދިއުމާއެކު އެކްސިޓޯގެ އާލިމް އަބްދުލްޤައްޔޫމް އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން 4-3 ގެ ނަތީޖާއަކުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ރައްޒާގުބެ މެމޯރިއަލް ކަޕަކީ ގުރައިދޫގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލްމަރުހޫމް އަބްދުއްރައްޒާގު މޫސާގެ ހަނދާނުގައި 2015 ވަނަ އަހަރުން ފެށިގެން ބާއްވާ މުބާރާތެކެވެ.

ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން އެ މުބާރާތް މިއަހަރު ބާއްވައިފައި ވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުގައެވެ.

comment ކޮމެންޓް