އަމީނީ މަގު ހަދަން 84 މިލިއަން ރުފިޔާއަަށް އާރުޑީސީއާ ހަވާލުކުރުމަކީ ކޮރަޕްޝަން: ޑރ. މުއިއްޒު

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

އަމީނީ މަގު ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އަށް 84 މިލިއަން ރުފިޔާއަށް ހަވާލުކުރުމަކީ ސީދާ ކޮރަޕްޝަން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ސިޓީ ކައުންސިލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ ސިޓީ ކައުންސިލާއި އާރުޑީސީއާ އެއްބަސްވީ 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ހަދަން ކަމަށެވެ. އަދި އަގު ހުށަހެޅީ މާލޭ ސިޓީ ކައުންސިލަކުން ނޫން ކަމަށާއި ފައިދާއާ ހުރިހާ ކަމަކަށް ބެލުމަށްފަހު 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ހަދަން އަގު ހުށަހެޅީ އާރުޑީސީން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އެކަމު އިއްޔެ ހަމަ އެމަގު ހަދަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް އެދިނީ 84 މިލިއަނަށް. އެއީ 39 މިލިއަންގެ ވެސް ދެގުނަ. އެކަމު ހަމަ އެއީ 1.7 ކިލޯމީޓަރު ހުންނަ އަމީނީ މަގޭ. މަގުގެ ދިގު މިނަކަށް އަދި ބޮޑު މިނަކަށްވެސް ނާދޭ ބަދަލެއް. 45 މިލިއަން ރުފިޔާ އިތުރުވީ. އެއީ ހަމަ ސީދާ ކޮރަޕްޝަން،" މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

މުއިއްޒު އިތުރަށް ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އެއްވެސް ވަރަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުތަކާ ޚިލާފަށް، ސިޓީ ކައުންސިލާއި މާލޭގެ ރައްޔިތުންނަށްވެސް އިންސާފުވެރި ނޫން އެތައް ގޮތަކަށް ސަރުކާރުން ދަތިތައް ކުރިމަތި ކުރުވަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އެގޮތުން މާލޭ މަގުތައް ހެދުމުގެ މަޝްރޫއަކީ އެންމެ ފުރަތަމަ މާލޭ ސިޓީ ކައުންސިލާއި އާރުޑީސީއާ ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށާއި އެކަމަށްވެސް ހުރަސް ނާޅަން ޖެހޭ ގޮތަށް ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީއާ ހަވާލު ކުރުމަށް ކެބިނެޓުން ނިންމި ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ސޮއި ކުރައްވާ ފޮނުވި ސިޓީއެއްގައި މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމީ އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލް އިހުމާލުވެފައިވާތީ ކަމަށް އެ ސިޓީގައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެ ޕްރޮޖެކްޓަކީ ސިޓީ ކައުންސިލާއި އާރުޑީސީއާ ދެމެދު ލާރިތަކެއް ޚަރަދުކޮށްގެން ފެށިފައިވާ ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓުގެ އެއްބަސްވުމުގެ އެއްވެސް ކަހަލަ ދައުރެއް އަދާ ކުރާ ބައެއް ނޫން ޕްލޭނިން މިނިސްޓްރީއަކީއެއް. އެހެންވީމަ ކެބިނެޓުން ނިންމީއޭ ކިޔާފަ އެހެނެއް އެކަމެއް ނުކުރެވޭނެ. ރަސްމީކޮށް މަޝްރޫއު ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކި ކުރިކަން ރައީސް އޮފީހުންވެސް އަންގާފައެއް ނެތް. އެހެންވީމަ މިއަދު ލާމަރުކަޒީ ހުރިހާ ގާނޫނަކާއި އުސޫލުތަކެއް ފުނޑާ ބަޔަކަށް ސަރުކާރު މިވަނީ ވެފަ،" މުއިއްޒު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ލާމަރުކަޒީ އުސޫލުން އެއްވެސް ކަމެއް ސަރުކާރުން ކުރަން ނޫޅޭ ކަމަށެވެ. އަދި ނިންމުންތައް ނިންމާއިރު އެއްވެސް ކަހަލަ "ޕްރޮފެޝަނަލް" ކަމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް މާލޭގެ ތަރައްގީއަށް ކަމެއް ކުރާނަމަ އެކަމަށް މާލޭ ސިޓީ ކައުންސިލުން ފުރިހަމައަށް މަރުޙަބާ ކިޔާނެ ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ ކުރަން ޖެހޭ އުސޫލުގެ ތެރެއިން ކަމަށް ނަރީޝް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

"ސަރުކާރުގެ އަމަލުތައް ތާކުންތާކު ނުޖެހޭ ގޮތަށް ހުންނާތީ އަޅުގަނޑުމެން އެވާހަކަ ދައްކައިފިން އެތައް ފަހަރަކު. އެކި އިދާރާތަކާ ބައްދަލުކުރެވިއްޖެ. މިހާރު ސަރުކާރުން ކަން ކުރަނީ އޮންނަ ގާނޫނުތަކާ ޚިލާފަށްކަން ހެކިވާނެ މިތާ މިތިބި އެމްޑީޕީ މެންބަރުންވެސް. ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކުރޭ. މަރުޙަބާ ކިޔާނަން. ނަމަވެސް އެކަން ކުރަން ޖެހޭނީ އެކަން ކުރަން އޮންނަ އުސޫލުގެ މަތިން،" ނަރީޝް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާ ކަންކަންވެސް އެއްވެސް ކަހަލަ މަޝްވަރާއަކާ ނުލައި އެ ކައުންސިލުގެ އަތުން އަތުލަމުންދާ ކަމަށް މުއިއްޒުއާއި ނަރީޝް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެގޮތަށް އުސޫލުން ބޭރުން ކަންކުރަން ނުދޭނެ ކަމަށާއި އެކަމުގެ ވާހަކަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވިދާޅުވިއެވެ.

comment ކޮމެންޓް