އެމްއެންޕީން ފުރަތަމަ ފަހަރަށް އިންތިހާބެއް ކާމިޔާބުކޮށްފި

އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރި ޒަޢީމާ އާދަމް --- ފޮޓޯ/ އަވަސް

ށ. ކޮމަންޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކޮށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ފުރަތަމަ ފަހަރަށް އިންތިޚާބެއް ކާމިޔާބުކޮށްފިއެވެ.

އެރަށުގެ އަންހެނުންގެ ކޮމިޓީން ހުސްވެފައިވާ ދެ ގޮނޑީގެ ތެރެއިން އެމްއެންޕީއަށް ލިބުނީ އެއް ގޮނޑިއެވެ. އެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރީ ވެސް 334 ވޯޓު ލިބުނު ޒަޢީމާ އާދަމް އެކަންޏެވެ. ދެވަނަ ގޮނޑި، 288 ވޯޓާއެކު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އާއިޝަތު ވަހީދާއެވެ.

މީގެ އިތުރުން ވެސް މިއަދު ވަނީ ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަން ބާއްވާފައެވެ. އޭގެ ތެރެއިން ދެ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރި އިރު، އަނެއް ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެކެވެ.

އެގޮތުން، އއ. ތޮއްޑޫގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު މަޖްދާ ކާމިޔާބުކުރީ 315 ވޯޓާއެކުއެވެ. އޭނަޔާ ވާދަކުރި ޕީޕީއެމްގެ އާމިނަތު އަރީފާއަށް ލިބުނީ 247 ވޯޓެވެ.

ށ. ޅައިމަގުގެ ގޮނޑި އެމްޑީޕީގެ މަރްޔަމް ޒުހުރާ ކާމިޔާބުކުރީ 152 ވޯޓުންނެވެ. އޭނަޔާ ވާދަކުރި، ޕީޕީއެމްގެ މަރްޔަމް ޢަބްދުﷲއަށް ލިބުނީ 88 ވޯޓެވެ.

ޖުމްލަ ހަތަރު ކެންޑިޑޭޓަކު ވާދަކުރި ކ.ތުލުސްދޫގެ ބައި އިލެކްޝަން 300 ވޯޓާއެކު ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި އާމިނަތު ރަޝާދެވެ. އޭނަޔާ އެންމެ ކައިރިން ވާދަކުރި ޕީޕީއެމްގެ ފާތިމަތު ނަދާއަށް ލިބުނީ 225 ވޯޓެވެ.

އިލެކްޝަން ކޮމިޝަންސްގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު "ސަން"އަށް ވިދާޅުވީ ޖުމްލަކޮށް ދިޔައީ އަމާން ކަމަށާއި، އިންތިހާބާ ގުޅޭ އެއްވެސް ޝަކުވާއެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

comment ކޮމެންޓް