ކުރިއަށް އޮތްތަނުގައި ވެސް އެންމެ ބޮޑަށް ބަރޯސާވާންޖެހޭނީ އިންޑިއާއަށް: ރައީސް ނަޝީދު

އާސްކު ސްޕީކާ ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތްތަނުގައި ވެސް އެންމެ ބޮޑަށް ބަރޯސާވާންޖެހޭނީ އިންޑިއާއަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ އޮތް "އާސްކު ސްޕީކާ" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއަކީ އެންމެ ކުރީއްސެރު އަދި މިހާރުވެސް ރާއްޖެއަށް އެންމެބޮޑަށް އެހީތެރިވެދޭ ޤައުމުކަމަށެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭކަމަށް އެމަނިކުފާނު ވަކާލާތު ކުރައްވާއިރު އިންޑިއާ އައުޓް ގޮވުން މަނާކުރުމަކީ އެ ހައްގު ހަނިކުރުންކަމަށް ގަބޫލުކުރައްވަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ޤައުމެއްކަމަށެވެ. އެ ޤައުމަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ ޤައުމެއްކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެންމެ ބޮޑަށް ބަރޯސާވާންޖެހޭނީ ވެސް ހަމަ އިންޑިއާއަށް ކަމަށް ރައީސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް އެއްވެސް އިރެއްގައި މަސައްކަތް ނުކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހައްދެއްގެ ތެރެއިން އޮންނަންޖެހޭކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިސާލަކަށް އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ނުދެއްކޭނެ. ހަމައެއާއެކީގައި ދޭދޭ ޤައުމުތަކާ އަޅުގަނޑުމެން އޮންނަ ޚާރިޖީ ގުޅުން ބުރޫ އަރާ ބާވަތުގެ ކަންތައްތައް އެއީ ޚިޔާލު ފާޅުކުރުމުގެ ނަމުގައި ކުރެވެން އޮތްކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަވަށްޓެރި ޤައުމުތަކާ ނުބެހިވެސް ޚިޔާލު ފާޅުކުރެވޭނެކަމަށެވެ. އަވަށްޓެރި ޤައުމުތަކާމެދު ނަފުރަތު އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ''އިންޑިއާ އައުޓް" ހަރަކާތްތަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެ ބިލް ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަޚްލާގީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށް ބިލުގައި ވެއެވެ.

comment ކޮމެންޓް