ދީބާޖާ އިންވެސްމެންޓްގެ ގާނޫނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެދި ރައީސް ޞާލިޙަށް ސިޓީއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ދީބާޖާ އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެދި އެކުންފުނިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވައިފިއެވެ.

އިއްޔެ ދީބާޖާއިން ރައީސް ޞާލިޙަށް ފޮނުވި ސިޓީގައި ވަނީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ދައުލަތުގެ އެންމެ އިސްވެރިޔާއަށް މަތިކޮށްފައިވާ ބަރީޢަވެވެން ނެތް ޒިންމާއެއްކަމަށެވެ.

ދީބާޖާ އިންވެސްޓްމެންޓުގެ މަައްސަލައެއް ސުޕްރީމު ކޯޓުގައި މިހާރު ކުރިއަށް އެ ދަނީ ތިން ވަނަ ފަހަރަށް ކަމަަށާއި ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިން އެއީ އެކަން ހިނގަންވާނެ ގޮތްކަން އެ ކުންފުންޏަށް ގަބޫލު ނުކުރެވޭނެކަމަށް އެ ސިޓީގައިވެއެވެ.

އެންމެ ފުރަތަމަ އެ މައްސަލައިގެ އަޑުއެހުންތައް ނިންމަލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެ ފަހުން ހަތް މަސް ވީއިރުވެސް އެ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވަން ޖެހޭ އަޑުއެހުންތައް ބާއްވާފައި ނުވާކަމަށާއި މައްސަލަ އަވަސްކޮށްދިނުމަށް އެދި އެކި ފަހަރުމަތިން އެ ކުންފުނިން ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައިނުވާ ކަމަށް ދީބާޖާއިން ރައީސް ޞާލިޙަށް ފޮނުވި ސިޓީގައިވެއެވެ.

"ބޮޑެތި އެހެން ކުންފުނިތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ބާރު ސްޕީޑުގައި ގޮސް ނިންމާލާފައިވާއިރު އެގޮތަށް ދީބާޖާގެ މައްސަލައިގައި ނުވާންވި ސަބަބެއް ނުވިސްނޭ،" އެ ސިޓީގައިވެއެވެ.

އެ ސިޓީގައި ވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގެ ހުކުމް ލަސްވަމުންދާތީ އެކުންފުންޏަށް ލިބެމުންދާ މާއްދީ އަދި މާލީ ގެއްލުމުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ރައީސް ޞާލިޚަށް ވެސް ހުށަހަޅާފައިވާނެ ކަމަށާއި، ނަމަވެސް އެކަމަށް ހައްލެއް ނުލިބި އަދިވެސް މައްސަލައިގެ ހުކުމް ނައިސް އެ މައްސަލަ ސުޕްރީމް ކޯޓުގައި "އޮއްބާފައި" އޮންނަ އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ސިޓީގައިވެއެވެ.

މީގެ އިތުރުން އެކްސްޕްރެސް ސާވިސްއަށް އެއްވެސް ފަރާތަކަށް ބޯނަސް ދެވޭނެ އެއްވެސް ފައިސާއެއް ދީބާޖާގައި ނެތްކަމަށާއި ސުޕްރީމް ކޯޓު ޒިންމާކޮށް މައްސަލައިގެ އަޑުއެހުން ނިމިގެން އެހާ ދުވަސް ވީއިރުވެސް އެ މައްސަލައިގެ ހުކުމް ނީއްވާ ސަބަބު ސާފުކޮށްދިނުމަށް ރައީސް ޞާލިޙުުގެ ފަރާތުން ވަނީ އެދިފައެެވެ.

ދީބާޖާއިން ރައީސް ޞާލިޙަށް ސިޓީ ފޮނުވާފައިވަނީ ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވާތާ ހަތްވަރަކަށް މަސް ވާއިރުވެސް އެ މައްސަލައިގެ ހުކުމް ނީއްވާތީއެވެ.

އެމްޑީޕީގެ ވެެރިިކަމުގަައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރި މައްސަލާގައި އެ ކުންފުނިން ދައުވާ ކުރުމުން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދެއްކުމަށެވެ. ހައި ކޯޓުން 2018 ވަނަ އަހަރު އެ ހުކުމް ބާތިލްކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށެވެ.

އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިދިިޔަ އަހަރުގެ އޭޕްރީލް މަހު ނިންމާފައިވަނީ އެ ކޯޓުގެ ކުރީގެ ނިންމުން ގޯސް ކަމަށެވެ. އަދި ހައި ކޯޓުގެ ހުކުމް ދެމި އެބައޮތް ކަމަށާއި ނަމަވެސް ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީިބާޖާއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައި ކަނޑައެޅިއެވެ.

ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާގެ ފަރާތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ދެ ފަރާތުން ވާހަކަ ދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުން މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށް އިއުލާން ކުރެއްވިއެވެ. އެއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

comment ކޮމެންޓް