މަަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ އިސްލާހާ ގުޅިގެން ނޫސްވެރިން މަޖިލިސް ކައިރީގައި އިހުތިޖާޖު ކުރަނީ

މަަސްދަރު ހާމަކުރުމާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ސަރަޚައްދުގައި މުޒާހަރާ ކުރަނީ --- ސަން ފޮޓޯ

މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް ފާސް ނުކުރަން ގޮވާލައި ރައްޔިތުން މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު 10:30އިން ފެށިގެން ކުރިއަށްދާ އެ އިހުތިޖާޖަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އިސްނަގައިގެން ކުރިއަށްގެންދާ އިހުތިޖާޖެކެވެ.

ތަޖުރިބާކާރު ނޫސްވެރިން ހިމެނޭގޮތަށް ކުރި މުޒާހަރާގައި އަޑު އުފުލާފައި ވަނީ މިއަދުން މިއަދަށް އެ ބިލް ފާސް ނުކުރުމަށެވެ. އަދި މަސްދަރު ހާމަ ކުރަން ޖެހޭ ގޮތަށް ބިލްގައި އޮތް މާއްދާ އިސްލާހު ކުރަން ގޮވާލިއެވެ.

ނޫސްވެރިން އެއްވެ ތިބި ތަނަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގެން ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް ވޯޓު ނެގުން މިއަދު އެޖެންޑާކޮށްފައިވާއިރު، އެ ބިލާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން މަސްދަރުގެ މައުލޫމާތު އާންމުކުރުމުން އެ މީހަކާ އަދި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޖޭއޭ އަދި އެމްއެމްސީއިން ބުނެފައި ވަނީ ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހާދަތަކުގައި ހިޔާލުފާޅުކުރުމުގެ އަސާސީ ސިފައިގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނޫސްވެރިންގެ މަސްދަރު ނުވަތަ މައުލޫމާތު ދޭ މީހާ ހިމާޔަތްކުރުމުގެ ހައްގު ލިބިގެންވުން ކަމަށެވެ.

comment ކޮމެންޓް