އައިލެންޑް އޭވިއޭޝަން ސާވިސްގެ ދަށުން ހިންގަމުން އަންނަ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަން ޑިރެކްޓަރުގެ މަގާމުން ވަކިކުރި މުޙައްމަދު އަމީނަށް އަލުން އެ ވަޒީފާ ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
ފްލައިޓް އޮޕަރޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް, އެއަށް ވުރެން ދަށް މަގާމަކަށް އަމީން ބަދަލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން ދެ ވަނަ ދުވަހުއެވެ. އަދި މޯލްޑިވިއަންގެ ވަޒީފާއިން އަމީން ވަކިކޮށްފައިވަނީ އެ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.
އެ މައްސަލަ އަމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.
އަމީންގެ ފަރާތުން ހުށަހެޅި މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ, އޭނާ މޯލްޑިވިއަންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށާއި އެހެން ކަމުން އޭނާ ކުރިން ހުރި މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް 15 ދުވަސް ތެރޭގައި މޯލްޑިވިއަންއިން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން އިއްޔެއާ ހަމައަށް އަމީންއަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތް އަދި އެލަވަންސްތައް ވެސް ދިނުމަށް މޯލްޑިވިއަންގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.
ސިވިލް ކޯޓަށް އަމީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ, ވަަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން އެ ކޯޓަށް މައްސަލަ ހުށަހެޅި ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ ހޯދުމަށެވެ. އެއީ 2,871,236 (ދެ މިލިއަން އަށް ލައްކަ ހަތްދިހަ އެއް ހާސް ދުއިސައްތަ ތިރީސް ހަ) ރުފިޔާއެވެ.
ނަމަވެސް މޯލްޑިވިއަންގެ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް އޭނާ އެހެން ވަޒީފާއެއް އަދާކޮށް އާމްދަނީ ހޯދާފައިވާނަމަ އެ ފައިސާއެއް އުނިކުރަން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.
އަމީން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ބުނެ އޭނާއާ ދެކޮޅަށް މޯލްޑިވިއަންގެ ޕައިލެޓުން ވަނީ މީގެ ކުރިން އިހުތިޖާޖު ކޮށްފައެވެ. އެހެންވެ އޭރު އޭނާ ހުރި ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުން ދުރުކުރުމަށް މޯލްޑިވިއަންގެ ބޯޑުން ނިންމިއެވެ.
އޭނާ ވަޒީފާއިން ވަކިކުރަން މޯލްޑިވިއަންއިން އޭރު ނިންމީ އޭނާގެ މަގާމު ބަދަލު ކުރިފަހުން އޮފީހަށް ނިކުމެފައި ނުވާތީއެވެ.