ލީކުކޮށްލި ވީޑިއޯތަކާއި ބްލެކްމެއިލްކުރުމުގެ މައްސަލަތަކުގެ ތަހުގީގުގައި ބޭރު އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނޯންނާނެ: ފުލުހުން

އޭސީޕީ ސުޖާއު އަދީ އޭސީޕީ ރިޔާޒް --- ސަން ފޮޓޯ: ނާއިލް ހުސައިން

ލީކުކޮށްލާފައިވާ ވީޑިއޯތަކާއި ބްލެކްމެއިލް ކުރުމުގެ މަައްސަލަތަކުގެ ތަހުގީގައި އެއްވެސް ބޭރު ފަރާތެއްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ ދާދި ފަހުން ލީކުކޮށްލާފައިވާ ވީޑިއޯތަކާއި ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި އިންޑިއާގެ ޓީމެއް ރާއްޖެ އައިސްގެން އުޅޭ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަތައް ބަލަމުން ދަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އެކަނި ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ވަނީ ބިދޭސީ ފިރިހެނަކާއެކު ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު، ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ވަނީ ދައުރުވާން ފަށާފައެވެ.

އެންމެ ފަހުން ދައުރުވާން ފަށާފައިވަނީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ފޮޓޯއެކެވެ.

މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ, ބްލެކްމެއިލްކުރުމުގެ މައްސަލަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅުގައި ކަމަށެވެ.

މިހާރު ވެސް އެ ބާވަތުގެ ވީޑިއޯތަކެއް އާންމުވަމުން އަންނަކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ, އެކަމުގައި އަޑީގައި ފަރުދާވެގެން ބަޔަކު ތިބި ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑުމެން ވީޑިއޯތަކާ ގުޅޭ ގޮތުން މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ދެނެގަނެވިފައިވަނީ. އެ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް އެބަ ހިނގަމުންދޭ," ކްރިމިނަލް އިންވެސްޓިގޭޓިވް ކޮމާންޑްގެ ހެޑްގެ ގޮތުގައި ވެސް ހުންނެވި ރިޔާޒު ވިދާޅުވިއެވެ.

ވިޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތުގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގާ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަކަން ރިޔާޒު ވިދާޅުވިއެވެ.

އެފަދަ ފޮޓޯއެއް ނުވަތަ އެފަދަ ވީޑިއޯއެއް ބޭނުންކޮށްގެން ބިރުދެއްކުމުގެ އަމަލެއް ހިންގާ ނަމަ އެކަން ފުލުހުންނަށް ރިޕޯޓް ކުރަން ފަސް ނުޖެހުމަށް އޭސީޕީ ވަނީ އެދިފައެވެ.

comment ކޮމެންޓް