އިސްލާމް އާބާދު (29 ޖޫން 2022) : ޕާކިސްތާނަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި، ތަކެތިގެ އަގުބޮޑުވުމާއި، ފައިސާގެ އަގު ވެއްޓުމާ އަދި ބަޖެޓް ޑެފިސިޓްގެ މައްސަލަ ހައްލުކުރުމަށްޓަކައި އެގައުމަށް 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދޭން ޗައިނާ ނިންމައިފިއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޗައުލީޖިއާން ވިދާޅުވީ ޕާކިސްތާނަކީ ޗައިނާގެ ސްޓްރެޓީޖިކް ބައިވެރިއެއްކަމަށްވާތީ ޕާކިސްތާން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް ޕާކިސްތާނުގައި މާލީ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވުމަކީ ޗައިނާ އަބަދުވެސް ކުރަމުން ގެންދާކަމެއްކަމަށާ އަދި އެއީ ޗައިނާގެ މަސްލަހަތުވެސް އޮތްކަމެއް ކަމަށެވެ. ލޯން ދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މިކަންކަން ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޗައިނާއިން މި ލޯން ދޭން ނިންމާފައި މިވަނީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރުދާރީއާއި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރު ޖާވިދު ބާޖްވާ، ދާދިފަހުން ވަކިވަކިން ޗައިނާއަށް ދަތުރު ކުރައްވައި ޗައިނާގެ މަސްއޫލުވެރިންނާ ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.
ޕާކިސްތާނާއި ޗައިނާގެ ގުޅުމަކީ ސްޓްރެޓީޖިކް ގުޅުންތަކެއް ކަމަށްވާތީ ޕާކިސްތާނުގެ ވެރިކަމާ އަދި ސަރުކާރުތައް ބަދަލުވިޔަސް އެގުޅުންތަކަށް ބުރުލެއް ނާރައެވެ. ޗައިނާއަކީ އެގައުމާއި ދުނިޔޭގެ ގައުމުތައް ވިޔަފާރިއާއި އިގްތިސާދުގެ ގޮތުން ގުޅުވާލުމަށްޓަކައި ކުރިޔަށް ގެންދާ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް ގެ ދަށުން ޕާކިސްތާނުގައި އިގްތިސާދީ ބިޔަ ކޮރިޑޯއެއް ގާއިމް ކުރަމުން ގެންދާ ގައުމެކެވެ.
ޗައިނާއިން 65 ބިލިޔަން ޑޮލަރު އިންވެސްޓްކުރާ މި ކޮރިޑޯގައި ވަޔާއި ކަނޑުގެ ބަނދަނރުތަކާއި ކާރުޚާނާތައް ހިމެނޭގޮތަށް ސިނާއީ ސަރަހައްދުތަކާއި ރިއެލްއެސްޓޭޓް ވިޔަފާރީގެ ސަރަހައްދުތަކާއި ބްރިޖުތަކާ އަދި އެތައް ސަތޭކަ ކިލޯމީޓަރެއްގެ ހައިވޭތަކާއި މަގުތައް ހިމެނެއެވެ. މި ކޮރިޑޯގެ މަސައްކަތް ނިމޭއިރު އެތަނުން ޕާކިސްތާނުގެ އެތައް ލައްކަ ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.
ކޮވިޑް-19 ގެ ސަބަބުންނާއި އެނޫންވެސް ސަބަބުތަކާ ގުޅިގެން ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސައޫދީ އަރަބިޔާއިން ވެސް ވަނީ ޕާކިސްތާނަށް 8 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ ޕެކޭޖެއް ދިނުމަށް ދާދިފަހުން ނިންމާފައެވެ.
މި ޕެކޭޖްގެ ތެރޭގައި ޕާކިސްތާނުގެ ފައިސާގެ އަގުހިފެހެއްޓުމަށްޓަކައި ޕާކިސްތާނުގެ މަރުކަޒީ ބޭންކްގައި ޑިޕޮޒިޓް ގެ ގޮތުގައި ހަތަރު ބިލިޔަން ޑޮލަރު (މުއްދަތަކަށްފަހު ގެންދާގޮތަށް) ބެހެއްޓުމާއި ހިލޭ އެހީގެ ގޮތުގައި އެއްބިލިޔަން ޑޮލަރާއި ލޯނުގެ ގޮތުގައި ތިން ބިލިޔަން ޑޮލަރު ހިމެނެއެވެ.
ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ މައްސަލަތައް ހައްލުކުރަން މަދުވެގެން 12 ބިލިޔަން އެމެރިކާ ޑޮލަރު ކުރުމުއްދަތެއްގައި ބޭނުންވާކަމަށް ވެއެވެ.
ޕާކިސްތާން ގެންދަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ދެ ބިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އައިއެމްއެފްއިން ދެވޭނެކަމަށް މިހާތަނަށް ބުނެފައިވަނީ އެއް ބިލިޔަން ޑޮލަރެވެ. އައިއެމްއެފްގެ ލޯން ޝަރުތުތައް ބޮޑުކަމުން އެ ޝަރުތުތައް ގަބޫލުކުރަން ޕާކިސްތާން ސަރުކާރަށް ވަނީ ދަތިވެފައެވެ.
ސައޫދީ އާއި ޗައިނާއާ ޚިލާފަށް އައިއެމްއެފްއިން ލޯނެއް ހޯދުމަކީ ވަރަށް ދަތި އުނދަނގޫ ކަމެކެވެ. އެކަމަށް އެ ފަންޑުން ވަރަށް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކުރެއެވެ. އަދި ލޯން ލިބުމަށް ވެސް މަދުވެގެން އަށެއްކަ މަސް ނަގައެވެ.