ލަންކާގެ ފުޑް ސެކިއުރިޓީއަށް އެމެރިކާއިން 20 މިލިއަން ޑޮލަރުގެ އެހީއެއް

ލަންކާގައި އިންފްލޭޝަން މަތިވެ، ކާބޯތަކެތީގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފަ -- ފޮޓޯ/ ގެޓީ

ސްރީލަންކާގެ ރައްޔިތުން ބަނޑަށް ނުޖެހި، ކާނާ ލިބެމުންދާނެކަން ޔަގީން ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެމެރިކާއިން އެގައުމަށް 20 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފިއެވެ.

އެމެރިކާއިން ލަންކާއަށް 20 މިލިއަން ޑޮލަރު ދޭން ނިންމިކަން އެގައުމުގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރެއްވީ ޖަރުމަނުގައި ބޭއްވި ޖީ7 ސަމިޓް ތެރޭގައެވެ.

އެމެރިކާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޫލީ ޗަންގް ނެރުއްވި ބަޔާނެއްގައިވާ ގޮތުން އެ އެހީ ދެނީ ލަންކާގެ އަށް ލައްކަ ކުޑަކުދިންނަށާއި މާބަނޑު އަދި ގާތުންދެމުންދާ 27،000 އަންހެނުނަށް، ކުރިއަށް އޮތް 15 މަހަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ.

ހަމައެއާއެކު، އެ 20 މިލިއަން ޑޮލަރުގެ ބައެއް ދަނޑުވެރިންނަށް އެހީވުމަށް ވެސް ބޭނުންކުރާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ޗަންގް ވިދާޅުވީ ލަންކާގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް އެގައުމުން ކުރަމުންދާ މަސައްކަތަށް އެމެރިކާއިން އެހީތެރިވަމުން ދާނެ ކަމަށެވެ. އަދި އެމެރިކާއިން ދޭ އެހީ، ލަންކާގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދެވޭކަން އެގައުމުން ޔަގީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން މިހާރު ލަންކާއަށް ދޭން ނިންމި އެހީއާއެކު، އެގައުމުން މިދިޔަ އަހަރުގެ ޖުލައި 16އިން ފެށިގެން ލަންކާއަށް ދޭން ފެށި އެހީގެ އަދަދު ވަނީ 32 މިލިއަނަށް އަރާފައެވެ.

ލަންކާއަށް އިގްތިސާދީ ތަދުމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ސަބަބުތަކުގެ ތެރޭގައި އެގައުމުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ކުއްލި ގޮތަކަށް ކެމިކަލް ގަސްކާނާ މަނާކޮށް އޯގަނިކް ގަސްކާނާއަށް އެއްކޮށް ބަރޯސާވާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އެކަމުގެ ސަބަބުން ދަނޑުވެރިކަން ދެބައި ކުޅަ އެއްބަޔަށް ދަށަށް ދިޔައެވެ.

އެއަށްފަހު ދަނޑުވެރިކަމުގެ ހާލަތު ގޯސްވުމުން ކެމިކަލް ގަސްކާނާ ހުއްދަކުރި ނަމަވެސް އޭރު ދަނޑުވެރިކަން އޮތީ އަރައިގަނެވޭވަރަށް ވުރެ ދަށަށް ގޮސްފައެވެ. އަދި ބޭރު ފައިސާ ނުލިބުމުގެ ސަބަބުން ކާނާ އެތެރެ ކުރުމަށް ވެސް ވަނީ ބުރޫއަރާފައެވެ.

މި މަހުގެ ކުރީކޮޅު ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެގައުމުގައި މިހާރު ހުރި ކާބޯތަކެތީގެ ސްޓޮކް ހިފަހައްޓާލެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެގައުމުގެ ދަނޑުވެރިކަން ރަނގަޅު ނަމަ އެގައުމުގައި އުފައްދާ ކާބޯތަކެތީގެ އެހީގައި އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ސްޓޮކް ހިފަހައްޓާލެވޭނެކަމަށް ރަނިލް ވިދާޅުވިއެވެ.

comment ކޮމެންޓް