މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކުންފުނީގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ ކްލިއަރިން އޭޖެންޓުންނާއި މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނާއިކު ޚިޔާލު ހޯދައި، މަޝްވަރާ ކުރުމުގެބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.
"ސްޓޭކް ހޯލްޑާ ފޯރަމް"ގެ ނަމުގައި، ރޭ އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މަސްލަހަތުވެރިންނަށް މަޢުލޫމާތު ދެއްވި ޕެނަލްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަބްދުالله އާއި ޗީފް އޮޕަރޭޓިން އޮފިސަރު މުޙައްމަދު މަސީޙް އަބްދުއްސައްތާރުގެ އިތުރުން ކުންފުނީގެ އިތުރު މަގާމުގަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
އެމްޕީއެލްއިން "ސްޓޭކް ހޯލްޑާ ފޯރަމް"ގެ ނަމުގައި، ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެމްޕީއެލް
އެ ބައްދަލުވުމުގައި މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ކްލިއަރިން އެޖެންޓުންނާއި ލޮރީ ޑްރައިވަރުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ކްލިއަރިން އޭޖެންޓުންނާއި ލޮރީ ޑްރައިވަރުން ވަނީ އެ މީހުންނަށް ދިމާވެފައިވާ ދަތިތަކާއި، އެމްޕީއެލްގެ ޚިދުމަތްތަކާ ގުޅިގެން އެ މީހުން ކުރަން ބޭނުންވާ ސުވާލުތައް ކޮށްފައެވެ.
މީގެ އިތުރުން، އެމްޕީއެލްއިން ފޯރުކޮށްދޭ ޚިދުމަތްތައް
ރަނގަޅުކުރުމަށް، އެ މީހުން ވެސް ޚިޔާލުތައް ހުށަހަޅާފައިވެއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ މި ފަދަ ބައްދަލުވުންތަކުގެ ބޭނުމަކީ ކުންފުނީގެ ހުރިހާ މަސްލަހަތުވެރިންނާ ގުޅުން ބަދަހިކޮށް، ކުންފުނީގެ އޮޕަރޭޝަންސް އަށް ގެންނަ ބަދަލުތަކާއެކު އެފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، އަދި ކުންފުނީގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެ މީހުންގެ ޚިޔާލުތައް ހޯދުންކަމަށެވެ.
އެމްޕީއެލްއިން "ސްޓޭކް ހޯލްޑާ ފޯރަމް"ގެ ނަމުގައި، ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެމްޕީއެލް
"މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ އަޅުގަނޑުމެން މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، ތިބޭފުޅުން [ކްލިއަރިން އޭޖެންޓުންނާއި ލޮރީ ޑްރައިވަރުން] ގެ ޚިޔާލުތައް އަޑުއެހުމާއި، އަޅުގަނޑުމެން ކުންފުނީގެ މަސައްކަތްތައް ބައްޓަންކުރާއިރު، އެ ޚިޔާލުތައް އިންކޯޕޮރޭޓްކުރެވޭތޯ ބެލުން،" ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލް އިން ވަނީ މި އަހަރުގެ ތެރޭގައި ކުންފުނީގެ މަސްލަހަތުވެރިންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފައެވެ. އެގޮތުން މިއީ، މި އަހަރުގެ ތެރޭގައި އެމްޕީއެލް އިން މަސްލަހަތުވެރިންނާއެކު ބޭއްވި ދެވަނަ ބައްދަލުވުމެވެ.