ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅަކަށް ނަމަވެސް، މާކިންގެ ދެލޮލުގައި އެހެންޏާ ނުހުންނަ ފަދަ ވިދުމެއް ވާތަން ނައިރާއަށް ފެނުނެވެ. އޭނާއަށް ނޭނގުނީ އެ ދެލޮލުން އޭނާއަށް ކަމެއް ބަޔާންކޮށްދޭން މަސައްކަތްކުރާކަމެވެ. ގިނައިރު މާކިންގެ ދެލޮލަށް ބަލާކަށް ނައިރާ އަކަށް ނުކެރުނެވެ. އެހެންކަމުން އެންމެ ފުރަތަމަ މާކިންއާ ނަޒަރު ވަކިކޮށްލީވެސް ނައިރާއެވެ. އޭނާ ލޯގަނޑުން ބޭރުބަލައިލިއެވެ. މާކިންގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ދުވެލިނަމަވެސް، ހަޤީގަތުގައި އޭނާ އިނީ ކުޑަކޮށް ނުތަނަވަސްވެފައެވެ. އޭނާގެ ހިތުގެ ޙާލު ނައިރާ ގާތު ހާމަކުރާ ހިސާބުން ފަށައިގެން އެ ގުޅުން ނިމިދާނެތީ ނުހަނު ޖެހިލުންވިއެވެ. އެހެންނަމަވެސް، މިރޭ މާކިން އިސްކުރާނީ އޭނާގެ ހިތުގެ އެދުމެވެ. އެ ހިތުގެ ޙާލު މިރޭ އޭނާ ނައިރާ ގާތު ހާމަކުރާނެއެވެ.

"ދުއްވާލަން ދޯ ދާނީ... ހުޅުމާލެއަށް." މާކިން ސުވާލުކޮށްލިއެވެ.

މާކިންގެ ވާހަކަ ހުރި ގޮތުން ނައިރާއަށް މިފަހަރުވެސް ލިބުނީ ހައިރާންކަމެކެވެ. އޭނާ މާކިންއަށް ބަލައިލިއެވެ. ކާރު ސްޓާރޓްކޮށްލުމަށްފަހު، އޭރު މާކިން އިނީ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ.

"އޯކޭވާނެ." މާކިންގެ ހިތުގައި ވީ އެއްޗެއް ނޭނގުނުނަމަވެސް. ނައިރާ އެއްބަަސްވިއެވެ. މާކިން އާދައިގެމަތިން ވަރަށް ސްމާޓެވެ. އެ ފިރިހެންވަންތަކަމަށް އޭނާއަށް ތަޢުރީފްކުރެވުނެވެ. ލާފައިވާ ގަމީހުގެ އަތްކުރި އުޅަބޮއްޓާ ހިސާބަށް އޮލާލާފައި ވުމުން އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމަައަށެވެ. ކާރުތެރެ އެއްވަސްވެފައިވަނީ މާކިން ޖަހާފައި ހުރި ފިރިހެން ސެންޓުގެ ވަހުންނެވެ.

"ކިހިނެއް ހުރިހާކަމެއް؟" ދައްކާނެ ވާހަކައެއް ނޭނގުމުން މާކިން ސުވާލުކޮށްލިއެވެ.

"ރަނގަޅު." ނައިރާ ބުނެލިއެވެ.

މާކްގެ ކޮއްކޮ ކިހިނެއް؟" މާކިން އިތުރު އެއްޗެއް ނުބުނުމުން ނައިރާ ސުވާލުކޮށްލިއެވެ.

"ރަނގަޅު." މާކިންވެސް ބުނެލިއެވެ.

ބޮޑުތަކުރުފާނުމަގަށް ނުކުތުމަށްފަހު ބްރިޖާ ދިމާލަށް ދުއްވައިލި މާކިން ލަވައެއް ޖަހައިލުމާއެކު ކާރުތެރޭގައި އެވަގުތު އޮތް ހަމަހިމޭންކަން ނެތުނެވެ. މާކިން ކުއްލިއަކަށް އޭނާ ގޮވައިގެން ބޭރަށް ދާން ނިންމި ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަން ނައިރާ ބޭނުންވިނަމަވެސް، އެކަމާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދައްކާކަށް އޭނާއަކަށް ނުކެރުނެވެ. އޭނާގެ ހައިރާންކަން އޭރުވެސް ކުޑައެއް ނުވެއެވެ. މާކިން ގެ އަމަލުތަކުގެ މާނަ ނަގާނީ ކިހިނެއްކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ.

ބްރިޖް ހުރަސްކުރުމަށްފަހު، ހައިވޭގައި ދުއްވިއިރުވެސް ދެމީހުން ދެމެދު މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. މާކިން އިނީ ނައިރާއާ ވާހަކަ ދައްކަން ކިތަންމެ ބޭނުންވެފައި ނަމަވެސް އިސްވެ ވާހަކަ ފަށަން އޭނާ އިނީ ނުކުޅެދިފައެވެ. އޭނާގެ ހިތުތެރޭގައި ވަނީ ވަރުފަދަ ތޫފާނެއް އުފެދިފައެވެ.

ހުޅުމާލެއަށް ދިޔުމަށްފަހު، މާކިން ނައިރާއަށް ބަލައިލުމަށްފަހު، ވާހަކަ ދެއްކިއެވެ.

'ކައިފިންތަ؟" މާކިން ސުވާލުކޮށްލިއެވެ.

"ނޫން" ނައިރާ ޖަވާބު ދިނެވެ.

"އެއްޗެއް ކާލަން ދާންވީނު." މާކިން ކާރުގެ މިސްރާބު ބަދަލުކޮށްލީ ހުޅުމާލޭ ބީޗާ ދިމާލުގައި ހުންނަ ރެސްޓޯރެންޓަކާ ދިމާލަށެވެ. އެ ހިސާބަށް އާދެވުމުން އެއް ފަރާތުގައި ކާރު ޕާކުކޮށްލުމަށްފަހު، އޭނާ ކާރުން ފޭބިއެވެ.

ނައިރާވެސް އޭނާ އިން ދިމާ ދޮރުފަތް ހުޅުވާލާފައި ފޭބިއެވެ. ޖެހެމުންދިޔަ ލުއިވައިރޯޅިތައް ނައިރާގެ ފަންއިސްތަށިގަނޑާ ސަމާސާކުރަމުން ދިޔަ މަންޒަރަށް ގެއްލިފައި ހިނދުކޮޅަކު މާކިންއަށް ހުރެވުނެވެ. އޭނާއަށް ނައިރާގެ ރީތިކަމަށް ހިތާހިތުން ތައުރީފްކުރެވުނެވެ. ލަސް ފިޔަވަޅުތަކެއްގައި އޭނާއާ ދިމާލަށް ނައިރާ ހިނގައިގަތްތަން ބަލަހައްޓައިގެން ހުރި މާކިންގެ ހިތުގައި ތަފާތު ޝުޢޫރުތަކެއް ދައުރުވިއެވެ. އޭނާގެ ހިތުގައި ނައިރާއަށްޓަކައި ވަނީ ވަރަށް ފުން އިޙްސާސްތަކެކެވެ. އެންމެ ފުރަތަމަ ނައިރާ ފެނުނު ދުވަހުން ފަށައިގެން އުފެދެމުން ދިޔަ އެ ޖަޒުބާތުތައް ކިޔަމަންކުރުން އޭނާއަށް ވަރަށް އުނދަގުލެވެ. ނައިރާ ނުފެންނަތާ ގިނަ ދުވަސްވުމުން ނައިރާ ދުށުމަށް އޭނާގެ ހިތް އެދެއެވެ. އެ އަޑު އިވުމުން މެއަށް ފިނިވެއެވެ. ހިތްހަމަ ޖެހެއެވެ. ނައިރާއަށްޓަކައި މާކިންގެ ހިތުގައި ޖަހަނީ އެހެން އެއްވެސް ކުއްޖަކު ފެނިގެން ޖެހިފަދަ ވިންދެއް ނޫނެވެ. ލޯބި އޭގެ އެންމެ ފުރިހަމަ މާނައިގައި އޭނާއަށް ދަސްވީ ނައިރާ ފެނުނު ފަހުންނެވެ. މީގެކުރިން ފުރަތަމަ ނަޒަރުން ލޯބިވުން އޭނާ އަހަނީ ކިޔާ ވާހަކަތަކުގައެވެ. ނޫނީ ބަލާ ފިލްމުތަކުންނެވެ. މާކިންގެ ހިތުގައިވި ޝައްކުތައް ފިލީ އެންމެ ފުރަތަމަ ދުވަހު ނައިރާ ފެނުނު ހިސާބުންނެވެ. އޭނާއަށް ވެސް ނޭނގި ނައިރާ އޭނާގެ ހިތް އަތުލީ ކުޅަދާނަކަމާއެކުގައެވެ. އެއަށްފަހު ދެމީހުންގެ އެކުވެރިކަން ބަދަހިވެގެން ދިޔައީ ވެސް ހީނުކުރާހާ އަވަހަށެވެ.

"މާކް..." ޚިޔާލަކަށް ގެއްލިފައި މާކިން ހުންނަން ފެށުމުން މާކިންގެ މޫނާ ދިމާލުގައި އަތް ހޫރައިލަމުން ނައިރާ ގޮވައިލިއެވެ.

"އާނ. އާނ... ކީކޭ؟" މާކިންއަށް ހަމަބިމަށް އާދެވުނީ ދެނެވެ.

"ކޮން ޚިޔާލަކަށް ގެއްލިފަ." ނައިރާ ސުވާލުކޮށްލިއެވެ.

"މީ... ކަމެއް ނުވޭ... ހިނގާ ދާން" ދެމީހުން އެކުގައި ގޮސް ދެ ބުރިއަށް ނަގާފައިވާ އެ ރެސްޓޯރެންޓަށް ވަތްއިރު މާގިނަ މީހުނެއް ނެތެވެ. އެމީހުން ދެމީހުން އެރީ ރެސްޓޯރެންޓްގެ ޓެރަސްއަށެވެ. އެއްފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި ދެމީހުންވެސް އިށީނދެލިއެވެ. ލަސްތަކެއްނުވެ ވެއިޓަރު އައިސް މެނޫ ދިއްކޮށްލިއެވެ. ދެމީހުންވެސް އެމީހުންނަށް ކަމުދާ އެއްޗަކަށް އޯޑަރު ދިނުމަށްފަހު ހަމަޖެހިލިއެވެ.

ނައިރާ ފުން ނަޒަރަކުން މާކިންއަށް ބަލައިލިއެވެ. މާކިންގެ މަޤްސަދަކީ ކޮބައިކަމެއް އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް، އެހެން ފަހަރުތަކާ ޚިލާފަށް އޭނާއަށް މާކިންގެ ކިބައިން ތަފާތު އެތައްކަމެއް ފާހަގަވެއްޖެއެވެ. އެކަމުގެ ސަބަބުން އޭނާ އިނީ ހައިރާންވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ސުވާލުކުރަން ކިތަންމެ ބޭނުންނަމަވެސް އޭނާގެ ދުލުގައި ތަޅެއް ލެވިފައިވާ ފަދައެވެ.

"މިތަނުގެ އެއްޗެހި ވަރަށް މީރުވާނެ..." މާކިންގެ ހިތް ދިޔައީ ނައިރާ ގާތު އެ ހިތުގެ އަޑު އިއްވުމަށް ބުނަމުންނެވެ. އެހެންނަމަވެސް އޭނާއަށް ދުލުން ބޭރުކޮށްލެވުނީ މުޅިން އެހެން ވާހަކައެކެވެ.

"އެހެންތަ؟ އަހަރެން އަދި ނާންނަން." ނައިރާ ބުނެލިއެވެ. މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ކާއެއްޗެހި އައުމުން ކައި ނިންމައިގެން ބިލް ދެއްކުމަށްފަހު ރެސްޓޯރެންޓުން ނުކުތްއިރުވެސް މާކިންއަށް އެ ވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ.

"ފޭސް ޓޫއަށްވެސް ގޮސްލާފަ ދޯ މާލެ ދާނީ..." މާކިން ބުނެލިއެވެ.

ދެމީހުން ކާރުގައި ހުޅުމާލޭ ފޭސްޓޫއާ ދިމާލަށް މިސްރާބުޖެހިއެވެ. ބީޗާ ދިމާލުގައި ކާރު ޕާކުކޮށްލާފައި ދެމީހުންވެސް ގޮސް އިށީނީ އެތަނުގައި ހުރި ބެންޗުތަކުން ބެންޗެއްގައެވެ. އޭރު ޒުވާން އުމުރުފުރައިގެ ޖޯޑުތައް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ތަންކޮޅެއް ދުރުން އަލިފާންގަނޑެއްގެ އަސަރު ފެނިލައެވެ. ހީވާގޮތުން ކޮންމެވެސް ބަޔަކު ބާބަކިޔު ހަދަނީއެވެ.

ދެމީހުން އިށީނީ އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ. މާކިންގެ އަމަލުތަކުގެ މާނަ ނަގަން ނޭނގުނު ނައިރާއަށް އޭރުވެސް ސުވާލުކުރާކަށް ނުކެރުނެވެ.

"ބީޗް ބަލައިލާކަށް ނުދާނަންތަ؟" ހަމަހިމޭންކަން ފޫދުއްވައިލި މާކިން ބުނެލިއެވެ. ނައިރާ ހިނިތުންވެލަމުން ތެދުވެލިއެވެ. މާކިންއާ ދެމީހުން ބީޗާ ދިމާލަށް ހިނގައިގަތެވެ. ހަނދުވަރުގެ ރިހިއަލިން މުޅި ހިސާބަށް އަލިކަމެއް ގެނުވާފައިވާއިރު ޖެހެނީ ލުއި އެހެނަސް ފިނި ވައިރޯޅިތަކެކެވެ.

އާހް..." ނައިރާގެ ފައިގައި އެއްޗެއް ޖެހުނުހެން ހީވެގެން ބަލައިލުމާއެކު ފެނުނު ބުޅަލުގެ ސަބަބުން އޭނާގެ ނޭވާވެސް ހީވީ އުފުރިގެން އައި ހެންނެވެ. ހަލޭއްލަވައިގަނެފައި އޭނާއަށް ބައްދައިގަނެވުނީ މާކިންގެ ގައިގައެވެ. ހަދައިލެވުނު ގޮތަކުން އަރި އަޅައިލި ނަމަވެސް މާކިން އޭނާގެ އުނަގަނޑުގައި ހިފާ ސީދާކޮށްލިއެވެ.

"ކޮބާ ކޮބާ؟" ވަށައިގެން ހޯދައިލަމުން ނައިރާ ސުވާލުކޮށްލީ ބިރުގަނެފައި ހުރެއެވެ.

"އެ ގޮސްފި" ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި ނައިރާ ދެލޯ މަރައިލިއެވެ. އޭރުވެސް މާކިންގެ އަތް ވަނީ އޭނާގެ އުނަގަނޑުގައި ޖައްސައިލެވިފައެވެ. ނައިރާއަށް އެކަން ފަހުމްވެ އޭނާ އެ އަތަށް ބަލައިލުމަށްފަހު މާކިންގެ އަތް ނައްޓުވައިލަން މާކިންގެ އަތުގައި އަތް ޖައްސައިލުމާއެކު މާކިން ޖެހި ލުއްކާއެކު ގެނެސް ނައިރާ އޭނާއާ ކައިރިކޮށްލިއެވެ.

"އައި ލަވް ޔޫ..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު