ހައިކޯޓަށް އައްޔަނުކުރި ހުޒައިފާ ފަނޑިޔާރުކަމުގެ ހުވާކޮށްފި

ހައިކޯޓަށް އައްޔަނުކުރެއްވި ހުޒައިފާ ހުވާކުރައްވަނީ --- ފޮޓޯ: ޖޭއެސްސީ

ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ އިއްޔެ ކުރައްވައިފިއެވެ.

އެ މަގާމަށް ހުޒައިފާ އައްޔަންކުރުމަށް ނިންމާފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

ޖޭއެސްސީގެ ރައީސް ހިސާން ޙުސައިންގެ ކުރިމަތީގައި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޒައިފާއަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއަތަސިމް އަދުނާނުއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ޢަލީ ސަމީރު އިސްތިއުފާ ދެއްވުމުންނެވެ. ހުޒައިފާގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލެއްވީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ފަސް އަހަރު މަސައްކަތް ކުރެއްވި ޝުކުރުﷲ ޝަކީލްއެވެ.

ހައިކޯޓަށް އައްޔަނުކުރެއްވި ހުޒައިފާ --- ފޮޓޯ: ޖޭއެސްސީ

ފަނޑިޔާރުން އައްޔަން ކުރާ ކޮމިޓީން ވަނީ މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެ މަގާމަށް ހުޒައިފާ އައްޔަން ކުރުމަށް ޖޭއެސްސީއަށް ލަފާ ދީފައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހުޒައިފާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އަކީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީ ކަމަށް އައްޔަން ކުރި ފުރަތަމަ އަންހެން ބޭފުޅާއެވެ.

ހައިކޯޓަށް އަދި އިތުރު ދެ ފަނޑިޔާރުން ބޭނުންވާނެއެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީއެވެ.

އެ ދެ މަގާމަށް އެދި އަށް ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ މުޙައްމަދު ޒުބައިރު ވެސް ހިމެނެއެވެ.

comment ކޮމެންޓް