ޔޯގާއާއި މިއުޒިކް ފަދަ ކަންކަމަކީ ހަރާމް ކަމެއް ކަމަށް ބުނެފި ނަމަ އެކަމަކާ ނޫޅޭނަން: މަހުލޫފް

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތައް ބަޔަކު ވަދެ ހުރަސް އަޅަނީ --- ފޮޓޯ: ރާއްޖެ.އެމްވީ

ޔޯގާއާއި މިއުޒިކް ފަދަ ކަންކަމަކީ ހަރާމް ކަމެއްކަމަށް ބުނެފި ނަމަ އެފަދަ ކަންކަން ނުކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޔޯގާ ޑޭގެ މައްސަލައަކީ ސިޔާސީ ބޭނުއްމެގައި ކުރާ ކަމެއް ކަމަށެވެ. އަދި އެއީ މީގެ ކުރިންވެސް ހުރިހާ ސަރުކާރަކުން ފާހަގަކުރަމުން އައި ދުވަހެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ސިޔާސީ ބޭނުމެއްގައި ބަޔަކަށް އޮޅުވާލައިގެން ގެއްލުން ދިނުމަށް ބަޔަކު ރާވަމުން އަންނަ ކަމެއް ކަމަށެވެ.

"އެކަމަކު ޚިލާފު އުފެދިފަ ހުރި ކަންކަން ވަކި ޝެއިޚަކު އެއީ ހަރާމްއޭ ބުނީމަ ދެން ގަބޫލުކުރަންވީތޯ،" މަހުލޫފް ވިދާޅުވިއެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ޚިލާފުކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށް އެދި މިމަހުގެ 15ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ކަމަށް ބުނޭ ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ.

އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަޙްމަދު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގައި ޔޯގާ ހެދުން އާންމުވެފައިވާ ކަމަށެވެ. އެގޮތުން ޔޯގާ ހަދަމުންދަނީ މެޑިޓޭޝަންގެ ގޮތުގައާއި ކަސްރަތު އަދި ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ކަމަށް އެ ސިޓީގައިވެއެވެ.

ދެހާސް ހަތަރު ވަނަ އަހަރު މިސްރުގެ ފަތުވާ ދޭ މަޖިލީހުން ނެރުނު ފަތުވާއެއްގައި ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅިވަރެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ ސިޓީގައިވެއެވެ. އަދި 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ވެސް ޔޯގާގެ ސަބަބުން މުސްލިމުންގެ އަޤީދާއަށް އަސަރު ކުރާ ކަމަށް ބަޔާންކޮށް ފަތުވާއެއް ނެރެފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

ނަމަވެސް އެ ސިޓީގައިވާ ފަތުވާއަކީ އިޖުރާއަތްތަކާ ޚިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ސިޓީ އަކީ މިމަހުގެ 21ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ފޮނުވި ސިޓީއެއް ވެސް ނޫން ކަމަށެވެ.

"ޔޯގާގެ ޝަރުއީ ހުކުމާމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާއްމު ކުރެވޭނެ ވާހަކަ ދެންނެވީމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެ ސިޓީ އާންމުވުމާ ގުޅިގެން ޔޯގާ ހަރަކާތް އިންތިޒާމުކުރި ޔޫތު މިނިސްޓްރީން ބުނީ އެ ހަރަކާތް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ.

ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދެ ދީނީ އިލްމުވެރިޔަކު ހިމެނޭ ގޮތަށް، ޖުމްލަ 21 މީހަކު ފުލުހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް