ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބޮޑު، ބޮޑީ ބޯޑިން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަނީ

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް

އަންނަ ޖުލައި މަހު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބޮޑު، ބޮޑީ ބޯޑިން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަން މި އަންނަ ހަފްތާގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށެވެ. އަދި ކަމާގުޅޭ މަސައްކަތްތައް ވަރަށް ބާރަށް އެބަ ކުރިއަށް ދާކަމަށާއި އޭޝިއަން ސާފިން މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ތެރޭގައި އޮތީ ނެޝެނަލް ސާފިން އެސޯސިއޭޝަން އަދި ނެޝެނަލް ބޮޑީބޯޑިން އެސޯސިއޭޝަން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ކަންކަމަށް މީގެ ކުރިން ދުވަހަކުވެސް ނުދޭވަރަށް އެހީތެރިކަން ދެމުންދާކަމަށެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުމާ ގުޅޭގޮތުންވެސް މަހުލޫފް ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުމާ މަރާމާތަށް ކޮންމެ އަހަރަކުވެސް ވަރަށް ބޮޑު ހޭދައެއް ކުރާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށް އޮތް ހައްލެއްކަމަށް ގަބޫލުކުރަނީ އެރަށެއްގައި ހުރި ކުޅިވަރު ވަސީލަތްތައް ގާއިމްކުރެވިފައި ހުރި ބިމުގައި، އެތަންތަނުން އާމްދަނީއެއް ލިބޭނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ.

"މިސާލަކަށް ރަށްރަށުގައި އެ ބިންތަކުގައި ފިހާރަތައް ކުށްޔައްދޭ ގާއިމްކުރެވިދާނެ. އެ އާމްދަނީން ކުޅިވަރު ސެންޓަރުތައް ބެލެހެއްޓިދާނެ. އަޅުގަނޑުމެން ހިތްވަރު ދެން ކުޅިވަރު ކުޅެން ދާއިރު ދިހަ ރުފިޔާ ނަމަވެސް ނަގާށޭ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް