'ސު-މޯޓޯ' އުސޫލުން މައްސަލަ ބެލުމަށް ގާނޫނުން ލިބިދޭ ބާރު އުނިކުރާ ބިލު ކޮމިޓީއަށް

ފޭދޫ ދާއިރާގެ މެމްބަރު ނިހާދު -- ފޮޓޯ/ މަޖިލިސް

ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގައި 'ސު-މޯޓޯ' އުސޫލުން މައްސަލަ ބެލުމަށް މިހާރު ގާނޫނުން ލިބިދޭ ބާރު އުނިކުރުމަށް، ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު އެ ބިލް ހުށަހަޅުއްވަމުން ވިދާޅުވީ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ގާއިމުވެފައިވާ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.

އަދި އަދުލު އިންސާފުގެ ނިޒާމުގައި ހިމެނޭ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލުކޮށް ގާނޫނުން ކަނޑައެޅޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަކީ މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިލުގައި ވަނީހައިކޯޓުން އިސްތިއުނާފީ މައްސަލައިގެ ހުރިހާ ލިޔުންތައް ފޮނުވައިދިނުމަށް ދަށު ކޯޓުގައި އެދުމުން، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ ލިޔުންތައް ހައިކޯޓަށް ފޮނުވަންވާނެ ކަމަށެވެ.

އެފަދަ މައްސަލަތަކަކީ އަވަސް ނިޔާގެ މައްސަލައެއްނަމަ، ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ނުވަތަ ހައިކޯޓުން ކަނޑައަޅާ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެ ލިޔުންތައް ހައިކޯޓަށް ފޮނުވަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ހައިކޯޓުގެ ރަޖިސްޓްރާ ކަމަށް އައްޔަންކުރެވޭ މީހަކު، މަސްއޫލިއްޔަތު އަދާކުރުމުގައި އިސްފަނޑިޔާރަށް ޖަވާބުދާރީ ވާންވާނެ ކަމަށް ބަޔާންކޮށް، ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމާބެހޭ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ.

ކޮންމެ ސުޕީރިއާ ކޯޓެއްގައި ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން އައްޔަނުކުރާ އިސް ގާޒީއަކު ހުންނަންވާނެކަމަށް ބިލުގައިވެއެވެ. އަދި އެ ބިލުގެ ދަށުން އުފައްދާ ޑިސްޓްރިކްޓް ކޯޓުތަކަކީ ސުޕީރިއާ ކޯޓުތަކުގެ ތެރޭގައި ހިމެނޭނެ ކޯޓެއް ކަމަށް ބަޔާން ކުރުމާއެކު ބިލުގައި ވަނީ އެ ކޯޓުތަކުގެ އިސް ގާޒީންގެ މަސްއޫލިއްޔަތުތައް ވެސް ބަޔާންކޮށްފައެވެ.

އެ ބިލުގައި ވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ގާޒީންނާ ހަވާލުކުރާނީ ރަޖިސްޓްރާ ކަމަށެވެ. މީގެ އިތުރުން، ސުޕީރިއާ ކޯޓުގެ ރަޖިސްޓްރާ ކަމަށް އައްޔަންކުރެވޭ މީހަކު، އެ ބޭފުޅެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ކޯޓެއްގެ އިސް ގާޒީއަށް ޖަވާބުދާރީވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ބިލުގައި ވާގޮތުން ސުޕީރިއާ ކޯޓެއްގެ ގޮތުގައި ޑިސްޓްރިކްޓް ކޯޓުތަކެއް ތައާރަފު ކުރަންޖެހެއެވެ. އެގޮތުން ޑިސްޓްރިކްޓް ކޯޓު ގާއިމުކުރާނީ މާލެ، ކުޅުދުއްފުށި އަދި އައްޑޫ ޖުޑީޝަލް ޑިސްޓްރިކްޓްތަކުގައާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ޖުޑީޝަލް ޑިސްޓްރިކްޓްތަކުގައި ކަމަށް ބިލުގައިވެއެވެ.

އެ ކޯޓު ގާއިމުކުރާނެ ޖުޑީޝަލް ޑިސްޓްރިކްޓެއް ކަނޑައަޅަންވާނީ އެ ސަރަޙައްދެއްގެ ޖުޑީޝަލް ދާއިރާތަކުގެ އާބާދީ ވީ އެންމެ ބޮޑަކަށް ހަމަހަމަކުރެވޭނެ ގޮތެއްގެ މަތިން ކަމަށާއި، އެ ސަރަޙައްދުގެ ކޯޓުތަކަށް މައްސަލަ ހުށަހެޅޭނެ ނިސްބަތް އަދި ކޯޓު ގާއިމްކުރާ ރަށުގައި ވަސީލަތްތައް ގާއިމުކުރެވިފައިވާ ނިސްބަތަށް ބިލުމަށް ފަހުގައި ކަމަށް ބިލުގައި ބުނެއެވެ.

ޑިސްޓްރިކްޓް ކޯޓެއް ގާއިމުކުރެވިއްޖެ ހިނދެއްގައި، އެ ޑިސްޓްރިކް ކޯޓެއްގެ އިހުތިޞާޞްގައި ހިމެނޭ މައްސަލަތައް ދެން ބަލާނީ، އެ ސަރަހައްދެއްގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގެ ބަދަލުގައި އެ ޑިސްޓްރިކްޓް ކޯޓަކުން ކަމަށް ބިލުގައި ބަޔާން ކުރެއެވެ.

ބިލުގައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން ބަދަލުކޮށް، މެޖިސްޓްރޭޓް ކޯޓު ގާއިމުކުރާނީ މާލެއާއި، ޑިސްޓްރިކްޓް ކޯޓެއް ގާއިމުވެފައިވާ ރަށްރަށް ފިޔަވައި، އެނޫން ރަށްރަށުގައި ކަމަށެވެ.

comment ކޮމެންޓް