އާލިއާ ބަޓް ބަނޑުބޮޑުކަން އިއުލާން ކޮށްފި

އާލިއާއާއި ރަންބީރް-- ފޮޓޯ: ޑީއެންއޭ އިންޑިއާ

ދާދި ފަހުން ކައިވެނި ކުރި، ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އެ މީހުން އިއުލާން ކޮށްފިއެވެ.

އުމުރުން 29 އަހަރުގެ އާލިއާ، އަލްޓްރާސައުންޑް ސްކޭނެއް ހަދަން އޮތް ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން އޭނާ ބުނީ "އަހަރެމެންގެ ދަރިފުޅު، ވަރަށް އަވަހަށް އަންނަނީ،" ކަމަށެވެ.

ބަނޑުބޮޑުކަން އިއުލާން ކުރުމާއެކު، ފިލްމީ ތަރިން ހިމެނޭހެން ގިނަ ބަޔަކު އަންނަނީ އެދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ފިލްމުތަކެއްގެ މަސައްކަތް މިހާރު ވެސް އާލިއާ ކުރަމުން އަންނައިރު ބަނޑުބޮޑުވުމާ ގުޅިގެން މަސައްކަތްތަކަށް ދެން ވާނެ ގޮތެއް އަދި އޭނާ ހާމައެއް ނުކުރެއެވެ.

އުމުރުން 39 އަހަރުގެ ރަންބީރްއާ، އާލިއާ ކައިވެނި ކުރީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެ މީހުން ކައިވެނި ކުރީ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށް ފަހުގައެވެ.

ފިލްމީ ދެ އާއިލާއަކަށް ނިސްބަތްވާ އެ ދެ ތަރިން ވެސް ހިމެނެނީ މިހާރު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު ތަރީންގެ ތެރޭގައެވެ.

comment ކޮމެންޓް