ޔޯގާ މައްސަލައިގެ ތަހުގީގު ދެފުށް ފެންނާނެހެން ގެންދިއުމަށް އިލްމުވެރިން އެދިއްޖެ

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތައް ބަޔަކު ވަދެ ހުރަސް އަޅަނީ --- ފޮޓޯ: ރާއްޖެ.އެމްވީ

މި މަހުގެ 21ވަނަ ދުވަހު، ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަދެގަތް މައްސަލައިގެ ތަހުގީގު ދެފުށް ފެންނަހެން ކުރިއަށް ގެންދިއުމަށް އިލްމުވެރިންގެ ގުޅުމުން ގޮވާލައިފިއެވެ.

ރާއްޖޭގެ ގިނަ އިލްމުވެރިން ހިމެނޭ އެ ޖަމިއްޔާއިން ރޭ ނެރުނު ރިޕޯޓެއްގައި ވަނީ ދައުލަތުގެ މުއައްސަސާތަކަށާއި، ކަމާބެހޭ ފަރާތްތަކަށް ޖުމްލަ 12 ހުށަހެޅުމެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި، އެކަށީގެންވާ އަދަދެއްގެ އިލްމުވެރިންނާއެކު މަޝްވަރާކޮށްފައި މެނުވީ ދީނީ ކަމަކާ ގުޅުން ހުރި އެއްވުމެއް ނުބޭއްވުމާއި، އިލްމުވެރިއަކު ތަހުގީގަށް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ރީތިކޮށް ފުލުހަށް ހާޒިރުވުމުގެ ފުރުސަތު ފުރަތަމަ ދިނުމަށް ވެސް ހުށަހަޅާފައިވެެއެވެ. މީގެ އިތުރުން، އާންމުކޮށް ހައްޔަރުކުރާ އިރު ލިބޭ ހައްގުތައް ފުރިހަމައަށް ދިނުމަށާއި، އަނބިދަރީންނަށް ގެއްލުމެއް ވާނެ ފުރުސަތު އޮތްނަމަ އެކަމަށް ރިއާޔަތް ކުރުމަށް ވެސް އެ ރިޕޯޓުގައި އެދިފައިވެއެވެ.

އެ ރިޕޯޓުގައި އެ ހާދިސާ ހިނގި ގޮތާ ބެހޭ ތަފްސީލީ މައުލޫމާތު ވެސް ވަނީ ހިމަނާފައެވެ. އެގޮތުން އެ ދުވަހުގެ އިހްތިޖާޖު އިންތިޒާމު ކުރެވުނު ގޮތާ ބެހޭ ގޮތުން އިލްމުވެެރިންގެ މެދުގައި ވަރަށް ފުންކޮށް މަޝްވަރާކުރެވުނު ކަމަށާއި، އަދި އެ ހަރަކާތުގައި ދެ އިލްމުވެރިއަކު ބައިވެރިވާން ނިންމެވުމާއެކު، އޭގެން ނުކުމެދާނެ ނޭދެވޭ ނަތީޖާއަކާ މެދު ވަރަށް ގިނަ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރިކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

ހާދިސާ ހިނގި ދުވަހު މަޝްރަހު ހޫނު ވުމާއެކު، އެކަން ހުއްޓުވުމަށް އެ ތަނުގައި ތިބި އިލްމުވެރިން މަސައްކަތް ކުރެއްވިކަމަށް އެ ރިޕޯޓުގައި ވެއެވެ. ހަމަނުޖެހުން ހިނގި ވަގުތު ބެރިކޭޑް ފަޅާލައި އެތެރެއަށް ވަނުމަށް ހިތްވަރު ދިން މީހުންނަށް ވުރެ ބޮޑު މުއްދަތެއް އިލްމުވެރިންނަށާއި، އެމީހުންގެ ފަހަތުން ވަން މީހުންނަށް ޖަހާފައިވާތީ އެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ އިހްތިޖާޖުގައި ބައިވެރިވި އިލްމުވެރިންނަކީ ޝެއިޚް އާދަމް ނިޝާނާއި ފަޒްލޫން މުޙައްމަދެވެ. އެ ދެ އިލްމުވެރިނާއެކު، ޖުމްލަ 19 މީހުން ވަނީ އެ މައްސަލާގައި މިހާރު ހައްޔަރުކޮށްފައެވެ.

އެ ރިޕޯޓުގައި ވަނީ ޝެއިޚުން ހައްޔަރުކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމުގެ މައްސަލަ ހޫނުވެފައި ވަނިކޮށް، އެ ހަރަކާތް ހުއްޓުވުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއެއް ވަނީ ލީކުވެފައެެވެ.

އެ ސިޓީގައި ވަނީ, އެއީ އެ މީހުންގެ ދީނީ ސަޤާފަތާ ގުޅޭ މެޑިޓޭޝަންގެ ނަމުން ނަންދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކް ހިމެނޭ ހަރަކާތެއް ކަމަށެވެ.

"އިސްލާމީ ޝަރީއަތާ ޚިލާފް ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަންތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ," އެ ސިޓީގައިވެއެވެ.

އެ ދުވަހުގެ ހަމަނުޖެހުމުގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް