އެންމެ ފަހުން ރިއާނާ މިއުޒިކާއެކު ފެންނަނީ!

ހޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ރިއާނާ

ހޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ރިއާނާ، އަހަރުތަކަކަށް ފަހު އޭނާގެ މިއުޒިކާއެކު ޕާފޯމްކުރަން ތައްޔާރު ވެފައިވާ ކަމަށް އިއުލާނުކޮށްފިއެވެ.

ރިއާނާގެ ފޭނުން އޭނާގެ ލަވައެއް ނެރުމަށް ގޮވާލައި އިންތިޒާރު ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަށް އެތައް އަހަރެއް ވަންދެން ރިއާނާ ދެމުން އައި ޖަވާބަކީ "ވަރަށް އަވަހަށް" އާ މިއުޒިކް ނެރޭނެ ކަމަށެވެ. އެއަށްފަހު ހަ އަހަރު ވީއިރު އޭނާގެ ކޮސްމެޓިކް ލައިނެއް ވަރުގަދަކޮށް، ދަރިއެއް ހޯދައި އާއިލާއެއް ވެސް ވަނީ ފަށާފައެވެ.

މީގެ ހަފުތާއެއް ކުރީން މުޅި ސޯޝަލް މީޑިއާ ސިއްސުވާލީ ރިއާނާ ސްޓޫޑިއޯއަށް ދިޔަ ވާހަކައާ އެކުގައެވެ. އެތައް ބައެއްގެ އިންތިޒާރު އަނެއްކާވެސް އާވެގެން އައީ އޭނާގެ އަލްބަމެއް ފެނިދާނެ ކަމުގެ އުއްމީދުގައެވެ.

ދެން އެންމެ ފަހުން ރިއާނާ ވަނީ ސޯޝަލް މީޑިއާއަށް ރަގްބީ ބޯޅައެއް ހިފަހައްޓައިގެން ހުރި ފޮޓޯއެއް ޕޯސްޓުކޮށްފައެވެ. އަދި ކުރިއަށް އޮތް އެންއެފްއެލްގެ ސުޕަބޯލްއިން އޭނާ ފެނިގެންދާނެކަން ރިއާނާ ވަނީ ހާމަކޮށްފައެވެ.

މިއީ 2016 ވަނަ އަހަރަށް ފަހު އޭނާ ޕާފޯމް ވެސް ކުރާ ފުރަތަމަ ފަހަރެވެ. އެއާއެކު ފޭނުން ތިބީ ވަރަށް ކެތްމަދުވެފައެވެ. އަދި ރިއާނާގެ ފަރާތުން އާ މިއުޒިކް ފެންނާނެ ކަމުގެ އުންމީދުގައި ފޭނުންގެ އިންތިޒާރު ވަނީ ކޮޅުން ލާފައެވެ. ނަމަވެސް ރިއާނާގެ ޕަފޯމެންސް އާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ރިއާނާ ޕާފޯމް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 12ގައި ބާއްވާ ސުޕަބޯލްގައެވެ.

comment ކޮމެންޓް