ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ޖޫން 7، 2021: ރާއްޖެއިން ކޮވިޑް19ގައި ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް ޖެހިގެން ރާއްޖޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނި ގޮތުގައި، މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. ހުޅުމާލޭ އޮރެންޖް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އެ މީހާ މަރުވެފައިވަނީ މިއަދު ހެނދުނުއެވެ.

އެންމެ ފަހުން ރާއްޖެއިން ކޮވިޑްގައި މީހަކު މަރުވެފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ވެސް މަރުވެފައިވަނީ ހުޅުމާލޭ އޮރެންޖު ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.

ރާއްޖެއިން ކޮވިޑްގެ ކޭސްތައް މަދުވެފައި އޮތުމަަށްފަހު، އަނެއްކާވެސް މިވަނީ ކޭސްތައް އިތުރުވާން ފަށާފައެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ، ކުރިއަށް އޮތް ސްކޫލު ބަންދުގެ ކުރިންވެސް ކޭސްތައް މަދު ކުރެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އާއްމުން އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

އެޗްޕީއޭއިން އިލްތިމާސް ކޮށްފައި ވަނީ އަމިއްލަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމާއި ސާފުތާހިރު ވުމުގެ އިތުރުން ވެކްސިން ޖެހުމަށެވެ.

comment ކޮމެންޓް