ކުރެވޭ ތުހުމަތުތަކާއެކު ނާޒިމް ސައްތާރުގެ ޓްވިޓާ އެކައުންޓް ގެއްލިއްޖެ

ވަކީލް ނާޒިމް ސައްތާރު--- ފޮޓޯ

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަޙުމަދު ނާޒިމް ޢަބްދުލް ސައްތާރު، އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ލީކުވި މައްސަލަ ފުލުހުން ބަލަން ފަށާފައިވަނިކޮށް އޭނާގެ ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކޮށްލައިފިއެވެ.

އެ މައްސަލަ ބަލަން ފަށާފައިވާއިރު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

އެ މައްސަލަ ފެންމަތިވެފައިވަނިކޮށް އިއްޔެ ހަވީރު 17:00 ހާއިރު އޭނާ ވަނީ ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. އަދި އޭނާ ފުލުސް އޮފީހުން ނިކުތީ 18:40 ހާއިރުއެވެ.

އެކަމާ ގުޅުގެން "ސަން"އިން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން ފުލުހުންގެ ފަރާތުން އެއްވެސް ބަހެއް ލިބިފައިނުވާތީ ނާޒިމް ފުލުސް އޮފީހަށް ހާޒިރުކުރީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ ވީޑިއޯއާ ގުޅިގެން ކަމެއް ސާފުވާގޮތެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ. އޭގެ ތެރެއިން އެކަކީ ނާޒިމެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ނާޒިމްގެ ވީޑިއޯ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ. އެ މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ގޮސްދާނެތީ ޕާސްޕޯޓް ހިފެހެއްޓުމަށް ވެސް ގޮވާލައިފައިވެއެވެ.

އޭގެ އިތުރުން މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ސަރުކާރުން މީގެ ކުރިން އިހުމާލު ވެފައިވާ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

comment ކޮމެންޓް