ލަންކާގައި ތެޔޮ ހޯދަން ފަސް ދުވަސް ވަންދެން ކިޔޫގައި ހުރި މީހަކު މަރުވެއްޖެ

ޕެޓްރޯލް ގަންނަން ކިޔޫ ހަދާފައި -- ފޮޓޯ/ އޭއެފްޕީ

ސްރީލަންކާގެ ކަލުތަރާ ޑިސްޓްރިކްޓްގެ ބަޓަގޮޑާގައި ތެޔޮ ހޯދުމަށްޓަކައި ފަސް ދުވަސް ވަންދެން ކިއުގައި މަޑުކޮށްގެން ހުރި މީހަކު މަރުވެއްޖެއެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން މަރުވެފައި ވަނީ 63 އަހަރުގެ ފިރިހެނެކެވެ. އޭނާ ކިޔޫގައި މަޑުކޮށްގެން ހުރީ ޑީސެލް ވިއްކާ ސްޓޭޝަނެއް ކައިރީ ކަމަށް އެ ނޫސްތަކުގައިވެއެވެ.

މީގެ ހަފުތާއެއް ކުރިން ލަންކާގައި ޕެޓްރޯލް ކިއުއެއްގައި ހުރި އުމުރުން 53 އަހަރުގެ މީހަކުވެސް މަރުވެފައިވެއެވެ. ރިޕޯޓުތަކުން ބުނާގޮތުން އެ މީހާ މަރުވީ ހިތް ހުއްޓިގެންނެވެ.

ސްރީލަންކާގެ އިގުތިސޯދީ ހާލަތު ދުވަހުން ދުވަހަކަށް ގޯސްވަމުން އަންނައިރު، ތެޔޮ ގަތުމަށްޓަކައި ގިނަ އިރުވަންދެން ކިޔޫގައި މަޑުކޮށްގެން ތިބެން ޖެހުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އިތުރު މީހުން މަރުވެފައިވެއެވެ.

ސްރީލަންކާއަށް މިހާރު ދިމާވެފައިވާ ހާލަތަކީ މިހާތަނަށް އެގައުމު ދުށް އެންމެ ބޮޑު އިގުތިސާދީ ކާރިސާއެެވެ. އެގޮތުން އެގައުމުގެ ބޭރުގެ ދަރަނިތައް ބޮޑުވެ، ކަރަންޓް ކެނޑި، ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި ހޯދުމުގައި ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ތެޔޮ ލިބުމުގެ ދަތިކަން ސްރީލަންކާއަށް ކުރިމަތިވެފައި ވަނީ ތެޔޮ ގަންނަން ބޭރު ފައިސާ ނެތުމުގެ ސަބަބުން ރަޝިއާއާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުންނެވެ.

ލަންކާ ބޭރު ފައިސާއަށް ޖެހުނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ބޯޑަރުތައް ބަންދު ކުރަން ޖެހި، ފަތުރުވެރިކަން ހުއްޓުމުންނެވެ. އެގައުމުގެ އިގްތިސާދީ ތަދުމަޑުކަމާއެކު ފައިސާގެ އަގު ވެއްޓި އިންފްލޭޝަން މަތިވުމުން އާންމުންގެ އަތްމަތި ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގައި ރައްޔިތުންނަށް އެހީވުމަށް ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ މިއަހަރުގެ ކުރީކޮޅު އެގައުމުގައި ބޮޑެތި މުޒާހަރާތައް ބޭއްވިއެވެ. އަދި މުޒާހަރާތައް ފުޅާވެ، ހަމަނުޖެހުންތައް އުފެދުމުގެ ސަބަބުން ބޮޑުވަޒީރު ކަމުގައި އޭރު ހުންނެވި މަހިންދަ ރާޖަޕަކްސަ ވަނީ މިދިޔަ މެއި މަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

comment ކޮމެންޓް