މަޖުބޫރުވެގެން، ސްރީލަންކާގެ ރައީސް ވެރިކަމުގެ ބޮޑެތި ބާރުތަކެއް ދޫކޮށްލައްވަނީ

ރައީސް ގޮތަބަޔަ ރާޖަޕަކްސަ

ކޮލަންބޯ (23 ޖޫން 2022): ސްރީލަންކާގެ ރައީސަށް ލިބިދޭ ގާނޫނީ ބާރުތައް ކުޑަކުރުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނައުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު ބަންދޮލާ ގުނަވަރުދަނާ ވިދާޅުވީ ރިޔާސީ ބާރުތައް ކުޑަކުރުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް އެބަދަލުތައް ޕާލަމެންޓަށް ހުށަހެޅުމަށް ބަންޑާރަ ނައިބަށް އެންގުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ނިންމާފައިވާ ކަމަށެވެ.

މިބަދަލުތައް ގެނައުމުގެ ކަންތައް ބަންޑާރަނައިބުގެ އޮފީހުން ނިންމުމަށްފަހު އަންނަ ހަފުތާގައި މިކަމާ ބެހޭ ބިލު ޕާލަމެންޓަށް ހުށަހަޅާނެކަަމަށް ބެލެވޭކަމަށްވެސް ގުނަވަރުދަނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމަށް އެގައުމުގެ ޕާލަމެންޓްގެ ތިން ބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ބޭނުންވެއެވެ. ސްރީލަންކާގެ ވެރިކަންކުރާ ކޯލިޝަނަށް މިވަރުގެ އަޣްލަބިއްޔަތެއް ޕާލަމެންޓްގައި މިވަގުތު ނެތް ނަމަވެސް މިއީ ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ކޮންމެހެން ބޭނުންވާ އިސްލާހެއް ކަމަށްވާތީ ކޯލިޝަނުން ބޭރުގައި ހިމެނޭ ބައެއް ޕާޓީތަކުންވެސް މި އިސްލާހަށް ތާއީދުކޮށް ވޯޓު ދޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ސްރީލަންކާގެ ޕާލަމެންޓް

މި އިސްލާހަށް ތާއީދުކުރާނެކަން ނުވަތަ ނޫންކަން ސްރީލަންކާގެ އިދިކޮޅު ކޯލިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ. އިދިކޮޅުގެ އެއްބާރުލުމާ ނުލައިވެސް މި އިސްލާހު ފާސްކުރެވޭނެކަމަށްވަނީ ބެލެވިފައެވެ.

ސްރީލަންކާގެ ވެރިކަމުގެ ނިޒާމަށް ބައެއް އިސްލާހުތައް ގެނައުމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ލޯނު ޝަރުތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ސްރީލަންކާ ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށް ބޭނުންވާ ލޯން ހޯދުމުގެ މަޝްވަރާތައް އައިއެމްއެފްއާއެކު މިހާރު ގެންދަނީ ކުރަމުންނެވެ.

ސްރީލަންކާއަކީ ކުރިން ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރަމުން ގެންދިޔަ ގައުމެކެވެ. ސްރީލަންކާ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރީ 1978 ވަނަ އަހަރު، ޖޭއާރު ޖަޔަވަރުދަނާގެ ރައީސް ކަމުގައެވެ. ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ނިސްބަތްވެ ވަޑައިގެންނެވި ޖަޔަވަރުދަނާއަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނިލްވިކްރަމަސިންހަގެ ދެބޭންގެ ދެދަރި ބޭބެއެކެވެ.

ސްރީލަންކާގައި ބަރުލަމާނީ ނިޒާމަށް ބޮޑުވަޒީރުކަން ކުރެއްވި އަންހެން ބޮޑުވަޒީރު ސިރީމާއޮ ބަންޑާރަނަޔަކަގެ ވެރިކަން 1977 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ވެއްޓުމާއެކު ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ޔޫއެންޕީގެ ފަރާތުން ޖޭއާރު ޖަޔަވަރުދަނާއެވެ.

ޖަޔަވަރުދަނާގެ ބޮޑުވަޒީރުކަމުގައި ސްރީލަންކާގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރިއެވެ. އެހެންކަމުން ޖަޔަވަރުދަނާ 1978 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ވެރިކަން ކުރަން ފެއްޓެވީ ބާރުގަދަ ރައީސެއްގެ ގޮތުގައެވެ.

ނަވާރަސަތޭކަ ހަތްދިހައަށް ވަނަ އަހަރު ސްރީލަންކާގެ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަށްފަހު އެތައް ރައީސުންނެއް އެގައުުމުގައި ރައީސްކަން ކުރެއްވިއެވެ. ދިގުމުއްދަތަކަށްފަހު ސްރީލަންކާގެ ރައީސަށް ދީފައިވާ ބާރުތައް ކުޑަކުރީ 2015 ވަނަ އަހަރު މައިތުރިޕަލަ ސިރިސޭނާގެ ރައީސްކަމުގައި ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކާއެކުއެވެ.

އެއަށްފަހު މިހާރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ފަހުކޮޅު އަނެއްކާ ސްރީލަންކާގެ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނަސް ރައީސަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. މީގެތެރޭގައި ޕާލަމެންޓްގެ ރުހުންނެތި މިނިވަން މުއައްސަސާތަކަށް މެންބަރުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބިދިނުން ހިމެނެއެވެ. ވަޒީރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރާއި އަމިއްލައަށް ވުޒާރާތައް ހިންގުމުގެ ބާރާއި ފުލުހުންނާއި ސިފައިންގެ އެންމެ މަތީ މަގާމުތަކަށް ވެރިން އައްޔަންކުރުމުގެ ބާރުތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މިބާރުތަކަކީ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ދޫކުރަން އަދިވެސް ބޭނުންވާ ބާރުތަކެއް ނޫނެވެ. ނަމަވެސް އައިއެމްއެފްއިން ލޯން ހޯދަންޖެހުމާއި އިގްތިސާދީ ކާރިސާއާ ގުޅިގެން ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތައް މައިތިރި ކުރެވޭނީ ބާރުތައް ދޫކޮށްލައިގެން ކަމަށްވާތީ މިކަންކުރަން މިހާރުވަނީ ރައީސް ގޮތަބަޔައަށް މަޖުބޫރުވެވަޑައިގެންފައެވެ.

ސްރީލަންކާގެ ގާނޫނުއަސާސީގައި ރައީސަށް ލިބިދޭ އާރާއިބާރުގެ މާއްދާ އިސްލާހުކުރުމުގެ ޑްރާފްޓަށް ކިޔަނީ އެކާވީސްވަނަ އިސްލާހެވެ. ޕާލަމެންޓުން މި އިސްލާހު ފާސްކޮށްފިނަމަ ރައީސަށް ލިބިފައިވާ ވަރަށް ގިނަ ބާރުތަކެއް ގެއްލިގެންދާނެއެވެ. އަދި ވެރިކަން ހިންގުމުގެ ބައެއްކަންކަމުގެ ތެރެއަށް ވަނުމުގެ ބާރާއި މިނިވަން މުއައްސަސާތަކަށް މެންބަރުން އިންތިޚާބު ކުރުމުގެ ބާރު ޕާލަމެންޓަށް ލިބިގެންދާނެއެވެ.

މިބަދަލުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ ސްރީލަންކާގެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އަލުން ކަށަވަރު ކުރުމެވެ. އަދި ތަންފީޒީ ބައެއްކަންކަމުގެ ތެރެއަށް ވަނުމުގެ ބާރު ޕާލަމެންޓަށް ދިނުމާއި ރައީސަށް ލިބިދޭ ބާރުތަކުގެ ބޮޑުބައެއް ބޮޑުވަޒީރާ ހިއްސާކުރުމެވެ.

ރިޕޯޓްތައް ބުނާގޮތުން ސްރީލަންކާގެ ގާނޫނުއަސާސީ އިސްލާހުކޮށް ބާރުތައް ދޫކޮށްލެއްވި ނަމަވެސް އިގްތިސާދީ ކާރިސާއިން ސަލާމަތް ނުވާނަމަ ރައްޔިތުންގެ ރުހުމެއް ގޮތަބަޔައަށް ނުލިބޭނެއެވެ.

އިގްތިސާދީ ކާރިސާއިން ސަލާމަތްވެއްޖެނަމަ ރައްޔިތުން ކޮންމެވެސް ވަރަކަށް މައިތިރި ވެދާނެއެވެ. ނަމަވެސް ރައްޔިތުން ދެން ރާޖަޕަކްސަގެ އާއިލާއަކަށް އިތުބާރެއް ނުކުރާނެއެވެ. އަދި ކައިރި މުސްތަގްބަލެއްގައި ރައްޔިތުންގެ ގިނަބަޔަކު ދެން އެއާއިލާގެ މެންބަރަކަށް ވޯޓުވެސް ނުދޭނެއެވެ.

ގޮތަބަޔައާއި އޭނާގެ އާއިލާގެ ވެރިކަމުގައި ސްރީލަންކާގެ އިގްތިސާދު ވަނީ މުޅިން އިނދަޖެހިފައެވެ. ގައުމުވަނީ މާލީ ގޮތުން ބަނގުރޫޓުވެފައެވެ. ރައްޔިތުންވަނީ އިގްތިސާދީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ.

comment ކޮމެންޓް