ޔޯގާ ހަމަނުޖެހުން: ޝެއިހް ނިޝާނަށް ހަތް ދުވަސް މުހައްމަދު އިސްމާއީލް ފަސް ދުވަހަށް ޖަލަށް

އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދު

ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމާ ދެކޮޅަށް ހިންގި ހަރަކާތްތަކާ ގުޅިގެން ހައްޔަރުކުރި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލް އަދި އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް އެކަމަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމަށްފަހު މުހައްމަދު އިސްމާއީލްއާ ޝެއިހް ނިޝާން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝެއިހް ނިޝާންގެ ބަންދަށް ވަނީ ހަތް ދުވަސް އިތުރުކޮށްދީފައެވެ. އަދި މުހައްމަދު އިސްމާއީލްގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެ ދެ މީހުންގެ އިތުރުން އިއްޔެ ވަނީ އައްޝައިޚް ފަޒްލޫން ބިން މުޙައްމަދު ވެސް ހައްޔަރު ކޮށްފައެވެ. އޭނާ ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު އަދި ބަންދާ މެދު ގޮތެއް ނުނިންމައެވެ.

ޔޯގާ ދުވަސް ފާހަގަކުރިޔަ ނުދިނުމަށްޓަކައި ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މީގެ ކުރިން ވަނީ ހަ މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ދެ މަސް ދުވަސް އިތުރުކޮށްފައިވާއިރު ދެ މީހެއްގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.

comment ކޮމެންޓް